ހުޅުމާލޭގައި ހުޅުވި“ ޕެޓް ކެއަރ“ ފެސިލިޓީއަށް އަށް މިހާތަނަށް މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންގޮސްފައިނުވާތީ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ވުޒާރާއިން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ޕެޓްކެއަރ ފެސިލިޓީ ރަސްމީކޮށް ހުޅުވުމަށްފަހު މިއަދާހަމައަށް ވެސް މަގުމަތީގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން އެކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއެކު ވަނީ މަޝްވަރާބައްދަލުމެއް ބާއްވާފައިއެވެ.
ކެޓް ޝެލްޓާ ޤާއިމުކުރުމަށް، ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައި ވަނީ 5000 އަކަފޫޓުގެ ބިމެކެވެ. އެތަން ހުޅުވުމުން ފިޔަވަހިތަކަކަށް ބަހައިލައިގެން މާލޭގައި އުޅޭ ބުޅާތައް އެ ތަނަށް ގެންދިއުމުން ބުޅަލުގެ ސަބަބުން މިހާރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތައް ޙައްލުވެ، އަދި އެ ބުޅާތަކަށްވެސް އަމާން ވެއްޓެއް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ. ޕެޓް ޝެލްޓަރގައި އޯގާތެރިކަމާއެކު ބުޅާ ބަލަހައްޓައި، ކާންބޯންދީ، ބޭސްފަރުވާ ކުރެވޭނެ އިންތިޒާމާ، އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ މީހުންނާއި، ޑޮކްޓަރުން އެތަނަށް ގެންދިއުމަށް ނިންމައިފަިއވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ޕެޓް ކެއަރ ފެސިލިޓީ ޤާއިމުކުރުމުގެ ބޭނުމަކީ، މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ގޮތުގައި، ސަރުކާރުން ޒަމާނީ ޕެޓް ކެއަރ ފެސިލިޓީއަކާއި ވެޓެރިނަރީ ހޮސްޕިޓަލެއް ޤާއިމުކޮށް، ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒުކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

