ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޖީބުގެ މަރު ސާބިތުކުރި ލިއުމުގައި ސޮއިިކުރެއްވިި ޑޮކްޓަރު ވިދާޅުވީ، އެންމެ ބުރަވެވެނީ އޭނާ މަރުވީ ކަރަށް ފިތިގެންކަމަށް

ނަޖީބުގެ މަރުގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވަކީލު އަހްމަދު ނަޖީބުގެ މަރުގެ މައްސަލައިގައި ށ.ގޮއިދޫ ރިހާބު، ފާތިމަތު ހަނާ މެރުމަށް ކޮށްފައިވާ ހުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމުގެ އަޑުއެހުމެއް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އުފުލި ދައުވާ ސާބިތުވެ ހަނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2012 ޖުލައި 19 ވަނަ ދުވަހުއެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ. އެހެންކަމުން އެ ހުކުމް ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައެޅުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީއެވެ.

މަރުގެ ޙުކުމްތައް ނިހާއީ ޙުކުމެއްގެ ގޮތުގައި ކަނޑައެޅެނީ ހައިކޯޓުންވެސް އަދި ސުޕްރީމް ކޯޓުންވެސް އެކަން ކަށަވަރު ކުރުމަށްފަހުއެވެ.

ނަޖީބު މަރާލުމުގައި ބައިވެރިވިކަމަށް ޝަރީއަތުގެ މަރުހަލާގައި ހަނާ ވަނީ އިއުތިރާފު ވެފައެވެ. އޭނާގެ މައްޗަށް މި މައްސަލައިގައި އުފުލީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެހެންނަމަވެސް ފަހުން ހަނާ ވަނީ އިއުތިރާފުން ރުޖޫއަވެފައެވެ. އެގޮތުން ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި ހަނާ ބުނެފައިވާ ގޮތުގައި އޭރު އޭނާ އިއުތިރާފްވީ ކަންތައްތައް ދިމާވި ގޮތުން، ނަޖީބް މަރުވީ އޭނާގެ ސަބަބުން ކަމަށް ކުރިން ގަބޫލުކުރެވުމުން ކަމަށެވެ. އެކަމަކު މިހާރު ވިސްނާލުމުން ހަގީގަތަކަކީ އެއީ ނޫންކަން އެނގޭ ކަމަށާއި، އަދި މިހާރު އޭނާގެ މައްޗަށް އައިސްފައިވާ ހުކުމަކީ ހައްގު އަދަބެއް ކަމަށް ގަބޫލު ނުކުރާކަމަށް ހަނާ ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި އޮތީ މި މައްސަލައާ ގުޅިގެން ފަނޑިޔާރުން ސާފުކުރައްވަން ބޭނުންވާ ކަންކަން ހުރުމުން، އެކަންކަން ސާފު ކުރެއްވުމަށް ޑރ އަބްދުﷲ އަދްޞަރު ހާޒިރުކޮށް ސުވާލު ކުރެއްވުމެވެ. އޭނާއަކީ ނަޖީބުގެ ހަށިގަނޑުގެ ބޭރުފުށުގެ އެގްޒެމިނޭޝަން ހެއްދެވި ޑޮކްޓަރެވެ.

ހެކިބަސް ދެއްވަމުން ޑޮކްޓަރ ވިދާޅުވީ، ނަޖީބުގެ ކަރުގެ ވަށައިގެން ދެފަހަރަށް ފޮތިން ބަނދެފައިިވާކަން ފާހަގަވެފައިވާ ކަމަށާއި، މޫނު މަތީގައި ޓޭޕް އޮޅާފައި ހުރިކަމުގެ ނިޝާންތައް ހުރި ކަމަށެވެ. އަދި ކަރު ބަނދެފައި ވުމުގެ ސަބަބުން ސިކުނޑިއަށް ލޭ ދިއުން ހުއްޓި، ނޭވާ ހާސްވެ ސިކުނޑި މަރުވުމަށް މަގުފަހިވެފައިވާކަމަށް ބެލެވޭކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، އެކަންކަމަކީ އޭރު ހަށިގަނޑު ބެލުމަށްފަހު ނަޖީބު މަރުވެފައިވާކަމަށް ބެލެވުނު ސަބަބުތައްކަން ޑރ ފާހަގަ ކުރެއްވިއެވެ. އަދި އެއީ އޭރު ބޭރުފުށުން ފެނުނު އަލާމަތްތަކުގެ ތެރެއިން ނަޖީބު މަރުވިކަމަށް އެންމެ ބޮޑަށް ބެލެވުނު ސަބަބުކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ.

ހަށިގަނޑުގެ ބޭރުފުށަށް ބަލާއިރު، ނަޖީބު މަރުވިކަމަށް ބެލެވޭ ދެވަނަ ސަބަބެއް ކަމަށް ޑޮކްޓަރ ވިދާޅުވީ، ލިބުނު ޙަމަލާތަކުގެ ސަބަބުން ހަށިގަނޑުން ލޭ ބޭރުވެ، ހިތުގެ ޕްރެޝަރ ދަށްވެ، ގުނަވަންތަކަށް އޮކްސިޖަން ނުލިބިި ދަށްވުމެވެ. ނަމަވެސް ހަށިގަނޑު އެގްޒެމިން ކުރިއިރު މާ ގިނަ ލޭ ފައިބާފައިނުވާކަމަށާއި، ޙާދިސާ ހިނގި ތަނުގައި ލޭ ހުރުން އެކަށީގެންވާތީ ހަމައެކަނި ހަށިގަނޑުގެ ބޭރުފުށުގެ އެގްޒެމިނޭޝަނުން އެ ސަބަބު އެވަގުތު ކަށަވަރު ކުރެވެން ނެތްކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ނަޖީބު މަރުވުމަށް ދިމާވި މައިގަނޑު ސަބަބެއްކަމަށް ފާހަގަ ކުރެވެނީ ސްޓްރެންގިއުލޭޝަން (ކަރަށް ފިތިފައިިވުން) ކަމަށް ޤަބޫލުކުރެވޭކަމަށް ޑޮޮކްޓަރ އިތުރަށް ފާހަގަ ކުރެއްވިއެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ދައުލަތުން ހަނާގެ އިއުތިރާފަށް ބަލައިގެން ޙާދިސާ ހިނގިތާ 2 ދުވަހުގެ ތެރޭގައި ދައުވާ ހުށަހަޅާފައިވަނީ އެކަށީގެންވާ ފަރުވާތެރިކަމާއެކުތޯވެސް ސުވާލު ކުރައްވާފައެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނީ، ދައުލަތުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި، އެހާ އަވަހަށް ދައުވާކުރީ ތުހުމަތު ކުރެވޭ 2 މީހުން ވެފައިވާ އިއުތިރާފާ ގުޅިގެން ކަށަވަރުވާ މިންވަރަށް ހެކި ހުރުމުން ކަމަށެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު ކުރެއްވުމަށްފަހު، ދެފަރާތަށްވެސް ވާހަކަ ދެއްކުމަށް އިތުރު ފުރުސަތެއް ދެއްވިއެވެ. އަދި އެއަށްފަހު އަޑުއެހުން ވަނީ ނިންމަވާލައްވާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާން އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ނަޖީބު މަރާލި ދުވަހު ކަންކުރި ގޮތް:

ނަޖީބު މަރާލި ދުވަހު ކަންކުރި ގޮތްވެސް ހަނާ ވަނީ ސުޕްރީމް ކޯޓުގައި މީގެ ކުރިން ކުރިއަށް ދިޔަ އަޑުއެހުމުގައި ކިޔާދީފައެވެ. ހަނާ ބުނީ، އެރޭ ނަޖީބު މުއްރަތުގެ ގެއަށް ގެނައީ ގޯތީގެ މައްސަލައެއްގެ ޤާނޫނީ ލަފައެއް ހޯދުމަށް ކަމަށާއި، ނަޖީބު އާއި އެއްކޮށް ހަނާ އަދި މުއްރަތު ކޮޓަރިއަށް ވަނީ ވާހަކަ ދައްކާލުމަށް ކަމަށެވެ.

ހަނާ ބުނީ، މުއްރަތު ދިޔުމުން ނަޖީބުގެ ފަރާތުން އުނދަގޫވާ ކަންތައްތަކެއް ދިމާވި ކަމަށާއި، އެ ވާހަކަ މުއްރަތުއަށް އެވަގުތު ތިރިއަށް ގޮސް ކިޔައިދިން ކަމަށެވެ. އަދި އެވާހަކަތައް ކިޔައިދިނުމުން، މައްޗަށް ދިއުމަށް މުއްރަތު ހަނާ ގާތު ބުނިކަމަށާއި، އޭގެ އިރުކޮޅެއްފަހުން މުއްރަތު އައިއިރު އޭނާ ހުރީ ވަޅިއެއް ހިފައިގެން ކަމަށް ހަނާ ބުންޏެވެ.

އަދި އެވަޅި ނަޖީބުގެ ކަރުގައި ޖެއްސުމަށްފަހު ހާނާއާ ދޭތެރޭ ކަންތައް ކުރި ގޮތާމެދު ސުވާލުކޮށް، ހަޑިހުތުރު ބަހުން ވާހަކަދެއްކި ކަމަށާއި، ނަޖީބުގެ އަނގައިގައި ޓޭޕް އެޅުމަށް ހަނާއަށް އެންގި ކަމަށް ހަނާ ބުންޏެވެ.

ހަނާ ބުނީ، މުއްރަތުގެ އެދުމަށް، ނަޖީބުގެ އަނގަޔާއި ލޮލާއި މޫނު ނިވާވާނެހެން ޓޭޕް އެޅިކަމަށާއި، ނޭފަތުގައި ޓޭޕްއަޅާފައި ނުވާނެ ކަމަށެވެ. އަދި ޓޭޕް އެޅުމުން، މުއްރަތު ނަޖީބުގެ ވޮލެޓް ނަގައި، ކޭޝްކާޑުގެ ޕިން ކޯޑު ހޯދިކަމަށާއި، ހަނާއާއި އެކުގައި ބޭރަށް ގޮސް އައިޖީއެމްއެޗް ކައިރި ހުރި އޭޓީއެމްއިން ފައިސާ ނަގައިގެން އެ ފައިސާއަށް ކާއެއްޗިއްސާއި ބަނގުރާ ގަނެގެން ގެއަށް އައި ކަމަށް ހަނާ ބުންޏެވެ. ހަނާ ބުނީ، ގެއަށް އައިސް ރާ ބުއިމުގެ ސަބަބުން އޭނާއަށް ނިދުނީ ކަމަށާއި، އަދި އޭނާއަށް ހޭލެވުނީ މުއްރަތުގެ ހަޅޭކުގެ އަޑަށް ކަމަށެވެ.

ހަނާ ބުނީ މުއްރަތު ނަޖީބު މަރާލީ، ނަޖީބު އަޑުގަދަކޮށް ހަޅޭއްލަވާ ހެދުމުން ކަން މުއްރަތުގެ ވާހަކައިން އެނގުނު ކަމަށާއި، ނަޖީބު މަރާލުމުން ވަރަށް ހާސްވި ކަމަށެވެ. ވަކިން ޚާއްސަކޮށް ގިނަ ދުވަސްތަކެއް ވަންދެން މުއްރަތުއާ ގުޅިގެން އުޅެފައިވުމުން، އޭނާ ހާސްވެގެން ރޯންފެށުމުން ކަންބޮޑުވި ކަމަށް ހަނާ ބުންޏެވެ. އަދި އެ ހިސާބުން ހަށިގަނޑު ޑިސްޕޯސް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ހަނާ ބުންޏެވެ.

ހަނާ ބުނި ގޮޮތުގައި އޭރު އޭނާއަށް ދައުވާއަށް އިއުތިރާފު ވެވުނީ އެ ސަބަބުތަކާހުރެއެވެ. ނަމަވެސް ނަޖީބު މަރާލާފައި ވަނީ އޭނާ ނޫންކަމަށް ފަހުން ޤަބޫލު ކުރެވުނުކަމަށްވެސް ހަނާ ކިޔާދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: