އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް، ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ވަކީލު މުޙައްމަދު ރާޤިބްއެވެ. އޭނާއަކީ އެންވަޔަރމަންޓް މިނިސްޓްރީގެ ޑެޕިއުުޓީ މިނިސްޓަރެކެވެ.
ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާޤިބް ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ދެއްވިއިރު، ތިނަދޫއަކީ ޤާނޫނުގައި ބުނާ 10،000 މެމްބަރުން ހަމަވާ ރަށެއް ނޫން ކަމަށެވެ. އަދި އޭރު އެ ނިންމުން ނިންމާފައިވަނީ ރަށު ކައުންސިލުން އާބާދީގެ ރަސްމީ އަދަދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އޮޅުވާލައިގެން ދީފައިިވާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުުރުން، އޭރު އާބާދީ ލިސްޓުގައި 10،150 މީހުން ހަމަވާކަމަށް ފެންނަން އޮތީ އެކެއްގެ ނަމުގައި ޑުޕްލިކޭޓްކޮށް އައިޑީކާޑުު ހަދައި، ތަކުރާރުކޮށް ނަންތައް ހިމަނައިގެންކަންވެސް ފާހަގަކޮށްފައިވެއެވެ.
އެހެންްކަމުން ތިނަދޫޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އޭރު ރައީސް ނެރުއްވި ޤަރާރު ބާތިލުކޮށްދެއްވުމަށާއި، ޤަރާރަށް އަމަލު ކުރުމުގެ ގޮތުން މިހާތަނަށް ނިންމާފައިވާ ނިންމުންތައް ޤާނޫނީ ހަމަތަކުގެ މަތިން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް މައްސަލައިގައި އެދިފައިވެއެވެ.

