ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ވަކި ކުރުމަށް ނިންމި މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ޒާހިރު މަގާމުގައި ބެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
މަޖިލީހުގެ ތަޅުމުގައި މިއަދު ނެގުނު ވޯޓުން ނިންމީ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި، މެމްބަރު މުހައްމަދު އަސިފެވެ.
ރިޔާސީ އިންތިހާބުގެ ރީ ރެޖިސްޓްރޭޝަން އޮޅުވާލިކަމަށް ތުހުމަތާއި އެކު ތިން މެމްބަރުންގެ މައްޗަށް ކުރަނީ އިންތިހާބުގެ ޑޭޓާ ބޭސްއިން އެޕްލިކޭޝަން ހަދައިގެން ވިއްކުމެވެ.
މަޖިލީހުގު ތަޅުމުގައި މިއަދު ނެގި ވޯޓުގައި ނަޝާތު މަގާމުން ވަކި ކުރަން ފެންނަކަމަށް ވޯޓު ދެއްވާފައި ވަނީ 69 މެމްބަރުންނެވެ. އަދި އާސިފް ވަކި ކުރަން 68 މެމްބަރުން ވޯޓު ދެއްވި އެވެ. ދެ މެމްބަރުން ވެސް މަގާމުން ވަކި ކުރުމަށް ނުފެންނަކަމަށް އެވަގުތު ހާޒިރުވެ ތިއްބެވި އެމްޑީޕީގެ 10 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ.
މީގެއިތުރުން އެމްޑީޕީގެ ވޯޓު ހިމެނޭހެން، ޕީއެންސީގެ ވޯޓާއި އެކު ޖުމްލަ 70 ވޯޓުން ޒާހިރު މަގާމުން ވަކި ނުކުރުމަށް ވަނީ ނިންމާފަ އެވެ. ޕީއެންސީގެ މެޖޯރިޓީއެއް އޮތް މަޖިލިސް ކޮމިޓީގައި ވެސް ޒާހިރު ވަކި ކުރުމަށް ނިންމުމަށް ފަހު، ތަޅުމުގައި އެހީ ވޯޓުގައި އޭނާ މަގާމުގައި ބެހެއްޓުމަށް ނިންމީ ކޮން ސަބަބަކާއި ހުރެކަން ސާފެއް ނޫނެވެ.
ތިން މެމްބަރުންގެ މައްސަލައިގައި މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ފާސްކުރި ރިޕޯޓުގައި ވަނީ ނަޝާތާއި، އާސިފްގެ އިތުރުން ޒާހިރު ވަނީ އެބޭފުޅުންނާއި ގުޅުން އޮންނަ ވިޔަފާރި ކުރާ ކުންފުންޏަކުން ކޮމިޝަނަށް ބައެއް ސާމާނު ހޯދާފައިކަމަށެވެ.
މެމްބަރުންގެ މެދުގައި ދެކެވޭ ވާހަކައިގައި ކޮރަޕްޝަނަކީ މައްސަލައެއް ނޫންކަމަށް ބުނުމާއި، ފައިސާއަށްޓަކައި ވޯޓު ވިއްކުމަކީ މައްސަލައެއް ނޫންކަމަށް ބުނާކަމަށް ރިޕޯޓުގައި ވެއެވެ.
މީގެއިތުރުން ރިޕޯޓުގައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސޮއި ކުރި މެމްބަރުންގެ ލިސްޓު އޭރު ރައީސް އޮފީހުގެ އިސް ފަރާތަކަށް ފޮނުވައި އެ ޕާޓީ އުފެއްދުމުގެ މަރުހަލާގައި ޕާޓީ އުފެއްދުމަށް ހުރަސްއެޅުމަށް މަސައްކަތްކޮށްފައިކަމަށް ބުނެފައެވެ. އަދި ގަސްތުގައި ޕާޓީއަކަށް 3000 މެމްބަރުން ހަމަވިޔަ ނުދޭން މަސައްކަތް ކުރިކަމަށް ވެއެވެ.
ނަޝާތަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ކޮމިޝަނުގެ ބައެއް މުވައްޒަފުންނާ މެދު ޒާތީ ގޮތުން އަމަލު ކުރުމާއި މުވައްޒަފުންގެ މަސައްކަތަށް ހުރަސްއަޅައި އޭނާގެ ކޮރަޕްޝަނުގެ އަމަލުތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް ބިރު ދެއްކުން ހިމެނެއެވެ.

