އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ކުރިން އެކަމާމެދު ފަލަސްތީނާއި އަދި އަރަބި ގައުމުތަކުން ދެކޭ ގޮތާއި އެކަމަށް އެ ގައުމުތަކުގެ ލަފާ ހޯދަންޖެހޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން ފަލަސްތީނަށް އޮތީ ކޮން ފައިދާއެއްތޯ ބަލަންޖެހޭ ކަމަށާއި އަދި އެމީހުންނަށް އޭގެން ހިންހަމަޖެހުމާއި އުފާވެރިކަން އޮތްތޯވެސް ބަލަންޖެހޭ ކަމަށެވެ. ފަލާހު ވިދާޅުވީ އިޒްރޭލުގައިވެސް އެތައްހާސް މުސްލިމުންނެއް އުޅޭ ކަމަށާއި އެހެންކަމުން މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން އަރަބި ގައުމުތަކުގެ ލަފާ ހޯދަން ޖެހޭ ކަމަށެވެ.
އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ ކުރިން ތަފާސްހިސާބު ހޯދުމަށް ފަހު، އެއީ ކިހާ އަދަދެއްގެ މީހުންތޯ ބަލަން ވެސް 241 ކޮމިޓީން ވަނީ ނިންމައިފައެވެ. އެ ކޮމިޓީން ވަނީ އެ މައްސަލައިގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކާ ބައްދަލު ކުރުމަށް ނިންމައި އެކަމުގެ މަސައްކަތް ކުރަމުންނެވެ.

