ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުން ވަކި ކުރެވޭނެ ގޮތެއް މީގެ ކުރިން ނެތީ، އަމިއްލަ މަސްލަހަތަށް ވިސްނާފައި އޮތުމުން: އަބްދުއްސައްތާރު

މެމްބަރު އަބްދުއްސައްތާރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެނިހެން މަގާމުތަކުގައި ތިބި މީހުން ވަކި ކުރެވޭނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާއިރު މެމްބަރުން ވަކި ކުރެވޭނެ އިންތިޒާމެއް ކަނޑައެޅިފައިނުވަނީ އޭރު ތިއްބެވި މެމްބަރުން އަމިއްލަ މަސްލަހަތަށް މަސައްކަތްކުރުމުންކަމަށް ބުނުމަށް ފުރުސަތު އޮތްކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު އަބްދުއްސައްތާރުވަނީ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކާއިމެދު މައުލޫމާތު ދެއްވާފައެވެ. މެމްބަރު ވިދާޅުވީ، މެމްބަރުން މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދޭ ގޮތަށް ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތް ނިންމާނީ ކޮން ގޮތަކުންކަމާއިމެދު ސުވާލު އުފެދޭކަމަށެވެ. އަދި އެއީ ޑިމޮކްރެސީގެ އުސޫލުތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް އުސޫލަށްވެސް ވުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކުރެއްވިއިރު ރާއްޖޭގައި ގިނަ އަދަދެއްގެ އިންތިހާބުތައް ބާއްވަމުންދާކަމުގެ މައްޗަށް އަލިއަޅުއްވިއެވެ.

އަބްދުއްސައްތާރު ވިދާޅުވީ، ގައުމުގެ ކަންކަން އިންތިޒާމުވެފައިވާގޮތުން ގިނަ އަދަދެއްގެ އިންތިހާބުތައް ބާއްވަމުންދާކަމަށާއި އެކަމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރެވެމުންދާކަމަށެވެ. އެހެންކަމުން މަޖިލިސް މެމްބަރުން ވަކި ކުރުމަށްޓަކައި ރިކޯލް ވޯޓަކަށް ދިއުމަށްޓަކައި ބަލާލާއިރު އެކަމުން އަނެއްކާވެސް އިތުރު އިންތިހާބުތަކަކަށް ދޮރު ހުޅުވިގެންދާކަމަށާއި އެފަދަ އިސްލާހެއް ގެނެސްފިނަމަ އެ ގޮތުގެ މަތިން އަމަލުކުރަންޖެހޭނެކަމަށެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެމްބަރުން ވަކިކުރުމާއިމެދު ވާހަކަތައް ދެކެވެމުން އަންނައިރު މިހާތަނަށް އައިއިރު އެފަދަ މަގެއް ހުޅުވާލެވިފައިނުވާކަމަށެވެ. އަބްދުއްސައްތާރު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ވަކި ކުރެވޭ ގޮތްވެސް ބަޔާންކޮށްފައިވާކަމަށާއި އިންތިހާބީ އެހެނިހެން މަގާމުތަކުން ފެށިގެން ސިވިލް ސާވިސް މުއައްޒަފުންވެސް ވަކި ކުރެވޭނެ ގޮތްތައް ކަނޑައެޅިފައިވާކަމަށެވެ. ނަމަވެސް އަމަލު ކުރަމުން އައި ގާނޫނުއަސާސީގައި މެމްބަރަކު ވަކި ކުރެވޭނެ ގޮތެއް ނެތްކަން ތަކުރާރުކުރެއްވިއެވެ.

އެގޮތަށް ކަންކަން މީގެ ކުރިން އޮތީ ކޮން ސަބަބަކާއި ގުޅިގެންތޯ މެމްބަރު ސުވާލު އުފެއްދެވިއެވެ. އަދި އެފަދަ މަގެއް ކޮށިފައި ނެތީ މީގެ ކުރިން ތިއްބެވި މެމްބަރުން އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެގޮތުގެ މަތިން ކަނޑައަޅާފައި އޮތުމުންކަމަށް ބުނުމަށް ޖާގަ ނެތްތޯވެސް ސުވާލު ކުރެއްވިއެވެ.

އަބްދުއްސައްތާރު ވިދާޅުވީ، ގާނޫނުއަސާސީ އޮތީ ވަރަށް ރަނގަޅަށްކަމަށް ބުނިނަމަވެސް އިސްވެ ފާހަގަކުރެއްވި ގޮތަށް ބުނުމަށް ޖާގަ އޮތްކަމަށާއި ސަބަބަކީ އެހެން ހުރިހާ މަގާމުތަކެއްގައި ތިބި މީހުން ވަކި ކުރެވޭނެ ގޮތްތައް ކަނޑައަޅައި ލިޔުނު އިރުގައި ގާނޫނީ އިމުގެ ތެރެއިން މެމްބަރުން ޒިންމާދާރުކުރުވުމަށް އެއްވެސް ގޮތެއް ބަޔާންކޮށްފައި ނެތުމުންކަމަށެވެ. އަދި މެމްބަރުން ކޮންމެ ގޮތަކަށް އަމަލުކުރިނަމަވެސް ހަގީގަތުގައި ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތްކަމަށެވެ.

ނަމަވެސް މިހާރު އެކަން ބަދަލުކޮށް ފުރުސަތު ފަހިކޮށްފައިވާކަމަަށާއި ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުންވަނީ ރައްޔިތުންނަށް ދޮރެއް ހުޅުވައިދީ މެމްބަރަކު ވަކި ކުރެވޭނެ ގޮތެއް ގާނޫނުއަސާސީގައި ހިމަނާފައިކަމަށެވެ. މެމްބަރު ވިދާޅުވީ، ރިކޯލް ވޯޓަކީވެސް ރަނގަޅު ގޮތަކަށް ވުމުގެ ފުރުސަތު އޮތްކަމަށާއި ހަގީގަތުގައި އެނގޭނީ އެގޮތުގެ މަތިން މަސައްކަތްތައް ފެށުމުންކަމަށެވެ. އަދި އެކަމުގެ ސަބަބުން އަބަދު އިންތިހާބުތައް ބާއްވަން ޖެހޭ ހާލަތު އައުންވެސް އެކަށީގެންވާކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ބަލާލުމެއް ނެތި ވަކި ގޮތަކީ އެންމެ ރަނގަޅު އުސޫލުކަމަށް ބުނުމަށް ފުރުސަތު އޮތްކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: