ވ. އަތޮޅު ރަކީދޫގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ހާމަކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަރަންޓު އުފެއްދުމަށްޓަކައި، ދައުލަތުން ތެޔޮ އިމްޕޯޓުކުރުމަށް ބޮޑެތި މާލީ ޚަރަދުތަކެއް ކުރަމުން ގެންދެއެވެ. މިކަމުގެ ސަބަބުން ޤައުމުގެ މާލީ ހާލަތަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާއިރު، އައު ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ދަށްކުރުން ހިމަނާފައެވެ.
މި މަޤްޞަދު ހާސިލުކުރެވޭނީ ރާއްޖޭގައި އިޔާދަކުރަނިވި އުސޫލުން ހަކަތަ އުފެއްދުމުގެ މަސައްކަތްތައް ފުޅާކުރުމުގެ ތެރެއިންނެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް މި ދާއިރާއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހާސިލުކުރާނެކަމުގެ ޔަޤީންކަން ބައިނަލްއަޤްވާމީ މައިދާންތަކުގައިވެސް ދެއްވާފައެވެ.
ސޯލާ ސިޓީއެއް ތަރައްޤީކުރުމަށް ޢަމަލީ މަސައްކަތްތައް ކުރެވެމުންދާއިރު، އެހެނިހެން ގޮތްގޮތުންވެސް ރާއްޖެ މި ދާއިރާއަށް އަމާޒުކުރުމަށްޓަކައި މަސައްކަތްތައް ކުރެވެމުންދާކަން، މި މަސައްކަތްތަކުގައި އިސްކޮށް ޙަރަކާތްތެރިވާ އެކި ފަރާތްތަކުން ފާހަގަކުރަމުން ގެންދެއެވެ.
މީގެ ތެރޭގައި ސްޓެލްކޯ ހިމެނޭއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަހުމީ ވަނީ ވ. އަތޮޅު ރަކީދޫގައި މި މަސައްކަތްތަކުގެ ތެރެއިން މުހިންމު ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަން ޢާންމުކޮށް އިޢުލާނުކުރައްވާފައެވެ.
ފަހުމީ ވިދާޅުވި ގޮތުގައި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގެ އެންމެ އިސް ސަފުގައި ރަކީދޫ ހިމެނިފައިވެއެވެ. އަދި ސޯލާ ހަކަތައާއި ބެޓަރީގެ ބޭނުން ހިފާ ހައިބްރިޑް ނިޒާމެއްގެ ޒަރީޢާއިން މުޅި ރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމުގެ މަސައްކަތް ފެށިފައިވާކަމަށް އޭނާ ހާމަކުރެއްވިއެވެ. މީގެ އިތުރުން، މިހާރު ކަރަންޓު އުފެއްދުމަށްޓަކައި ޖަނަރޭޓަރު ހިންގަންޖެހޭ ވަގުތު ދުވާލަކު ދެ ގަޑިއިރަށް ކުޑަކުރެވިފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފަހުމީ ވަނީ ދެމެހެއްޓެނިވި ތަރައްޤީއާއި އިޔާދަކުރަނިވި ހަކަތައިގެ މަގަށް ރާއްޖެ ގެންދިއުމަށްޓަކައި ގެންގުޅުއްވާ ވިސްނުންފުޅަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޖުމްލަ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި އުސޫލުން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށްވެސް ތަޢުރީފުކުރެއްވިއެވެ.
މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ މާލީ ދުޅަހެޔޮކަމަށާއި ތިމާވެށި ޙިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވުން އިތުރުކުރުމަކީ ތެލުގެ އިމްޕޯޓަށް ކުރަންޖެހޭ ޚަރަދު މަދުކުރުމަށާއި، ކާބަން ބޭރުކުރާ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، މި މަސައްކަތްތަކަކީ ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަދާކުރަމުންދާ ޒިންމާދާރު ދައުރު އިތުރަށް ހަރުދަނާކޮށް، ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅުތަކެކެވެ.
ވ. އަތޮޅު ރަކީދޫގައި ހާސިލުކުރެވިފައިވާ ކާމިޔާބީތަކަކީ ދިވެހިރާއްޖޭގެ އެހެން ރަށްރަށުގައިވެސް މިފަދަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ތަންފީޛުކުރެވިދާނެކަމުގެ ހެއްކެކެވެ. މި ތަޖުރިބާއިން ލިބޭ މަޢުލޫމާތާއި ފިލާވަޅުތައް ބޭނުންކޮށްގެން، ޤައުމީ ފެންވަރުގައި އިޔާދަކުރަނިވި ހަކަތައިގެ ބޭނުންހިފުން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެކަން ކަށަވަރެވެ.

