ތަދުކެނޑުވުމަށް ބޭނުންކުރާ ދެ ބޭހެއް ވިއްކުމާ ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން ބުނީ، ރާއްޖޭގެ މާރކެޓުގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްކަން ކަށަވަރު ކުރުމަށްޓަކައި އެ އޮތޯރިޓީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މާކެޓުން ބޭހުގެ ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް މެދު ކެނޑުމެއްނެތި ކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން، މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރި ބޭސްތަކުގެ ތެރެއިން ތަދުކެނޑުވުމަށް ބޭނުންކުރާ 2 ބޭސް، ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) އަށް ޕޮޒިޓިވްވެފައިވާކަމަށް އެމްއެފްޑީއޭއިން މައުލޫމާތު ދެއެވެ.
އެމްއެފްޑީއޭއިން ބުނީ، މި 2 ބޭހުގެ ކޮންފަރމޭޓްރީ ޓެސްޓް ހެދުމަށްޓަކައި ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބޭސްތައް ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ. އަދި މިވަގުތު ބޭސްފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި މި 2 ބޭސް ސްޓޮކާއި ވަކިކޮށް ބެހެއްޓުމަށް ވަނީ އަންގާފައެވެ.
ކެމިކަލް ފެނިފައިވަނީ ޕާކިސްތާނުގެ އެފްރޯޒް ކެމިކަލް އިންޑަސްޓްރީސްއިން އުފައްދާ މެފްނެކް ސުސްޕެންޝަންގެ 50 މިލިގްރާމް (މެފެނަމިކް އެސިޑް) އަދި މެލޭޝިއާގެ ކޯޓްރާ ފާމާއިން އުފައްދާ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން 125 މިލިގްރާމް (މެފެނެމިކް އެސިޑް) އިންނެވެ.

