މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް މި ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު އެކްސްގައި ކުރެއްވިި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށެވެ.
އެހެންކަމުން، މަސްތުވާތަކެތީގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު ރިވިއުކުރުމަށްފަހު، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، މަސްތުވާތަކެތީގެ މައްސަލަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގޭންގު ކުށްތަކުގެ މައްސަލައިން ދިވެހި ޤައުމު ރައްކާތެރިކޮށް ސަލާމަތްކުރުމަށްޓަކައި، މިހާރު އަމަލު ކުރަމުން އަންނަ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނުގެ ބަދަލުގައި، މިސަރުކާރުގެ ފަރާތުން އަލަށް އެކުލަވާލަމުންދާ ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ކުރިޔަށް އޮތް 2 ހަފްތާ ތެރޭގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެކަމަށްވެސް ރައީސްގެ ޕޯސްޓުގައި ފާހަގަ ކުރެއްވިއެވެ.
މި ފަދަ ބޮޑެތި މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަަކަށް ދިވެހި ލޮބުވެތި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

