ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީން ބާރުތައް ވަކިކުރި ނަމަވެސް، އަމަލުން ފެންނަނީ ފާރަވެރި ނިޒާމެއް؟

ޝެއާރކޮށްލާ ކަހަލަދޯ؟

2008 ވަނަ އަހަރު ލިބުނު ފެހި ގާނޫނުއަސާސީ އާއިއެކު ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތްތައް ފެށިގެން ދިޔައީ ލިބިފައިވާ ގާނޫނުއަސާސީ އަކީ ރައްޔިތުންގެ ހައްގުތައް އެންމެ އެކަށޭނެ ގޮތުގައި ކަށަވަރުކޮށްދޭނެ ދިވެހިރާއްޖޭގެ ދުސްތޫރު ކަމުގައި ދެކިގެންނެވެ. ގާނޫނުއަސާސީން ރައްޔިތުންނަށް ބާރުތަކެއް ލިބިދީފައިވާއިރު ރައްޔިތުންގެ އަޑު ގައުމުގައި ހިނގާ ކަންކަމުގައި އޮންނާން ވާނެ ކަން ގާނޫނުއަސާސީން ކަށަވަރުކޮށްދެއެވެ. ގާނޫނުއަސާސީގެ 4 ވަނަ މާއްދާއަކީ ވަކިން ރައްޔިތުންގެ ބާރުގެ ގޮތުގައި ކަނޑައަޅާފައިވާ މާއްދާ އެކެވެ. އެ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި ބާރުތައް ދެމި އޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ.

ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ކަމަކީ ރައްޔިތުންގެ ހައްގުތައް ނުވަތަ އަސާސީ ބޭނުންތައް އޭގެން ފުއްދައިދޭނެ ކަމެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި ގައުމުގައި އަދުލު އިންސާފު ލިބޭނެކަން ކަށަވަރުކޮށްދޭ އެއްޗަކީ މިއަދު އަތުގައިމިވާ ފެހި ގާނޫނުއަސާސީ ކަމަށްވާއިރު ވަކި ދިވެހި އެއްވެސް ރައްޔިތަކު އިސްތިސްނާ ނުވާނެ ގޮތަކަށް ވަކި މީހަކު ބާކީ ނުކޮށް އެންމެން ހަމަހަމަ ކުރަނީވެސް ހަމަ މިބުނާ ކަޅާ ހުދުގެ ދެލިގަނޑެވެ.

ގައުމެއް ކުރިއަށް ގެންދިއުމަށް ލީޑަރެއް ހުންނަން ޖެހޭނެ ކަމީ އެއްވެސް ބަޔަކު ދެބަސް ވާނެ ކަމެއް ނޫނެވެ. އަދި ހަމަ އެއާއިއެކު، ގައުމެއްގައި ކަން ހިނގާނެ ގޮތުގެ އުސޫލުތަކަކާއި ގަވާއިދުތަކެއް އޮންނަންޖެހޭ ހިނދު، އެ ގަވާއިދުތައ ތަންފީޒު ކުރާނެ ބަޔަކާއި، ގާނޫނުތައް ހަދާނެ ބަޔަކާއި އަދި ރައްޔިތުންގެ ބަސް އެ ލީޑަރަކަށް ފޯރުކޮށްދީ ރައްޔިތުންގެ ބަސް އިއްވާނެ ބަޔަކުވެސް ބޭނުންވާނެއެވެ. އެ އުސޫލުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނޫއަސާސީގައިވެސް ބާރުތަކެއް ވަކިކުރެވި މިކަންކަން ހިމަނާފައިވެއެވެ. ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ހިމެނެއެވެ. ތިލަ އިބާރާތަކުން ބުނާނަމަ ރާއިސުލްޖުމްހޫރިއްޔާ އާއި، ގާނޫނުހަދާ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ކޯޓުތަކެވެ.

ބާރުތައް ވަކިވެފައި އޮތުމުގެ ހަގީގީ މަފްހޫމަކީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވުން ނުވަތަ އެހެންގޮތަކަށް ބުނާކަމަށް ވާނަމަ ”ޗެކް އެންޑް ބެލެންސް“ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. މީގެން ކޮންމެ ބާރަކަށް ގާނޫނޫއަސާސީން ބޮޑެތި މަސްއޫލިއްޔަތު ތަކެއް މަތިކޮށްފައި އޮވެއެވެ. އަދި އެ މަސްއޫލިއްޔަތުތައް އަދާކުރޭތޯ ބެލުމަށް ގާނޫނު ހެދުމުގެ ބާރު (ރައްޔިތުންގެ މަޖިލީހަށް) ގެނެސް ޖަވާބުދާރީ ކުރުވެން ވެސް އެބަ އޮތެވެ. ޝަރުއީ ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން ވަކިގޮތަކަށް އަމަލުކުރާ ނަމަ ޖޭއެސްސީއަށް މައްސަލަ ހުށައަޅާ އެ މައްސަލައަކާއިމެދު ގޮތެއް ނިންމަނީ ރައްޔިތުންގެ މަޖިލިސް (ގާނޫނު ހެދުމުގެ ބާރު) ނެވެ. އަދި ވެރިކަން ކުރައްވާ ފާރާތް (ވެރިކަން ހިންގުމުގެ ބާރު) ވަކި ގޮތަކަށް އަމަލުކުރައްވައިފި ނަމަ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓުގައި ތިއްބަވާ ވަޒީރުންވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުކޮށް ޖަވާބުދާރީކުރުވޭން އެބައޮތެވެ. އެހެންނަމަވެސް ރައްޔިތުން ތަމްސީލު ކުރައްވާ މެމްބަރުން ވަކިގޮތަށް އަމަލުކޮށްގެން ނުވަތަ މަޖިލީހުގެ ތަޅުމުގައި ވިދާޅުވާ އެއްޗެއްގެ ސަބަބުން ޝަރުއީ ކޯޓަކަށް ނުވަތަ އެއްވެސް ގޮތަކަށް މައްސަލައެއް ބެލޭނެ ކަމަށް ގާނޫނުއަސާސީ ނުބުނެއެވެ.

އުފެދޭ ސުވާލަކީ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރެވި އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުވެސް ޖަވާބު ދާރީ ކުރެވެން އޮތް އިރު ގާނޫނު ހެދުމުގެ ބާރު ޖަވާބު ދާރީ ކުރުވޭނެ ގޮތެއް ނެތީ ތޯއެ؟ މިހެން ކަން އޮތް ނަމަ އަޅުގަނޑުމެން މިކިޔާ ”ޗެކް އެންޑް ބެލެންސް“ ނިޒާމު އެބައޮތްތޯއެ؟

ދެންއޮތީ ޑިމޮކްރަސީގެ ވާހަކައެވެ. ދިމިގްރާތީ ނިޒާމުގެ ތެރެއިން ރާއްޖެއަށް ނަޒަރު ހިންގާލާނަމަ ފެންނާނީ ރިޔާސީ ނިޒާމަކާއި އަދި ބަރުލަމާނީ ނިޒާމެއް މަސްހުނިވެ އުފެދިފައިވާ ހައިބްރިޑް ނިޒާމެކެވެ. މި ނިޒާމުގައި ރިޔާސީ ނިޒާމެއްގެ ސިފަތައް ގިނަކަން ފާހަގަކުރެވެއެވެ. ދިވެހިރާއްޖެގައި ރިޔާސީ ނިޒާމަކަށް ތަބާވަމުން އައިސް ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ދޭން ބާރު އަޅަންފެށުނެވެ. ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް މަޖިލީހަށް އެ ބާރު ދޭން ޖެހޭ ކަމަށް ބުނެ ސިޔާސީ ޕާޓީތަކުގެ އަޑު ގަަދަވިއެވެ. އެހެންނަމަވެސް މިއީ ހަމަ މިކަން ކުރަން އެންމެ ހެޔޮވާވަރު ގޮތް ތޯއެ؟

ރައްޔިތުންގެ މަޖިލީހަށް ބާރުތަކެއް ލިބިގެންވާއިރު އެހެން ހުރިހާ ކަމެއް ބަދަލު ކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމުގައިވާ ގާނޫނުތައް ހެދުމާއި އިސްލާހު ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެެންވެއެވެ. ސިޔާސީ ޕާޓީގެ ފިކުރު އިސްކޮށްގެން މަސައްކަތް ކުރުމަކީ އާދައަކަށް ވެފައިވާއިރު ރައްޔިތުންގެ ބަސް ހަމަ ހަގީގަތުގައިވެސް ނިމިދިޔަ އަހަރުތަކުގައި މަޖިލީހުގައި އިއްވިފައިވޭތޯއެ؟

ރައްޔިތުން ތަމްސީލު ކުރުމަށް އިންތިހާބު ކޮށްފައިވާ މެމްބަރުން ސިޔާސީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާ އިރު ވެރިކަން ކުރާ ބާރާއި ގާނޫނު ހަދާ ބާރަށް ސިޔާސީ ޕާޓީގެ މެޖޯރިޓީ ދިނުމުން ފެންނަނީ ދެ ބާރު އެކުވެގެން މަސައްކަތް ކުރާ މަންޒަރެވެ. މިހެން މިކަން އޮތުމުން ގާނޫނު ތަސައްވުރު ކުރާ ގޮތަށް އެއް ބާރު އަނެއް ބާރަށް ފާރަވެރިވުމަށް އޮންނަ މަގަށް ހުރަސްއެޅިގެން ދެއެވެ.

ކުޑަ މިސާލެއް ބުނާނަމަ، 9 ގަޑިއިރުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ނުކުރެވި ގާނޫނުއަސާސީއަށް ދާދިފަހުން ގެނެވުނު އިސްލާހާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެގެން ދިއެވެ. އެހެންނަމަވެސް ވެރިކަމުގައި ހުންނަ މީހަކު ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ބާރު ލިބިގެން ދިޔަ އެއްސަބަބަކީ ގާނޫނު ގެދުމުގެ ބާރަށް ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ ދިނުމެވެ.

އެހެންކަމުން މިއަދު ގާނޫނު ތަސައްވުރު ކުރާ ގޮތަށް ތިން ބާރުވެސް އޮންނާން ވާނީ ވަކިވެ، އަދި ލިޔެވިފައި އޮތް ގޮތަށް އަމަލު ކުރެވޭ ބާރުތަކެއްގެ ގޮތުގައެވެ. ހަމައެކަނި ފޮތެއްގައި ލިވިފައިއޮތުމަކުން އެއް ވެސް ކަމަކީ ތަންފީޒު ކުރެވޭނޭ ކަމެއް ނޫނެވެ. ބާރުތައް ވަކި ކުރެވިފައިވަނީ ވަކި ސަބަަބެއް އޭގައި އޮވެގެންކަން ހަނދާން ކުރަންޖެހެއެވެ. ނިންމާލަމުންވެސް ދަންނަވާނީ ކަންކަން ނުކުރެވި ބޮއްސުންލާފައި އޮތީ ގާނޫނުއަސާސީގައި ވަކިކަމެއް ވަކި ގޮތަކަށް ލިޔެފައި ނުވާތީ އެއްނޫންކަމެވެ. ކަންކަން ބޮއްސުންލާފައިވަނީ ގާނޫނުއަސާސީ ތަސައްވުރު ކުރާ ބާރުމިނުގައި ކަންކަން ތަންފީޒު ނުވުމާއި އިހުލާސްތެރި ނިޔަތެއް ގައުމާއި މެދު ނެތުމުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: