އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު އަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، 2024 ނޮވެންބަރު 25 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 53 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލުން، ދިވެހިރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސް އައްޔަންކުރުމުގެ ޒިންމާއަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއްގެ ގޮތުގައި ކަނޑައަޅައިފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނާއިބު ރައީސްގެ މަގާމަށް ރައީސް އައްޔަންކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މިއިޞްލާޙުގައި، ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މަގާމުން އިސްތިޢުފާދޭން ބޭނުންވެއްޖެ ހާލަތުގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސަށް ހުށަހަޅައި، އެ ސިޓީ ރައީސަށް ލިބުމުން، ކޮމިޝަނުގެ ރައީސްކަމުގެ މަގާމުން ނުވަތަ ނާއިބު ރައީސްކަމުގެ މަގާމުން އެ މީހަކު ވަކިވީކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް އައްޔަންކޮށްފައިވާ މެންބަރުން، ޤާނޫނުގައިވާ ގޮތުގެ މަތީން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެ ކަމަށް ވެސް މި އިޞްލާޙުގައިވެއެވެ.

