31 ޖަނަވަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވިި އަޑުއެހުމުގައި ދައުވާތައް އިއްވައި، ދައުވާއަށް ޖަވާބުދާރީވުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ދައުލަތުން ވަނީ ހެކި ހާމަކޮށްފައެވެ.
އެހެންނަމަވެސް ދިފާއީ ހެކި ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ދިފާއުން ހެކި ހުށަހަޅާފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ، ދިފާއުން ހެކި ހުށަހަޅާފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
ގާޒީ ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ކަނޑައަޅުއްވާފައެވެ.
އެއަށްފަހު ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ގާޒީ ވަނީ ފުރުސަތު ދެއްވާފައެވެ. އެގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް 15 ދުވަހުގެ މުއްދަތެއް ދައުލަތާއި ދިފާއަށްވެސް ގާޒީ ދެއްވިއެވެ.
އެހެންކަމުން 18 ޑިސެމްބަރުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ހުށަހެޅުންތައް ހުށަހަޅަން ޖެހެއެވެ.
ޕީޖީ އޮފީހުން ދައުވާ ކުރުމަށް ނިންމާފައިވަނީ ރ. އަލިފުށި، ރިވެލި، މިދުޙަތު އާދަމްގެ މައްޗަށާއި، ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުޙައްމަދު ޖަޒްލާންގެ މައްޗަށާއި، ދަފްތަރު ނަންބަރު ދރ 2247، އަޙްމަދު މައިސާން ހާޝިމްގެ މައްޗަށާއި، ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަޠީފްއާއި، ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ޙުސައިންއާއި، ތ. ދިޔަމިގިލި، ރުވާ، އަބާން ޢަބްދުލްހަންނާނުއާއި، އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަޞީރުގެ މައްޗަށެވެ. މި އެންމެންގެ މައްޗަށްވެސް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅޭ ކަމުގެ ދައުވާއެވެ.
މީގެ ތެރެއިން މިދުހަތުގެ މައްޗަށް ދައުވާކުރީ ޝަމީމަށް ހަމަލާދިން ކަމަށް ބުނެ އެވެ. އަދި ޖަޒްލާންގެ މައްޗަށް ދައުވާކުރަނީ މިދުހަތު ގޮވައިގެން ސައިކަލުގައި ގޮސްފައިވާތީ ކަމަށް ބުނެ އެވެ. އަދި މައިސާންގެ މައްޗަށް ދައުވާކުރީ ހަމަލާދިން މީހުން ބޭނުންކުރަން ސައިކަލެއް ހޯދައިދިން ކަމަށް ބުނެ އެވެ.
ބާކީ ތިބި ހަތަރު މީހުންގެ މައްޗަށް ދައުވާކުރީ އެ ހަމަލާ ރޭވުމާއި އަދި ހަމަލާދިން ވަގުތު އެ ސަރަހައްދުގައި އޮތް ކާރެއްގައި މަޑުކޮށްގެން ތިބުމަށްފަހު އެ ސަރަހައްދުން ގޮސްފައިވާ ކަމަށް ބުނެ އެވެ.
ހަތް މީހުންގެ މައްޗަށް ވެސް އުފުލީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ. އެ ހަތް މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

