500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް އޮތް ގަވައިދު ވަރުގަދަ ކުރުމަށް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިސް ނަގައިގެން ބޭރު ފައިސާއާއި ބެހޭ ގާނޫނެއް ހެދިގެން ދިއުމަކީ އޭޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ ކަމަަށެވެ.
500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއި ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް. އެކަމަށްޓަކައި އެމްއެމްއޭއަށް ޝުކުރުދަންނަވަން. އަދި 17 ނޮވެމްބަރ 2024 ގައި އަޅުގަނޑު ދެންނެވި ފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް. މި ޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ. އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު ޢާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ.
މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން. މިގޮތުން…
1. ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން ( 2025 ޖުލައި މަހުން ފެށިގެން )
2. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދުން ( 2026 ގެ ފުރަތަމަ ކުއާޓަރ )
3. ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުން ( 2026 ގެ ފުރަތަމަ ކުއާޓަރ)
4. ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން ( 2025 ޖުލައި މަހުން ފެށިގެން )
ބޭރު ފައިސާގެ ބިލްގެ ނަމުގައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށްޓަކައި، އާންމުންގެ ހިޔާލަށް ރޭ ހުޅުވާލުމާއި އެކު ބައެއް މީޑިއާތަކުން ގަވަނީ ސަރުކާރުން ޑޮލަރު މާރު ކުރުމުގެ ގަވައިދަށް ލުއިތަކެއް ދިންކަމަށް ރިޕޯޓުކޮށްފަ އެވެ. ގަވައިދުގައި ހިމަނާފައި ހުރި ބައެއް ވާހަކަތައް އޮޅުން އަރާ ގޮތަށް ފެތުރިފައި ވަނިކޮށް މިއަދު އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވުދާޅުވީ ގަވައިދަށް އެއްވެސް ލުޔެއް ދީފައި ނުވާނެކަމަށާއި ކުރިޔަށް ދަނީ ގަވައިދަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ މަސައްކަތުގެ ބައިކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ހުށަހަޅައިދިން، ޕްރެސެންޓޭޝަންގައި ވެސް ވަނީ މިހާރު ގަވައިދުގައި ބުނާ ކެޓަގަރީ އޭގައި ހިމެނޭ ރިސޯޓުތަކާއި ހޮޓާ އަދި ޓޫރިސްޓު އުޅަނދުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކަށް މާރު ކުރުމަށެވެ. އަދި ކެޓަގަރީ ބީގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް މާރު ކުރަން ޖެހޭނީ 25 ޑޮލަރެވެ.
ހަމަހަމަ އުސޫލެއް ގެނައުމުގެ ގޮތުން ހަމައެކަނި ގެނައި ބަދަލަކީ އަލީ ހުސެއިން ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ނުހިމެނޭ ފަރާތެއް ނަމަވެސް 20 މިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް ލިނޭ ނަމަ އާމްދަނީގެ 25 އިންސައްތައަށް ވުރެ ބޮޑު ނުވާ އަދަދެއް ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާ ކުރަން އައު ކެޓަގަރީއެއް ހިމެނުމެވެ.
ބިލަށް ގެނައި ކުދިކުދި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި 24 ގަޑިއިރު ހޭދަ ނުކުރާ ފަތުރުވެރިންނާއި، ދެ އަހަރުން ދަށުގެ ކުދިންގެ އިތުރުން ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް އަންނަ ފަތުރުވެރިންނެވެ
ތަފްސީލު އަންނަނީ…

