2025 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށްފިއެވެ. 56.6 ބިލިއަންގެ ބަޖެޓު ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކުރެއްވި ކުރިއަށް އޮތް އަހަރުގެ އަންދާޒާތަކަށްވެސް ބެލުމަށްފަހުއެވެ.
ބަޖެޓު ދިރާސާކުރި ކޮމިޓީން ވަނީ 2025 ވަނަ އަހަރާއި 2027 ވަނަ އަހަރާއި ދެމެދު ރާއްޖޭގެ އިގްތިސާދު އެވަރެޖްކޮށް 5.9 އިންސައްތައިން ކުރިއަރައިގެންދާނެކަމަށް އަންދާޒާކޮށްފައެވެ. ވެލާނާ އެއާރޕޯޓުގެ ތަރައްގީތަކާއިއެކު ފަތުރުވެރިކަން ކުރިއަރައި 2025 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 6.4 އިންސައްތައިގައި ހުންނާނެކަމަށްވެސް ބެލެވެއެވެ. ބަޖެޓު އެކުލަވާލާފައިވަނީ އިގްތިސާދީ ހީނަރުކަން އަތުވެދާނެކަމުގެ ފުރުސަތުތައް އޮތުމުން އެކަންކަން ފޫބެއްދުމުގެ ގޮތުންވެސް ފިޔަވަޅުތައްވެސް އެޅިގެންދާނެކަމުގެ ޔަގީންކަމާއިއެކުއެވެ.
2025 ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. މީގެ ތެރެއިން 29.22 ބިލިއަނަކީ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ބެލެވޭ އާމްދަނީކަމަށްވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.98 ބިލިއަން ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ. ޖުމުލަ އާމްދަނީ 2024 ވަނަ އަހަރާ އަޅާ ބަލާއިރު 16.5 އިންސައްތައިން އިތުރުވާނެކަމަށް އަންދާޒާކުރާއިރު ހިލޭ އެހީގެ ގޮތުގައި 2.59 ބިލިއަން ލިބޭނެކަމަށްވެސް ހިމަނާފައިވެއެވެ. އާމްދަނީ އިތުރުވެގެންދާނެކަމަށް ބަލާ މައިގަނޑު ސަބަބަކީ އިގްތިސާދީ ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ކަނޑައެޅިފައިވުމެވެ.
ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީއާއި، ޖްރީން ޓެކްސްގެ އިތުރުން އެއަރޕޯޓު ފީގެ ރޭޓުތައް މަތިކުރުމަށް ނިންމާފައިވާއިރު، ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ރިއާޔަތްކުރެވި ބިން ހިއްކުމުގެ މަޝްރޫޢުތަކުން ނަގާ ވެއްޔަށް ޑްރެޖިންގް ފީއެއްގެއިތުރުން ބްރޯޑްކާސްޓިންގް ދާއިރާއިން ސްޕެކްޓްރަމް ފީއެއް ނެގުމަށްވެސް ކަނޑައެޅިފައިވެއެވެ. ދުންފަތުން ނަގާ ޓެކްސް އިތުރުކުރުމަކީވެސް މީގެ ތެރެއިން ފިޔަވަޅެކެވެ.
މިހާރު ޓެކްސް ނުކުރާ ބައެއް މުދަލުންނާއި ހިދުމަތްތަކުންވެސް ޓެކްސް ނެގުމަށް ނިންމާފައިވާއިރު ޓެކްސް ބޭސް ފުޅާކުރުމުގެ މި މަސައްކަތްތަކާއިއެކު މެދު ރާސްތާގައި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ އަދަދުތައް 10.2 އިންސައްތައިން އިތުރުވެގެންދާނެކަމަށް ލަފާކުރެއެވެ.
2025 ވަނަ އަހަރުގެ ބަޖެޓުން 18.2 އިންސައްތަ ހަރަދުކުރުމަށް ކަނޑައެޅިފައިވަނީ ރައްޔިތުންނަށް ދޭ އާންމު ހިދުމަތްތަކަށެވެ. ރާއްޖޭގެ ދިފާއީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ބަޖެޓުގެ 4.7 އިންސައްތަ ބޭނުންކުރުމަށް ނިންމާފައިވާއިރު އަދުލު އިންސާފާއި އަމާންކަން ގާއިމުކުރުމުގެ މަގުސަދުގައި 8.9 އިންސައްތަ ބޭނުން ހިފުމަށް ކަނޑައެޅިފައިވެއެވެ.
ރާވާފައިވާގޮތުން އިގްތިސާދާއި ސިނާއީ ކުރިއެރުމަށް 14.7 އިންސައްތަ ބޭނުންކުރާނެއިރު ތިމާވެށި ރައްކައުތެރިކުރުމަށްޓަކައި 4.7 އިންސައްތަ އަދި ގެދޮރު އިމާރާތްކުރުމަށާއި ޖަމާއަތުގެ ފައިދާއަށް 10.5 އިންސައްތަ ކަނޑައެޅިފައިވެއެވެ. ރާއްޖޭގެ ސިއްހަތު ދާއިރާ ކުރިއެރުވުމުގެ ގޮތުން ބަޖެޓުގެ 16.8 އިންސައްތަ ކަނޑައެޅިފައިވެއެވެ. އިޖްތިމާއީ ކަންކަމާއި ދީނީ ހިދުމަތްތައް ކުރިއެރުވުމަށްޓަކައި 2.4 އިންސައްތަ ކަނޑައެޅިފައިވާއިރު ތައުލީމީ ދާއިރާއަށް 11 އިންސައްތަ އަދި އިޖްތިމާއީ ރައްކައުތެރިކަމަށް 8.1 އިންސައްތައިގެ ބޭނުން ހިފުމަށް ރާވާފައިވެއެވެ.
2025 ވަނަ އަހަރުގެ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 64.6 އިންސައްތައަކީ ރިކަރެންޓު ހަރަދުތަކެވެ. އެގޮތުގެ މަތިން 36.62 ބިލިއަން ރުފިޔާ ބޭނުންކުރެވިގެންދާނެއިރު ބާކީ 35.4 އިންސައްތަ ކަނޑައެޅިފައިވަނީ ކެޕިޓަލް ހަރަދުތައް ކުރުމަށެވެ.
ދައުލަތުގެ ބަޖެޓުން ކުރަމުން އައިސްފައިވާ ހޭދަ އެންމެ ރަނގަޅު މަގަކަށް އެޅުމުގެ ގޮތުން ބައެއް މުހިންމު ފިޔަވަޅުތައް ތަންފީޒުކުރުމަށް ރާވާފައިވެއެވެ. އޭގެ ތެރޭގައި އިޖްތިމާއި ރައްކައުތެރިކަމުގެ ސޭފްޓީނެޓެއް ގާއިމުކުރުން ހިމެނޭއިރު، މި މަސައްކަތްތަކުގެ ތެރެއިން ސަބްސިޑީ ދެމުން އަންނަ އުސޫލު އިސްލާހުކޮށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ޓާގެޓުކުރެވިގެންދާނެއެވެ. ތެލާއި ކަރަންޓާއި ކާޑުން ދެމުންދާ އިންޑިރެކްޓް ސަބްސިޑީގެ އުސޫލު ބަދަލުކޮށް އެންމެ ބޭނުން ޖެހިފައިވާ މީހުން ދެނެގަނެ ކޭޝް ޓްރާންސްފާއެއްގެ ގޮތުގައި އެ ހިދުމަތް އިންތިޒާމުކުރުމަށް ނިންމާފައިވެއެވެ.
އާސަންދައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވެއެވެ. އެގޮތުން މުއްސަނދިންވެސް އާސަންދައިގެ ބޭނުން ހިފާކަމަށްވުމުން ކޮންމެހެން ބޭނުން ޖެހިފައިނުވާ ހިދުމަތްތަކާއި ބޭހުގެ އަގުން ވަކި އިންސައްތައެއް ދައްކަންޖެހޭ ގޮތަށް ބަދަލުކުރުމާއި އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ކޮންމެ އަހަރަކުވެސް އެނުއަލް ހެލްތް ކޮންޓްރިބިއުޝަންގެ ގޮތުގައި ވަކި މިންވަރެއް ދައްކަން ޖެހޭ ގޮތަށް ބަދަލު ގެނައުން ހިމެނެއެވެ. އާސަންދައިގެ ބޭނުން ހަގީގަތުގައިވެސް ޖެހިފައިވާ ފަރާތްތައް ނުވަތަ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް މިހާރާއިވެސް އެއްގޮތަށް އެ ހިދުމަތްތައް ލިބެމުންދާނެއެވެ. ސަރުކާރުން ރާވާފައިވާ ހުރިހާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރެވިއްޖެނަމަ ޖުމުލަ ހަރަދުން 7.7 ބިލިއަން ކުޑަކުރެވޭނެއެވެ.
2025 ވަނަ އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައެޅިފައިވަނީ 20.02 ބިލިއަނެވެ. މީގެ ތެރެއިން 12.38 ބިލިއަން ޕީއެސްއައިޕީގެ ގޮތުގައި ކަނޑައެޅިފައިވާއިރު 2024 ވަނަ އަހަރާއި އަޅާބަލާއިރު 12.4 އިންސައްތައިން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ޕީއެސްއައިޕީގެ ގޮތުގައި 2025 ވަނަ އަހަރު އެންމެ ބޮޑު އަދަދެއް ހަރަދުކުރުމަށް ކަނޑައެޅިފައިވަނީ ލަފާފުރުމުގެ ދަތިކަމުގެ މައްސަލައަށް ހައްލުތަކެއް ގެނައުމުގެ ގޮތުން މަސައްކަތްތައް ކުރުމަށެވެ.
އެ މަސައްކަތްތަކަށް ޖުމުލަ ޕީއެސްއައިޕީ ބަޖެޓުގެ 33.66 އިންސައްތަ ކަނޑައެޅިފައިވާއިރު ދެވަނައަށް އެންމެ ބޮޑު އަދަދެއް ކަނޑައެޅިފައިވަނީ ބޯހިޔާވަހިކަން ލިއްބައިދިނުމަށެވެ. މި މަސައްކަތްތަކަށް 14.56 އިންސައްތަ ކަނޑައެޅިފައިވާއިރު ދެން އެންމެ ބޮޑު ހަރަދުތަކެއް ކުރުމަށް ނިންމާފައިވަނީ ތިމާވެށި ރައްކައުތެރިކުރުމަށާއި ބިން ހިއްކުމުގެ މަސައްކަތްތަކަށްކަން ފާހަގަކުރެވެއެވެ.
ދައުލަތުގެ އާންމު ބަޖެޓުން މި މަސައްކަތްތަކުގެ ތެރެއިން އާންމު ބަޖެޓުން ހިންގާ މަޝްރޫޢުތަކަށް ހޭދަކުރާނީ 5.81 ބިލިއަންއެވެ. އަދި ބޭރުގެ ލޯނު އެހީގައި ހިންގުމަށް ކަަނޑައެޅިފައިވާ މަޝްރޫޢުތަކުގެ ޖުމުލަ 4.95 ބިލިއަނަށް އަރާއިރު ބޭރުގެ ހިލޭ އެހީއިން ހިންގާ މަޝްރޫޢުތަކުގެ ޖުމުލަ 612.1 މިލިއަން ރުފިޔާއަށް އަރާނެކަމަށާއި ޓްރަސްޓު ފަންޑުން ހިންގާ މަޝްރޫޢުތަކަށް 1 ބިލިއަނާއި ގާތްކުރާ އަދަދެއް ހޭދަވާނެކަމަށް މައުލޫމާތު ދީފައިވެއެވެ.
ބަޖެޓުގެ ޑެފިސިޓް ގޮތުގައި އަންދާޒާކޮށްފައިވަނީ 9.39 ބިލިއަން ރުފިޔާއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތައިގެ ޑެފިސިޓެއްކަމަށްވާއިރު ޕްރައިމަރީ ޑެފިސިޓު 3.84 ބިލިއަނަށް އަރާނެކަމަށް ބެލެވޭކަމަށް ފާހަގަކޮށްފައިވެއެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.2 އިންސައްތައިގެ ޑެފިސިޓެއްކަމަށްވާއިރު މި އަދަދުތައް 5 އިންސައްތައިން ދަށުގައި ބެހެއްޓޭނެކަމަށް އަންދާޒާކޮށްފައިވެއެވެ.

