ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދާއި އެކު ގާނޫނެއް އެކުލަވާލުމުގެ މަސަައްކަތް ފަށައި ބިލެއް ޑްރާފްޓްކޮށް މަރުކަޒީ ބޭންކުން އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
މިއީ ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި ދިވެހިރާއްޖޭގައި ބޭރު ފައިސާ ގެންގުޅުމާއި ގެންގުޅުމާއި ގަނެވިއްކުން ހުއްދަ ކުރުމާއި ދިވެހިރާއްޖެއަށް ބޭރު ފައިސާ އެތެރެކުރުމާއި ދިވެހިރާއްޖެއިން ބޭރުކުރުމާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހިރާއްޖޭގައި ފޮރިން އެކްސްޗޭންޖް ރޭޓު ކަނޑައެޅުމާއި ބޭރު ފައިސާ ޖަމާކުރުމާއި ބޭރު ފައިސާއިން ލިބޭ އާމްދަނީއިން ބައެއް މާރުކުރުމާއި ބެހޭ އުސޫލުތައް ކަނޑައަޅައި ބަޔާން ކުރުމުގެ ގާނޫނެވެ.
އެގޮތުން ގާނޫނުގެ ދަށުން ބޭންކު އެކައުންޓުން ކުރެވޭ މުއާމަލާތް ހިމެނޭ ގޮތުން ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތަކާއި ބެހޭ އުސޫލުތަކާއި ސިޔާސަތު ކަނޑައެޅިގެންދާނެކަމަށް ބިލުގައި ވެއެވެ. އަދި ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ފޮރިން އެކްސްޗޭންޖް ރޭޓު ކަނޑައެޅުމާއި ހިންގުމާއި ބެހޭ އުސޫލުތައް ކަނޑައެޅުމާއި އެކު ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ނޭމްލި އެކައުންޓަކަށް ޖަމާކުރުމެވެ.
ބިލުގައި ބުނާ ގޮތުން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރުފިޔާއަށް ނިސްބަތްކޮށް ބޭރު ފައިސާގެ އެކްސްޗޭންޖެ ރޭޓް ކަނޑައެޅުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
ބޭރު ފައިސާގެ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާ ކުރުމާއި ގުޅޭގޮތުން ބިލުގައި ބުނެފައި ވަނީ ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ (ރިއަލައިޒްޑް ސޭލްސް ޕްރޮސީޑްސް) އެކުގައި އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފަރ ނުވަތަ ޖަމާކުރަންވާނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި، މުދަލާއި ޚިދުމަތަށް އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން ވިހި މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކެވެ.
ބޭންކަކަށް ބޭރު ފައިސާ ޓްރާންސްފަރ ނުވަތަ ޖަމާކުރުމަށްފަހު އެކަމުގެ މަޢުލޫމާތާއި އޮތޯރިޓީން އަންގާ އެހެންވެސް މަޢުލޫމާތު އެމްއެމްއޭ ކަނޑައަޅާ ގޮތަކަށް އޮތޯރިޓީއަށް ހުށަހަޅަންވާނެ އެވެ.
ބޭރު ފައިސާ ޖަމާކުރުމުން އިސްތިސްނާ ވާނީ ބިލުގައި ބުނާގޮތުގައި ރާއްޖޭގައި ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ފަތުރުވެރިން، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން އަދި ޓޫރިޒަމް އެސްޓެބްލިޝްމަންޓެއްގައި ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ ފަރާތްތަކެވެ.
ބޭންކަކަށް ކޮންމެ ހަފުތާއަކު ލިބޭ ބޭރު ފައިސާގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ ވަކި އިންސައްތައެއް ގެ ފައިސާ ޖެ ހިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން އެ ބޭންކުންކުން އެމްއެމްއޭއަށް ހުށަހަޅަން ޖެހޭނެއެވެ.

