ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި ދިވެހިރާއްޖޭގައި ބޭރު ފައިސާ ގެންގުޅުމާއި ގަނެވިއްކުން ހުއްދަ ކުރުން އަދި ބޭރު ފައިސާ އެތެރެކޮށް ބޭރުކޮށް ގާނޫނާއި އެއްގޮތްވާ ގޮޔުގެ މަތީން ދިވެހިރާއްޖޭގައި ފޮރިން އެކްސްޗޭންޖު ރޭޓު ކަނޑައެޅުމާއި ބޭރު ފައިސާ ޖަމާކޮށް، ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމާއި ބެހޭ އުސޫލުތައް ކަނޑައަޅާ ބިލެއް ވަނީ ފަރުމާކޮށް އާންމުންގެ ހިޔާލަށް ހުޅުވާލާފަ އެވެ.
ބޭރު ފައިސާއައި ބެހޭ ގާނޫނުގެ ނަމުގައި ޑްރާފްޓުކޮށްފައިވާ މި ބިލުގެ ބޭނުމަކީ ބޭންކު އެކައުންޓުން ކުރެވޭ މުއާމަލާތްތައް ހިމެނޭ ގޮތުން ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތަކާއި ބެހޭ އުސޫލުތަކާއި ސިޔާސަތުތައް ކަނޑައެޅުމެވެ. އަދި ބޭރު ފައިސާ ގެންގުޅުމާއި، ގަނެވިއްކުން ހުއްދަ ކުރުމާއި ބެހޭ އުސޫލުތައް ސިޔާސަތުތައް ބިލު ގަނޫނަކަށްވުމުން ކަނޑައެޅިގެން ދާނެ އެވެ.
މީގެ ސަބަބުން ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި ފޮރިން އެކްސްޗޭންޖު ރޭޓު ކަނޑައެޅުމާއި، ހިންގުމާއި ބެހޭ އުސޫލުތައް ކަނޑައަޅައި ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުމާއި ބެހޭ އުސޫލުތައް ކަނޑައެޅިގެން ދާނެއެވެ. އަދި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް ދިވެހި ރުފިޔާއަށް މާރުކުރުމާއި ބެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.
އެންމެ ބޮޑު އެއް ބަދަލެއްކަމަށް ގެންނަނީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ރުފިޔާއަށް ނިސްބަތްކޮށް ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓު ކަނޑައެޅުމުގެ ބާރު އޮތޯރިޓީއަށް ދިނުމެވެ. އެހެން ނަމަވެސް ބޭރު ފައިސާއެއްގެ ރޭޓު އޮތޯރިޓީން ކަނޑައަޅައިފި ނަމަ އެކަން އާންމުކޮށް ޝާއިއު ކުރަން ޖެހޭނެ އެވެ. އަދި އެ ފައިސާއެއްގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތައް ވެސް ގަވައިދުން އާންމުކުރަމުން ދިއުން އެމްއެމްއޭގެ މައްޗަށް ލާޒިމްވާނެއެވެ.
މީގެ ކުރިން އާންމު ކުރި ގަވައިދާއި އެއްގޮތަށް، ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން ހިމެނެ އެވެ. އެގޮތުން މީލާދީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ އެކުގައި އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރެޖިސްޓްރީކޮށް ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފާކޮށް ނުވަތަ ޖަމާކުރަންވާނެ އެވެ. މިއާއި އެކު ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 20 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކުން ވެސް ހަމަ މި އުސޫލުން އަމަލު ކުރަން ޖެހޭނެ އެވެ.
ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ދެ ކެޓަގަރީއަށް ބެހިގެންވެއެވެ. އެއީ ޓޫރިސްޓް ރިސޯޓުތަކާއި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތައް، ޕްރައިވެޓް އައިލަންޑްތަކާއި، ރިޒޯޓް ހޮޓާތައް އަދި އެނޫންވެސް އެފަދަ ތަންތަނެވެ.
ކެޓަގަރީ ބީގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓުން އަންނަ ތަންތަނުގެ ތެރޭގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކެވެ.
މި ބިލު ގާނޫނަކަށްވުމާއި އެކު ވެސް ކެޓެގަރީ އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިނ،ް އެ އެސްޓެބްލިޝްމަންޓް ހިންގާ ފަރާތުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ބޭންކަކަށް ދިވެހި ރުފިޔާއަށް މާރުކުރުން މަޖުބޫރު ވާނެ އެވެ.
ކެޓެގަރީ ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން، އެ އެސްޓެބްލިޝްމަންޓް ހިންގާ ފަރާތުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ބޭންކަކަށް ދިވެހި ރުފިޔާއަށް މާރުކުރަންވާނެއެވެ.
ޑޮލަރު މާރު ކުރަން ނުޖެހޭނީ ހަމައެކަނި ރާއްޖޭގައި 24 ގަޑިއިރު ނުވާ ފަތުރުވެރިންނާއި، އުމުރުން ދެ އަހަރު ނުވާ ކުދިން އަދި އެ ޓޫރިޒަމް އެސްޓެބްލިޝްމަންޓެއްގައި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތަކެވެ.
ކޮންމެ ފަރާތަކުން ވެސް ބޭރު ފައިސާ މާރުކުރުމަށްފަހު އެކަމުގެ މަޢުލޫމާތާއި އޮތޯރިޓީން އަންގާ އެހެންވެސް މަޢުލޫމާތު އޮތޯރިޓީން ކަނޑައަޅާ ގޮތަކަށް އޮތޯރިޓީއަށް ހުށަހަޅަންވާނެ އެވެ. އެކަމަކު މި ހިސާބުތަކުގައި އޮޅުވާލާނަމަ، އެ މައްސަލައެއް ބެލުމުގެ ބާރު އެމްއެމްއޭއަށް އޮންނާނެ އެވެ.
މި ގާނޫނާ ހިލާފު ފަރާތްތަކާއި މި ޤާނޫނުގައި ކުރަންޖެހޭ ކަންކަން ކުރުމުގައި ހިސާބުތައް އޮޅުވާލާ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މީރާގެ އެހީތެރިކަން ހޯދުން ނުވަތަ މީރާއާ ޙަވާލުކޮށްގެން އެމައްސަލަތައް ބެލުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.
ބޭރު ފައިސާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފަރ ނުވަތަ ޖަމާކުނުކުރާ ފަރާތްތަކާއި އެފަރާތަކުން ޖަމާކުރަންޖެހޭ އަދަދަށް ޖަމާނުކުރާ ފަރާތްތައް އެ ފަރާތަކުން އެމަހަކަށް ޖަމާކުރަންޖެހޭ ބޭރު ފައިސާގެ 0.05 އިންސައްތައިން ޖޫރިމަނާކުރުމުގެ ބާރު އެމްއެމްއޭއަށް އޮންނާނެ އެވެ. އަދި ޖޫރިމަނާކުރުމުގައި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި އެފަރާތަކުން ވެފައިވާ ހިލާފު ރަނގަޅުކުރަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންތައްތަކަށް އމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް އެމަހަކަށް ޖަމާކުރަންޖެހޭ ބޭރު ފައިސާގެ 0.05 އިންސައްތައަށް ވުރެ އިތުރުނުވާނެ އަދަދެއް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.
ބޭރު ފައިސާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ދިވެހި ރުފިޔާއަށް މާރުނުކުރާ ފަރާތްތަކާއ،ި އެފަރާތަކުން މާރުކުރަންޖެހޭ އަދަދަށް މާރުނުކުރާ ފަރާތްތައ،ް އެ ފަރާތަކުން އެމަހަކަށް ޖަމާކުރަންޖެހޭ ބޭރު ފައިސާގެ 0.1 އިންސައްތައިން ޖޫރިމަނާކުރުމުގެ ބާރު ވެސް އެމްއެމްއޭއަށް ގާނޫނުން ލިބިގެންދާނެ އެވެ. އަދި ޖޫރިމަނާކުރުމުގައި އޮތޯރިޓީއަށް ފެނިއްޖެ ހިނދެއްގައި ވެފައިވާ ޚިލާފު ރަނގަޅުކުރަންދެން ނުވަތަ ޢަމަލުކުރަންޖެހޭ ކަންތައްތަކަށް ޢަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް އެމަހަކަށް ޖަމާކުރަންޖެހޭ ބޭރު ފައިސާގެ 0.1 އިންސައްތައަށް ވުރެ އިތުރުނުވާނެ އަދަދެއް އޮތޯރިޓީން ކަނޑައެޅިދާނެއެވެ.
ބިލު ގާނޫނަކަށްވުމަށް ފަހު، ގާނޫނާއި ހިލާފުވާ ޤާނޫނާ ޚިލާފުވާ އެހެން ފަރާތްތައް އެ ފަރާތަކުން ކުރި ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި އެ ފަރާތެއް 10,000 ރުފިޔާ އާއި – އެއްމިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެމްއޭއަށް އޮންނާނެ އެވެ.
ބޭރު ފައިސާ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޓްރާންސްފަރ ނުވަތަ ޖަމާކުރުމުގެ އިލްތިޒާމް އެންމެ ފުރަތަމަ
ހިނގަން ފަށާނީ 01 ޖަނަވަރީ 2025 އިން ފެށިގެން އެފަރާތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ނުވަތަ ރިއަލައިޒްޑް ސޭލްސް ޕްރޮސީޑްސް އިންނެވެ.

