އައްޑޫ އަދި ކޫއްޑޫ ފިޝްރީޒް ކޮމްޕްލެކްސަށް ކިރުވި 1919 މެޓްރިކްސް ޓަނަށްވާ ފައިސާ މިފްކޯއިން މަސްވެރިންނަށް ހަވާލުކޮށްފިއެވެ.
މިފްކޯއިން މީޑިއާތަކަށް ދިން މައުލޫމާތުގައި 28 އޮކްޓޫބަރުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް އައްޑޫ އަދި ކޫއްޑޫ ފިޝްރީޒް ކޮމްޕްލެކްސަށް ކިރުވި 1919 މެޓްރިކްސް ޓަނަށްވާ 28.7 މިލިއަން (28،708،407ރ) ގެ ތެރެއިން ތެލަށް 5.7 މިލިއަން (5،786،266ރ.) ކެނޑުމަށް ފަހު 22.9 މިލިއަން ރުފިޔާ (22،922،141) މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ.
މިހާރު މިފްކޯއިން މަސައްކަތް ކުރަމުންދަނީ ފެލިވަރުގެ މަސްވެރިންނަށް 28 އޮކްޓޫބަރުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ނުދީ ހުރި ފައިސާ ދިނުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެއްވެސް މައްސަލައަކާއި ގުޅިގެން ފައިސާ ނުދެއްވި ހާލަތެއްގައި އެކަން އަންގާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
ދުނިޔޭގެ ބާޒާރުގެ އަގުތައް ބެލުމުގައި ގެންގުޅޭ މޮޑެލްތަކަށް ރިއާޔަތްކޮށް، މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެކުންފުނިން ހިފަން ނިންމާފައިވާއިރު، މިފްކޯއިން ދަނީ ކަމާއިގުޅޭ ފަރާތްތަކާއިއެކު އެކަމުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ.
މީގެއިތުރުން މިފްކޯއަށް މާލީ ގޮތުން ގޮންޖެހުންތައް ދިމާވެފައިވާތީ ކުންފުނިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ދަތިތައް ފިލުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ކަނޑައަޅާފައިވާކަން އިއުލާނުކޮށްފައެވެ. އެގޮތުން ޖުމުލަކޮށް ފަސް އަހަރުގެ ތެރޭގައި 2.5 ބިލިއަންގެ ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގައި، މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ.ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގައި ހިމެނޭ ކޭނަރީގެ ޑިޒައިނިންގ މަސައްކަތް ކުރުން ހިމެނެ އެވެ.

