އެމްޑީޕީގެ ސަރުކާރުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދައްކާހުރުމުގެ ސަބަބުން ފްލެޓުތަކުުގެ މަސައްކަތްތައް ނިންމުމަށް ކަނޑައެޅިފައި އޮތް ތާރީހު ވަރަށް ބޮޑަށް ފަސްވެގެންދިޔަކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އެފްޑީސީގެ އެމްޑީ ހަމްދާން ވިދާޅުވީ، ދައުުރު ބަދަލުވެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށެވެ. ހަމްދާން ވިދާޅުވީ، އެފްޑީސީއިން ހަވާލުވެފައިވާ ޕްރޮޖެކްޓުތަކުގައި ޖުމަލަ ހަރަދުގެ 15 އިންސައްތަ ދައްކަންޖެހެނީ ދިވެހި ދައުލަތުންކަމަށާއި ބާކީ އޮންނަ އަދަދު ދައްކަނީ އިންޑިއާގެ ސަރުކާރުގެ އެހީތެރިކަމާއިއެކުކަމަށެވެ.
އޭނާ ވިދާޅުވީ، އިންޑިއާ ސަރުކާރުން ފައިސާ ދޫކުރުމަށް ކަނޑައެޅިފައި އޮތީ ދިވެހި ދައުލަތުން ދައްކަންޖެހޭ ފައިސާތައް ދެއްކުމުންކަމަށާއި އެހެންނަމަވެސް ވެރިކަމާއި ހަވާލުވިއިރު ނިމިދިޔަ ސަރުކާރުން ވަރަށް ބޮޑެތި އަދަދުތަކުން ޕޭމަންޓުތައް ނުދައްކާހުރިކަން ފާހަގަކުރެވުނުކަމަށެވެ. އަދި ގާތްގަނޑަކަށް 178 މިލިއަން ދިވެހި ރުފިޔާގެ ޕޭމަންޓުތައް ނުދައްކާހުރިއިރު ކޮންޓްރެކްޓާއި ހަވާލުވެގެންތިބޭ މީހުންނަށް އެވަރުގެ ބޮޑެތި މާލީ ދަތިތައް ކުރިމަތިވުމުން މަސައްކަތްތައް ނުކުރެވޭނެ ކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށެވެ.
ހަމްދާން ވިދާޅުވީ، ކޮންޓްރެކްޓަރުންވެސް އެތައް ހާސް މުއައްޒަފުންނަކަށް މުސާރަ ދޭންޖެހޭނެކަމަށާއި މަސައްކަތްތެރިންގެ ކެއިންބުއިމުގެ އިތުރުން ތިބޭނެ ތަން ހަމަޖެއްސުމުގެ ހަރަދުތައްވެސް ކުރަންޖެހޭނެކަމަށް އަލިއެޅުއްވިއެވެ. އެހެންކަމުން ބޮޑެތި ހަރަދުތަކެއް ދުވަހުން ދުވަހަށް އަރަމުންދާނެކަމަށާއި އެގޮތުގެ މަތިން ކަން އޮތްއިރު ސަރުކާރުން އެތައް މަހެއްވަންދެން އެއްވެސް ފައިސާއެއް ނުދައްކާ އިންތިހާބާއި ދިމާކޮށް އިންތިހާބަށް ހަރަދުކުރުމަށްޓަކައި ފްލެޓް އެޅުމަށްޓަކައި ދޭންޖެހޭ ފައިސާ ބަންދުކޮށްލުމުން އޭގެ ނަތީޖާއަކަށްވެގެންދިޔައީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ނުދައްކާހުރި 178 މިލިއަން ރުފިޔާ ހުރުންކަމަށެވެ.
އެމްޑީ ވިދާޅުވީ، އެކަމުގެ ސަބަބުން މަސައްކަތްތަކަށް ނޭދެވޭ އަސަރުތައް ކުރިކަމަށާއި ވަރަށް ބޮޑަށް މަސައްކަތްތައް ނިންމޭ ތާރީހު ފަސްވެގެންދިޔަކަމަށެވެ. ހަމްދާން ވިދާޅުވީ، ކޮންޓްރެކްޓަރުންނަށް މަސައްކަތް ކުރިއަށް ގެންދަންޖެހޭ ދުވެލި ދެމެހެއްޓުމުގައި އެކަމުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވެގެންދިޔަކަމަށާއި ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިމުނު އިރު ޕްރޮޖެކްޓުގެ ޖުމުލަ މަސައްކަތްތައް ނިންމާލެވިފައިވަނީ 31 އިންސައްތައަށްކަމަށެވެ.
އެހެންނަމަވެސް މި ސަރުކާރުން ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 37 އިންސައްތަ މަސައްކަތްތައް ކުރިއަށް ގެންދިޔަކަމަށް މައުލޫމާތު ދެއްވިއެވެ. އަދި އެ ކާމިޔާބު ހާސިލުކުރީ ދައުރު ނިމިގެން އައިއިރު ކުރިމަތިވެފައިވާ ބޮޑެތި އިގްތިސާދީ، މާލީ ގޮންޖެހުންތަކާއިވެސް އެކުކަމަށް ފާހަގަކުރެއްވިއެވެ.
ހަމްދާން ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވި އެކަންކަން ހައްލުކުރުމުގެ ގޮތުންކަމަށާއި ރައީސް ޑރ މުއިއްޒުގެ ވިސްނުންފުޅުގެ މަތިން ގޮންޖެހުންތައް ހައްލުކުރެވެމުންދާކަމަށެވެ. އަދި ސަރުކާރުންވަނީ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ނުދައްކާހުރި 178 މިލިއަން ރުފިޔާ ދައްކާ ހަލާސްކޮށްފައިކަން ހާމަކުރެއްވިއެވެ.

