ވާޓިކަލް ފާމިންގް މަސައްކަތްތަކުން ނަފާ ހޯދާފައިވާކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަރވިއުއެއްގައި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިއެރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާޙަކަދައްކަވަމުން މިނިސްޓަރު ރަމީލާ ވިދާޅުވީ، ވާޓިކަލް ފާމިންގް މަސައްކަތްތައް ވަނީ ޖެނުއަރީ މަހުގެ ތެރޭގައި ފެށިފައިވާކަމަށާއި އެކަން ކުރަމުންދަނީ ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރަލް ސެންޓަރުގައިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެ މަޝްރޫޢުގެ ތެރެއިން ތިން ވައްތަރެއްގެ ނިޒާމުތައް ބިނާކުރެވި ގަސް ހެއްދުމުގެ މަސައްކަތްތައް ތަޖުރިބާ ކުރެވިފައިވާކަމަށާއި އެގޮތުގެ މަތިން މިހާރު ދެބުރެއްގެ މަތިން ލެޓިއުސް އަދި އެފަދަ އެހެނިހެން ފަތްޕިލާވެލީގެ ބާވަތްތައް ހައްދައި އެތަކެއްތި ކަނޑައިގެން ވިއްކުމުގެ މަސައްކަތްތައްވެސް ކުރެވިފައިވާކަމަށެވެ. ރަމީލާ ވިދާޅުވީ، މިހާރު ތިންވަނަ ބުރަކަށް ގަސް އިންދައިގެން އެ މަސައްކަތްތައް ކުރިއަށްދާކަމަށާއި ތިން ވައްތަރުގެ ސިސްޓަމްތައްވެސް ރަނގަޅަށް މަސައްކަތްކުރާކަމަށް ފެނިވަޑައިގަންނަވާކަމަށް ހިއްސާކުރެއްވިއެވެ.
މިނިސްޓަރު ރަމީލާ ވިދާޅުވީ، ތިން ބާވަތުގެ ތެރެއިން ”އޭ ފްރޭމް“ ގޮތުގައި ނަންދެވިފައިވާ ނިޒާމު ތަންކޮޅެއް ރަނގަޅުކަމަށް ފާހަގަކުރެވިފައިވާކަމަށާއި އެހެންކަމުން އެފަދަ ނިޒާމުތައް ގާއިމުކުރުމަށްޓަކައި ފަސް ރަށެއް ކަނޑައެޅިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. ރަމީލާ ވިދާޅުވީ، މިހާރު އެ ފަސް ރަށަށް ބޭނުންވާ ވާޓިކަލް ނިޒާމުތައް ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި މިއީ ޔޫއެންޑީޕީގެ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ މަސައްކަތްތަކެއްކަމަށެވެ.
މި އަހަރު ނިމިގެންދާއިރު އެތަކެތި ގެނެވިފައިވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ރަމީލާ ވިދާޅުވިއެވެ. އަދި މި އަހަރު ނިމޭއިރު ނުލިބުނު ނަމަވެސް ކުރިއަށް އޮތް އަހަރު ފެށިގެން ލިބޭނެކަމުގެ ޔަގީންކަން ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެ މަރުހަލާ ފުރިހަމަވުމާއިއެކު ދެން ކުރަމުންދާނީ ފަސް ރަށުގައިވެސް ތަމްރީނުތައް ދިނުމާއި ގަސް އިންދައިގެން ކުރިއަށް ދިއުމަށް އެހީތެރިކަން ދިނުމުގެ މަސައްކަތްތައް ކަމަށެވެ.

