ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރ، ހަނާން ސުލއިމާން ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުން ޔުނިސެފްގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ސައްތަ އިންސައްތަ މީހުންނަކީ ލިޔަންކިޔަން ދަންނަ ބައެއް ކަމަށެވެ.
މީގެ އިތުރުން، މި ސަރުކާރުގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ މާސްޓާޕްލޭނަށް ތާއީދުކުރައްވާކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ތިމާވެށީގެ މައްސަލަތަކާ ގުޅުންހުރި ވަފުދުތަކުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އެކުލެވޭ ކަމަށްޓަކައި ވަނީ ތަޢުރީފު ކުރައްވައިފައެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައާއި، ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިގަތުމާ ގުޅުންހުރި މަޝްވަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ، ޔުނިސެފުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. އަދި އިޖުތިމާޢީ ކައުންސިލްގެ މުޤައްރިރުގެ ހައިސިއްޔަތުން، ކުޑަކުދިންގެ ލާބައާއި ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތްތާނގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ޔުނިސެފާއި ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް ނައިބު ރައީސް ވަނީ ދެއްވައިފައެވެ.

