ޔޫކްރެއިންގެ ޒުވާނުން ހަނގުރާމައިގެ މައިދާނަށް ނެރުމަށް އެމެރިކާއިން ބާރުއަޅަމުންދާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތަކުގައިވާގޮތުން ވެރިކަމުން ފައިބައިވަޑައިގަތުމަށް ކަނޑައެޅިފައިވާ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުންދަނީ ޔޫކްރެއިންގެ އަސްކަރިއްޔާގެ ސައިޒު ބޮޑުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ގައުމުގެ ސަރުކާރަށް އިރުޝާދު ދެމުންނެވެ. އެގޮތުން އިތުރު ރައްޔިތުން އަސްކަރީ މަސައްކަތްތަކުގެ ތެރެއަށް ވެއްދުމަށް އިލްތިމާސްކޮށްފައިވާއިރު 18 އަހަރުގެ ޒުވާނުންވެސް ވެއްދުމަށް ބާރު އަޅާފައިވާކަމަށެވެ.
ނަން ހާމަނުކުރުމަށް އެދި މީޑިއާތަކަށް މައުލޫމާތު ދިން ބައިޑެން ސަރުކާރުގެ އިސް އޮފިޝަލަކު ބުނެފައިވާގޮތުން އެމެރިކާއިން ބާރު އަޅަމުންދަނީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ވަނުމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަދަލުކުރުމަށެވެ. އެގޮތުން މިހާރު އެންމެ ދަށް އުމުރެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 25 އަހަރުކަމަށްވާއިރު 18 އަހަރަށް ބަދަލުކުރުމަށް ބާރުއަޅާފައިވާކަމަށާއި ސަބަބަކީ ހަނގުރާމަ ކުރެވޭ ހާލަތުގައި ތިބި މީހުންގެ އަދަދުތައް އިތުރުކުރުންކަމަށެވެ. އަދި އެއީ ރަޝިއާގެ އަސްކަރިއްޔާއާއި އަޅާ ބަލާއިރު އެ ގައުމުގައި ސިފައިންގެ އަދަދުތައް އިންތިހާއަށް މަދުވުމުގެ ސަބަބުން ދެމުންދާ އިރުޝާދެއްކަމަށެވެ. ނަމަވެސް ތިން އަހަރަށް ދިގު ދެމިފައިވާ މި ހަނގުރާމައިގައި ދެފަރާތަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ނޫސްތަކުން ފާހަގަކުރެއެވެ.
އޮފިޝަލު މައުލޫމާތު ދިން ގޮތުން މިވަގުތު ޔޫކްރެއިންގެ ހާލަތަށް ބަލާއިރު އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެއް ކަމަކީ ސިފައިންގެ އަދަދުތައް އިތުރުކުރުންކަން ފެނިގެންދާކަމަށެވެ. އަދި މިވަގުތު ޔޫކްރެއިންގައި ސިފައިން ތަމްރީނުކުރުމުގެ މަސައްކަތްތައް ހުރީ އެކަށީގެންވާ މިންގަނޑެއްގައި ނޫންކަން ހާމަކުރިއިރު ރަޝިއާގެ އަސްކަރިއްޔާއަށް އިތުރުވަމުންދާ އަދަދުތަކާއި އެއްހަމަކުރުންވާނީ ދަތިކަމަކަށްކަންވެސް ބުނެފައިވެއެވެ.
އެމެރިކާގެ ރައީސް އޮފީހުންވަނީ ފެބްރުއަރީ 2022 ގައި ފެށިގެންދިޔަ މި މައްސަލަގަނޑުގެ ތެރެއިން މިހާތަނަށް 56 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ މާލީ އެހީތެރިކަން އެ ގައުމަށް ފޯރުކޮށްދީފައެވެ. އަދި ބައިޑެންގެ ދައުރު ނިމުމަށް އޮތީ މަދު ދުވަސްކޮޅެއްނަމަވެސް އެހީގެ ގޮތުގައި އިތުރު އެތައް ބިލިއަނެއް ދޭނެކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.

