އެންސްޕާއާ ގުޅޭގޮތުން ފެތުރެމުންދާ ހަގީގަތާ ޚިލާފު މަޢުލޫމާތުތަކުގެ މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެ މުއައްސަސާއިން އެދިއްޖެއެވެ.
އެންސްޕާއިން ހާމަކުރިގޮތުގައި، އެ އިދާރާ ހިންގުމަށްޓަކައި އިމާރާތެއް ހޯދުމާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރަމުންދެއެވެ. މިކަމުގެ ސަބަބުން، އިޖްތިމާޢީ ރައްކާތެރިކަމާއި މުއައްސަސާގެ ނަޒާހަތްތެރިކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް މަޢުލޫމާތު ދެމުންދާތީ، މި މައްސަލައިގެ މިނިވަން އަދި ފުރިހަމަ ތަޙްޤީޤެއް ހިންގައި، ޙަޤީޤަތް ރައްޔިތުންނަށް ހާމަކުރުމަކީ އެންމެ އެދެވިގެންވާ ގޮތްކަމުގައި އެންސްޕާއިން ދެކެއެވެ.
އެންސްޕާއިން ވަނީ މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްފަހު، ކަމާ ގުޅޭ ރިޕޯޓު އެ އިދާރާއާ ހިއްސާކުރުމަށް އެދިފައެވެ.
މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި މިވަނީ އެންސްޕާ ހިންގުމަށްޓަކައި ބޮޑު އަދަދެއްގެ ފައިސާ ހޭދަކޮށްގެން އިމާރާތެއްގެ ދެ ފަންގިފިލާ ކުއްޔަށް ހިފުމުގެ މަސައްކަތުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

