އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ އިންވެސްޓިގޭޓިވް އޮފިސަރު އަބްދުﷲ އާޒިމަށް ކުރާ ދައުވާތައް ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ދައުލަތުން ނިންމައިފިއެވެ.
މި މައްސަލައިގައި އާޒިމްގެ މައްޗަށް 4 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ކުށުގެ 2 ދައުވާއަކާއި، މަނީ ލޯންޑަރިންގެ ގެ ކުށުގެ 2 ދައުވާއެކެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުއެވެ.
މި މައްސަލައިގެ ދައުވާތައް ކޯޓުން ބޭރުކޮށްލާފައިވަނީ ދިފާއުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުމަކާ ގުޅިގެންނެވެ. އެއީ މި ދައުވާއަކީ ދައުވާއެއް އުފުލުމަށްޓަކައި ޤާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަ ކުރުމެއް ނެތި ހުށަހަޅާފައިިވާ ދައުވާއެއްކަމަށް ބުނެ ދިފާއުން ހުށަހެޅި ހުށަހެޅުމެކެވެ.
ދިފާއުން ބުނީ، މި މައްސަލައިގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް މީހުންނާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙްޤީޤަށް ހާޒިރުކޮށް ސުވާލު ކޮށްފައިނުވާއިރު، މިއީ ވަކި ދިމާލަކަށް ތަޙްޤީޤްގެ ފޯކަސް ބަދަލުކޮށްގެން ކުރިއަށް ގެންދަން ބޭނުންވާތީއާއި، ތަޙްޤީޤް ރިޕޯޓުގައި ހިމަނަން ބޭނުންވާ ވަކިކަންތައްތަކެއް ހިމެނުމަށާއި، ބޭނުންވާ ވަކިކަންތައްތަކެއް ވަކިގޮތަކަށް ހާމަކޮށްދިނުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެއްގެ ގޮތުގައި ޤަބޫލުކުރެވޭ ކަމަށެވެ.
އާޒިމްގެ ފަރާތުން އެމީހުންގެ ބަޔާނެއް ތަހުގީގުގައި ނެގުމަށް އެދިފައިވަނީ ކަމުގެ ޙަޤީޤަތަށް ވާސިލުވުމަށް އެ ބަޔާނަކީ މުހިންމު ބަޔާނެއްކަމުގައި ދެކިގެން ކަމަށާއި، ނަމަވެސް މި ދަޢުވާއާއި ގުޅޭ ތަޙްޤީޤްގައި އެމީހުންނާ ސުވާލުކޮށްފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުންވެސް ނިންމާފައިވަނީ މި ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިލްތިޒާމްތައް ފުރިހަމަ ކުރުމެއް ނެތި އުފުލާފައިވާ ދައުވާތަކެއްކަމަށް ޝަރީއަތަށް ބުރަވެވޭކަމަށެވެ. އެހެންކަމުން ގާޒީ ވަނީ މި މައްސަލައިގެ ދައުވާތައް ކޯޓުން ބޭރުކޮށްލައްވާފައެވެ.
އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ދައުވާތައް ކޯޓުން ބޭރުކޮށްލުމަށް ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް މައްސަލަ އިސްތިިއުނާފުު ކުރާނެކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

