ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ އިފްތިތާޙުކޮށްފިއެވެ.
ހޮނިހިިރު ދުވަހު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި މަހާސިންތާ އިފްތިތާޙު ކޮށްދެއްވީ ރާއްޖޭގެ ނައިބްރައީސް ހުސައިން މުޙައްމަދު ލަތީފެވެ.
”ކަޅުއޮށްފުންމި – ދިވެހި ޤައުމިއްޔަތުގެ ދަރުބާރު“ ގެ ނަމުގައި ފެށި މި މަހާސިންތާއަކީ، ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފަރާތުން ކޮންމެ ހުޅަނގު މޫސުމަކާއި އިރުވައި މޫސުމެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާއެކެވެ.
ޤައުމިއްޔަތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއީ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ޤައުމިއްޔަތުގެ ޢިލްމު ފެތުރުމުގެ ޒިންމާގެ ދަށުން ބާއްވާ ޢިލްމީ މަހާސިންތާއެކެވެ. ހޮނިހިރު ދުވަހު ފެށި މަހާސިންތާ އަކީ މި އަހަރުގެ ހުޅަނގު މޫސުމުގެ ދޮށަ ނަކަތުގެ، ޢިލްމީ ދަރުބާރެވެ. މި ދަރުބާރުގައި އެކި ދާއިރާތަކުގެ ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ބެހޭ މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ މި ދަރުބާރުގައި، އެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުން ތަފާތު 9 ޢިލްމީ ކަރުދާހެއް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް އިސްލާމް ދީން ތައާރަފުވުމާއި ތަރައްޤީ ވެގެން އައި ގޮތާ ބެހޭ ދިރާސާތަކާއި، ދިވެހިބަސް، ސަގާފަތް އަދި އިހުގެ އިސްލާމީ ފަރުމާތަކާ ބެހޭ ދިރާސީ ހުށަހެޅުންތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތުގެ ޢިލްމީ ކަރުދާސްތައް ވެސް މި މަހާސިންތާގެ ބައިވެރިންނާ ހިއްސާކުރުމަށް ވަނީ ނިންމައިފައެވެ.
މި ޢިލްމީ ދަރުބާރުގެ މަޤްސަދުތަކުގެ ތެރޭގައި، ދިވެހިވަންތަކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ބައިވެރީންގެ މެދުގައި ވިސްނުމާއި ޢިލްމު ހިއްސާކުރުމުގެ މަންސައެއްގެ ގޮތުގައި ދާއިމުވެ އޮތުމާއި، ދިވެހީންގެ ރަށްވެހިކަމާއި ވަޒަންވެރިކަމާއި، ކަނޑުވެރިކަމަށް މަގުފަހިވާނޭ ވިސްނުމާއި ޢިލްމުތައް ދިވެހިރާއްޖެއަށް ވެހިކުރުމަށް ހިތްވަރުދީ ކުރިއެރުވުން ހިމެނެ އެވެ.

