މިފްކޯއިން މަސްވެރިންނަށް ފައިސާ ދެއްކި ގޮތާއިމެދު ހަގީގަތް އޮޅިގެންދާގޮތަށް ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި ވާހަކަ ފަތުރަމުންދިއުމާއި ގުޅިގެން މިފްކޯއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު ވަނީ ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާގައި އެ ކުންުފުނިން ކުރަމުންދާ މުއާމަލާތްތަކާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރައްވާފަ އެވެ.
ސައީދު ވިދާޅުވީ ހަރަދަށްވާ ފައިސާ ދިނުމަށްފަހު ބިލުގެ ބާކީ ފައިސާ ނުލިބޭކަމަށް ސިފަކޮށް ބައެއް ފަރާތްތަކުން ދައްކަމުންދަނީ ރަނގަޅު ވާހަކަތަކެއް ނޫންކަމަށެވެ. ސަންގުން މިކަމުގެ މައުލޫމާތުތައް ހޯދުމަށް ގުޅުމުން ސައީދު ވަނީ ބިލަށް ފައިސާ ދެއްކުމުގެ މަސައްކަތްތައް އާދައިގެ މަތިން ކުރެވޭ އުސޫލުން ކުރިއަށް ގެންގޮސްފައިވާކަން ހާމަކުރައްވާފައެވެ.
ސައީދު ވިދާޅުވީ، މިފްކޯއިން ކޮންމެ ބިލެއް ވެސް އެއްކޮށް ކްލިއަރ ކުރާނެކަމަށެވެ. ނަމަވެސް ނުދެވި ހުރި ފައިސާ ހޯދުމަށްޓަކައި އެކަމަށް ގޮވާލުމުގައި އެއްވެސް މައްސަލައެއް ނެކްމަަށާއި ކުންފުނިން އެ ފައިސާތައް ވީއެންމެ އަވަހަކަށް ޖަމާ ކުރާނެކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މަސްވެރިންގެ ފައިސާ ނުދީ ގަސްތުގައި ހިފަހައްޓައިގެން ނުތިބޭނެކަމަށެވެ. އަދި ދައުރު ކުރަމުންދާ ވީޑިއޯތަކުގައި ބުނާގޮތަށް ބިލަކުން ޖުމުލަ ހަރަދު ވަކިން އުނިކޮށްގެން ފައިސާ ދޭ އުސޫލެއް އެ ކުންފުނީގައި ނެތްކަމަށް ވިދާޅުވިއެވެ.
ގުރޫޕުގައި ކުރެއްވި މެސެޖުގައި ސައީދު ވިދާޅުވީ މިފްކޯއިން އެއްވެސް އިރެއްގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާތައް އެއްކޮށް ޖަމާކުރިކަމަށް ބުނެ ދޮގު ހަދާފައިނުވާނެކަމަށެވެ. އަދި އެކަން ރާއްޖޭގެ މީޑިއާތަކަށްވެސް ޔަގީންކުރެވޭނެކަމަށް ފާހަގަކުރެއްވިއިރު ޕޭމަންޓު ޝީޓުތައް އާންމުކުރަނީވެސް މިފަދަ ސަބަބުތަކާއި ގުޅިގެންކަމަށް ހިއްސާކުރެއްވިއެވެ.
އެހެންކަމުން މިފްކޯއިން މިފަދަ އަމަލުތައް ބަލައިނުގަންނާނެކަމަށާއި ސާފުކޮށް ފެންނަން އޮތް ހަގީގަތް އޮޅުވާލައި ސިނާއަތާއި އާންމުންގެ ދެމެދު ނަފްރަތު ނުއުފެއްދުމަށް އާދޭހާއިއެކު ދަންނަވާކަމަށެވެ.

