ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ ކަމަށާއި، އެހެންނަމަވެސް ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެހެން ވިދާޅުވީ، ފުލުސް އޮފީހަށް ހާޒިރުވާން އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު) އަށް އަންގައި ފޮނުވި ޗިޓް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އެކަމާ ގުޅޭގޮތުން ފައްޔާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ ”އަބުރުފުޅު“ގެ ހިމާޔަތުގައި އެކި ފަރާތްތަކާ ދެކޮޅަށް ތުުހުމަތުކޮށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. އަދި ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެފައިވާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ ކަމަށާއި، އެހެންނަމަވެސް ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ ކަމަށެވެ.
އޭގެ އިތުރުން، ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ހުސައިން ޝާފިއު (ތުއްތު) އަށް ފޮނުވި ޗިޓްގައި ފުލުހަށް ހާޒިރުވާން އަންގާ ސަބަބެއްކަމަށް ބުނެފައިވަނީ، ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު 01:14 ހާއިރު، ހަޑިހުތުރު ބަސް ބޭނުންކޮށްގެން ބިިރުވެރިކަން އުފެދޭގޮތަށް އެކްސްގައި ޕޯސްޓެއްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

