އިދިކޮޅު ޕާޓީ އެމްޑީޕީއަށް ރަނގަޅު އެއްވެސް ގޮތެއް ނޯންނަކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ.
މެމްބަރު ފަލާޙު އެހެން ވިދާޅުވީ ކޮޕީރައިޓްސް ޤާނޫނާ ގުޅޭ ބިލު ދިރާސާ ކުރުމަށް ދުވަސްތަކެއް ވޭތުވެގެން ގޮސްފައިވާކަމަށް ވިދާޅުވެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ދެއްކެވިި ވާހަކައަށް ރައްދު ދެއްވަމުންނެވެ. އެގޮތުން މެމްބަރު ނާޒިލް ވަނީ މިއީ ޖުލައި މަހު ހުށަހެޅުނު ބިލެއްކަން ފާހަގަ ކުރައްވާފައެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަލާޙު ވިދާޅުވީ، އެމްޑީޕީއަށް ރަނގަޅު އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެގޮތުން މަޖިލީހުގެ ބިލުތައް އަވަސްވިޔަސް، ނުވަތަ ލަސްވިޔަސް އެމްޑީޕީއަށް ކަމުނުދާކަން ފަލާޙު ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން އެމްޑީޕީން ދައްކާ ވާހަކަތައް ދެކޮޅުޖެހެން ޖެހޭކަމަށް ފަލާޙު ވިދާޅުވިިއެވެ.
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެމްޑީޕީއަށް އެބައޮތްތޯއޭ ރަނގަޅު އެއްވެސް ގޮތެއް، ބިލެއް އަވަސްވެެގެންވެސް ނުވޭ، ލަސްވެގެންވެސް ނުވޭ، އެހެންވީމާ މީގަ، އެމްޑީޕީއަށް ރަނގަޅު ކޮންމެވެސް ގޮތެއް މިބޭފުޅުން އެބަޖެހޭ ވިދާޅުވާން، އަވަސްކުރަންވީތޯ ނޫނީ ލަސްކުރަންވީތޯ
މެމްބަރު ފަލާޙު ވިދާޅުވީ، މިހާރު ކޮޕީރައިޓްސް ޤާނޫނު އެކުލަވާލެވެމުންދަނީ ފަންނުވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ޙައްޤުތައް ލިބިގެންދާ ގޮތަށް ކަމަށެވެ. އަދި މިހާރު ބިލުތަކުގެ މަސައްކަތް ކުރަމުންދަނީ އެކަށީގެންވާ ގޮތެއްގައި ދިރާސާތައް ކޮށްގެންކަމަށްވެސް ފަލާޙު ވިދާޅުވިއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުުން ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

