ޤާނޫނު ނަންބަރު 23/2010 (ކޮޕީ ރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް) އިސްލާޙު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލު އިޤްތިސާދީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ހޯމަ ދުވަހުގެ ތަޅުމަށް ވަނީ ހުށަހަޅުއްވާފައެވެ. މި ރިޕޯޓު ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ހުށަހަޅުއްވާފައިވާ ބިލެކެވެ. ބިލު ހުށަހެޅުއްވުމުގެ ބޭނުމެއްކަމަށް ބުނެފައިވަނީ، ކޮޕީ ރައިޓާއި އެއާ ގުޅޭ ޙައްޤުތަކުގެ ޤާނޫނުގެ ދަށުން ކޮޕީރައިޓާ ގުޅޭ ކަންކަން އިތުރަށް ތަފްސީލުކޮށް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލިބިދޭ އިސްތިސްނާވެސް ހިމެނޭގޮތަށް ކޮޕީރައިޓްސްގެ ޙައްޤުތައް ހިމާޔަތް ކުރުމެވެ.
ފަޒާދު ވިދާޅުވި ގޮތުގައި ބިލު ދިރާސާ ކުރުމުގައި ކޮމިޓީން ވަނީ އުފެއްދުންތައް އުފެއްދުމުގައި ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ނަފާ އެމީހަކަށް ލިބިދެވޭގޮތަށް ބިލު ފަރުމާ ކުރެވިފައިވޭތޯ ކަށަވަރު ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި މިހާރު ޤާނޫނުން ހިމާޔަތް ލިބިދީފައިނުވާ ދާއިރާތަކަށް ސަމާލުކަން ދީގެން ބިލު ފަރުމާ ކުރުމަށް މަސައްކަތް ކުރައްވާފައިވާނެކަމަށްވެސް ފަޒާދު ވިދާޅުވިއެވެ.
ކޮމިޓީ ރިޕޯޓު ހުށަހެޅުއްވުމުން މެމްބަރުން ވަނީ ރިޕޯޓަށް ބަހުސް ކުރައްވާފައެވެ. އެގޮތުން ބައެއް މެމްބަރުން ވަނީ ކޮޕީ ރައިޓްސް ޤާނޫނު އެކުލަވާލުމުގައި ޒަމާނަށް ފެތޭގޮތަށް، އަދި ބައިނަލްއަޤުވާމީ ގޮތުންވެސް އަމަލުކުރާ އުސޫލުތައް ދިރާސާކޮށްގެން ބިލު ފަރުމާ ކުރެވިފައިވާކަން ފާހަގަ ކުރައްވާފައެވެ.
އޭގެ އިތުރުން، ކޮޕީ ރައިޓްސްގެ ޤާނޫނަށް ގެނެވިފައިވާ އިސްލާޙުތަކަށް ތާއީދު ކުރައްވާކަމަށްވެސް ބަހުސްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވިދާޅުވެފައިވެއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މި ބިލަށް ވޯޓަށް އަހާފައިވާއިރު، އިޤްތިސާދީ ކޮމިޓީން ނިންމި ގޮތަށް ބިލު ފާސް ކުރުމަށް 57 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެއާއެކު މި ބިލު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

