ޖަލުތަކުގެ އާބާދީގެ 80 އިންސައްތައަކީ ޒުވާނުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ހާމަކުރައްވައިފިއެވެ.
ވޭތުވެދިޔަ އަހަރު ތެރޭގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ޖަލުތަކުގެ އާބާދީގެ އަޣުލަބިއްޔަތު އެކުލެވިގެންވަނީ 80 އިންސައްތަ ޒުވާނުންގެ މައްޗަށް ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ، ޖަލުން މިނިވަންވެގެން އަންނަ ކޮންމެ ޒުވާނަކީވެސް މުޖުތަމަޢުގެ ތެރޭގައި ޤަބޫލުކުރެވޭ، އެކަށީގެންވާ ވަޒީފާއެއް އަދާކުރެވޭ ފަދަ ޤާބިލު ބަޔަކަށް ހެދުން ކަމުގައި ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ކުރީގެ އަހަރުތަކާ ޚިލާފަށް ޖަލުތަކުގެ ސަލާމަތީ ނިޒާމު ވަރުގަދަކުރެވި، އޮފިސަރުންގެ ހީވާގި މަސައްކަތުގެ ސަބަބުން ޖަލުތަކަށް މަސްތުވާތަކެތި ވެއްދުމުގެ މައްސަލަ މިހާރު ވަނީ ބޮޑުތަން ކުޑަކުރެވިފައި ކަމަށެވެ. މީގެއިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 53 އަހަރުގެ ތާރީޚުގައި އަމިއްލަ އޮފީހެއް ނެތް ނަމަވެސް، މިހާރުގެ ސަރުކާރުން އެ މުއައްސަސާއަށް ޚާއްޞަ އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޖަލުތަކުގެ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޖަލުތަކަކީ އެ މަޤްޞަދަށް ޚާއްޞަކޮށް ޑިޒައިންކޮށް އިމާރާތްކުރެވިފައިވާ ތަންތަން ނޫން ކަމަށެވެ. މިގޮތުން، މާފުށީ ޖަލުގެ ގޮތުގައި ބޭނުންކުރަމުންދަނީ ކުރީގައި އެސްޓީއޯއިން މަސް ފެކްޓްރީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތެއް ކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޤައިދީންނަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ ޖަލުތަކެއް ނެތުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށްދިނުމުގައި ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ، މި ސަރުކާރާ ޙަވާލުވިއިރު ޖަލުތަކުގެ ޙާލަތު އެންމެ އެދެވޭ ގޮތެއްގައި ނެތްކަމަށާއި، އެހެންކަމުން އެންމެ އިސްކަމެއް ދެއްވަނީ ޤައިދީންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ރަނގަޅުކުރުމާއި، ޖަލުތަކަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ގެނައުމުގެ މަސައްކަތަށް ކަމުގައެވެ.

