ރައްޔިތުން ދިން ވޯޓާއި ވިއްކި ފިކުރުގައި ކޮޅުފައިން ޖަހާފައި އެންމެ ފުރަތަމަވެސް މެމްބަރުން ގެންދިޔަ ޕާޓީ އަކީ އެމްޑީޕީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުލް ސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ސައްތާރު ވިދާޅުވީ އިދިކޮޅުގައި އޮންނަ ނަމަ ސަރުކާރުން ކިތައްމެ ރަނގަޅު ނިޔަތެއްގައި، ކިތައްމެ ރަނގަޅު އިސްލާހެއް ބެނުންވިޔަސް ކޮންމެ ގޮތަކަށް އެކަން ކުރިނަމަވެސް އެ ބަލައިނުގަތުމަކީ އެމްޑީޕީގެ އަބަދުގެވެސް ފަލްސަފާއެއް ކަަމަށެވެ. އަދި އެކަން މިހާރުގެ މަޖިލީހުގެ ތަޅުމުންވެސް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ގާނޫނުއަސާސީގެ ބިލާބެހޭގޮތުންވެސް ވާހަކަދައްކާއިރު އެކަން އަވަސް ކުރިއަސް އަދި ލަސްކުރިއަސް އެމްޑީޕީއަށް ކަމު ނުދާކަމަށް ސައްތާރު ވިދާޅުވިއެވެ. މީގެކުރިން އަމަލުކުރި ގާނޫނުއަސާސި 17 އަހަރުން ނިމިފައިވާ ކަމަށާއި އޭރު އިސްލާހު ގެނައުމަށް އެއީ ވަރަށް ލަސް ކަމަށް އެމްޑީޕީން ބުނަމުން އައި ކަމަށް ސައްތާރު ވިދާޅުވިއެވެ.
މެމްބަރުން ރައްޔިތުންގެ ބާރުގައި މިނިވަންކަމާއެކު އިންތިހާބުކުރަނީ ރައްޔިތުން ކަމަށް ފާހަގަކޮށް ސައްތާރު ވިދާޅުވީ ރައްޔިތުން ދިން ވޯޓާއި ވިއްކި ފިކުރުގައި ކޮޅުފައިން ޖަހާފައި އެންމެ ފުރަތަމަވެސް މެމްބަރުން ގެންދިޔައީ އެމްޑީޕީއަށް ކަމަށެވެ. އަދި އެއީ މިއަދުވެސް މާޒީން ފެންނަން އޮތް ހަގީގަތް ކަމަށް މެމްބަރު ވިދާޅުވިއެވެ.
”އެގޮތަށް އެ ގެންދިޔަ ގެންދިއުމުގެ ތެރޭގައި ކޮރަޕްޝަނަށްވެސް ތުހުމަތުވެގެން ދިޔަ، މައްސަލަ ބެލުމާއި ނުބެލުން، ތަހުގީގުކުރުމާއި ނުކުރުމަކީ މުޅިން އެހެންކަމެއް. އެހެން ނަމަވެސް ރައްޔިތުންގެ ތެރޭގައި ވާހަކަތައް ހުރީ އެގޮތަށް. މި ސަރުކާރާއި އަމާޒުކޮށްވެސް ރައްޔިތުންގެ ތެރޭގައި ވާހަކަތައް އެބަ ދެކެވޭ. އެކަމަކު އެ އުސޫލުން އެއްވެސް ކަމެއް ސާބިތު ކުރެވިފައެއް ނުވޭ، ވާހަކަތައް ދައްކަނީ ހަމައެކަނި. ހަމަ އެހެން ކޮންތާކުން އައި ފައިސާއެއްތޯ ނޭންގެ، އެކަމަކު ވާހަކަތަކެއް ދެކެވިގެންދިޔަ، އެއަރޕޯޓެއް ވިއްކާލި ކަމާއި، މެމްބަރުންތަކެއް އެމްޑީޕީއަށް ބަދަލުވި ކަމާ، މިއީ މީގެ ފެށުމަކީ“
ސައްތާރު ވިދާޅުވީ ރައްޔިތުން ހޮވާ މީހާ ބަދަލު ނުވެވޭނެގޮތެއް އޮންނަން ޖެހޭކަމަށް ބުނަމުން އައި ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދިނީ ޕާޓީގެ ފިކުރާއި، އެމީހަކު ދެއްކި ވާހަކައާއި، އެ ވިސްނުން ގަބޫލުކޮށްގެން ކަމަށް ސައްތާރު ވިދާޅުވިއެވެ.
ސައްތާރު ވިދާޅުވީ ވޯޓު ދިނީ ހަމައެކަނި ޕާޓީ މީހުން ނޫން ކަމަށާއި، އެހެންނަމެސް ހޮވިފައިތިބީ އެ ފިކުރުގެ މީހުން ކަމަށެވެ.

