2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، އޮކްޓޫބަރު މަހު ދިވެހިރާއްޖޭގެ ގްރޮސް އިންޓަރނޭޝަނަލް ރިޒާވް 66 އިންސައްތައިން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ތަފާސް ހުސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން މި މަހުގެ 2 ވަނަ ދުވަހު ޝާއިޢުކުރި ”އިކޮނޮމިކް އަޕްޑޭޓް“ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން 4.5 އިންސައްތައިން އިތުރުވެފައިވެއެވެ. އެހެންނަމަވެސް، މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދަށްވުމެއް ކަމަށާއި، އެ ކުއާޓަރުގައި އުފެއްދުންތެރިކަން 7.7 އިންސައްތައިގައި ހުރިކަން ފާހަގަކޮށްފައިވެއެވެ.
މި މުއްދަތުގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވުމަށް މައިގަނޑު ގޮތެއްގައި މަގުފަހިވެފައިވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ސެކްޓަރ، ޓްރާންސްޕޯޓު ދާއިރާ އަދި މުވާޞަލާތީ ދާއިރާ ފުޅާވެފައިވުމުގެ ސަބަބުންނެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި ރިއަލް އެސްޓޭޓް އަދި މާލީ ދާއިރާއިންވެސް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، މަސްވެރިކަމާއި ކޮންސްޓްރަކްޝަން އަދި މެނުފެކްޗަރިންގ ދާއިރާތަކުގައި ފާހަގަކުރެވޭ މިންވަރެއްގެ ދަށްވުމެއް އައިސްފައިވާކަން އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8 އިންސައްތައިން އިތުރުވެ، 172,621 އަށް އަރާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ޓުއަރިސްޓް ބެޑް ނައިޓްގެ ޖުމްލަ އަދަދަށް މާބޮޑު ބަދަލެއް އައިސްފައިނުވާކަން ފާހަގަކޮށްފައިވެއެވެ. މިގޮތަށް ދިމާވެފައިވަނީ ރިސޯޓުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް، ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ބެޑްނައިޓް އަދަދުތައް ދަށްވެފައިވުމުގެ ސަބަބުންނެވެ. އޮކްޓޫބަރު މަހުގެ ތެރޭގައި ރިސޯޓުތަކުގެ ބެޑްނައިޓް އަދަދުތައް 3 އިންސައްތައިން އިތުރުވެފައިވާއިރު، ސްޓްހައުސްތަކުގެ ބެޑްނައިޓް އަދަދުތައް 6 އިންސައްތައިން އަދި ހޮޓާތަކުގެ ބެޑްނައިޓް އަދަދުތައް 41 އިންސައްތައިން ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް މައިގަނޑު ގޮތެއްގައި ހިއްސާކޮށްފައިވަނީ ޔޫރަޕާއި ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނުވިލާތުން ކަމަށްވާއިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ހަތަރުވަނަ އަދި ފަސްވަނަ ގައުމުތަކުގެ ގޮތުގައި އިނގިރޭސިވިލާތާއި އިންޑިއާ ހިމެނެއެވެ.
ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 614.6 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރި 371.2 މިލިއަން ޑޮލަރާ އަޅާބަލާއިރު 66 އިންސައްތައިގެ އިތުރުވުމެކެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި 552.2 މިލިއަން ޑޮލަރާ އަޅާބަލާއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ. މިގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރިޒާވް 62.4 މިލިއަން ޑޮލަރުން އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ލިބެމުންދާ ކުރިއެރުމާއި، ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައުމަކީ މުޅި އިޤްތިޞާދަށް ލިބޭ ހިތްވަރެކެވެ. ނަމަވެސް، ބައެއް ދާއިރާތަކުން ފެންނަމުންދާ ދަށްވުންތަކަށް ސަމާލުކަން ދީ، އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

