2025 ގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވާނީ، ބަޖެޓެއްގައި ހުނަން ޖެހޭ ހުރިހާ ތަފްސީލެއް ވެސް ހިމަނައިގެންކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
މިއީ އަމާ ބުނީތީ ފަރަށްދާ އުސޫލުން އެއްވެސް ތަފްސީލެއް ނެތި ތައްޔާރުކޮށްފައިވާ ބަޖެޓެއްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ސުވާލު ކުރައްވާފައި ވަނީ އެއްވެސް ރަށެއްގެ ތަރައްގީއާއި ގުޅުން ހުރި މަޝްރޫއުއެއްގެ ތަފްސީލު ނެތީ ކީއްވެގެންތޯ އެވެ. ޖަވާބުގައި ޒަމީރު ވިދާޅުވީ ބަޖެޓު އެންވެލޮޕްގައި މުޅި ރާއްޖޭގެ ތަރައްގީއަށް އިސްކަން ދީފައިވާނެކަމަށެވެ.
ޒަމީރު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެއްވެސް ރަށެއް ދޫކޮށްލާފައި ނުވާނެކަމަށެވެ. އަދި ވިދާޅުވީ މަރަދޫ ދާއިރާގެ ރައްޔިތުން ބޭނުންވާ ބަދަލުތައް ވެސް ބަޖެޓުގައި ހިމެނިފައި ހުންނާނެކަމަށާއި އެ ސިޔާސަތު ވެސް ސަރުކާރުން ތަންފީޒު ކުރާނެކަމަށެވެ.
ބަޖެޓުގައި އެއްވެސް ތަފްސީލެއް ނެތްކަމަށް މެމްބަރު ފާހަގަކުރެއްވި ވާހަކައިގެ ރައްދުގައި ޒަމީރު ވިދާޅުވީ ބަޖެޓު ހުށަހަޅާފައި ވާނީ ހިމަނަން ޖެހޭ ހުރިހާ ތަފްސީލެއް ހިމަނައިގެން ކަމަށެވެ. އަދި ވިދާޅުވީ ޕީއެސްއައިޕީ ތެރެއިން ނޫނަސް ހިނގާނެ ހަރަދުތައް ބަޖެޓުގައި ލިޔެވިފައިވާނެ ކަމަށެވެ.
ބަޖެޓުގައި ގާނޫނާއި ގަވައިދާ އަމަލު ކުރާ އުސޫލުގެ ތެރެއިން، ބަޖެޓުގައި ހިމަނަން ޖެހޭ ހުރިހާ ތަފްސީލުތަކެއް ހިމަނައިގެން އަޅުގަނޑުމެން ހުށަހަޅާފައި ވާނީ.. އަދިވެސް އެއްފަހަރު ދަންނަވާލަން މެމްބަރުގެ ދާއިރާގައި ވެސް ހިންގޭނެ ޕްރޮޖެކްޓުތައް ހުންނާނެ.. އަދި ބަޖެޓުން ހަރަދުކޮށްގެން ޕީއެސްއައިޕީ ނޫނަސް ދެން ހުރި ހަރަދުތައް ވެސް ކުރަމުން ގެންދާނަން..
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅައި ފާސްކޮށްފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ އެވެ އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.
މި ހަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ އެވެ.
ބަޖެޓު މަޖިލީހުން ފާސް ކުރި ނަމަވެސް އިދިކޮޅު މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދާއިރާތަކުގައި ހިންގާނީ ކޮން ޕްރޮޖެކްޓުތަކެއްކަން ތަފްސީލުތަކުން އެނގެން ނެތުމެވެ. އަދި ބަޖެޓު ހުށަހަޅާފައި ވަނީ ގާނޫނާއި ހިލާފަށްކަމަށް ވެސް ތުހުމަތު ކުރެއެވެ.

