އެމްޑީޕީގެ ވެރިކަމުގައި އަހަރެއްގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީއާއި އެއްހަމަ ހޭދައެއް ހިނގާ ވަރަށް މަޝްރޫއުތައް ފެށިކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ރާއްޖޭގެ މާލީ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރުވަނީ ނިމިދިޔަ ދައުރުގައި ޕީއެސްއައިޕީ މަސައްކަތްތައް ކުރެވިފައިވާގޮތާއިމެދު ކަންބޮޑުވުންތަކެއް ހުރިކަން ހިއްސާކުރައްވާފައެވެ. އެގޮތުން ވަރަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓުތައް ފަށައި ސައިޓަށް އެކަކު ފޮނުވާފައިހުރުން ފަދަ ކަންކަން ފާހަގަކުރެއްވުނުކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވިފައިވަނީ އިންތިހާބު ކާމިޔާބުކުރުން ނުވަތަ އެފަދަ ކޮންމެވެސް ބޭނުމެއްގައިކަމަށް ގަބޫލުކުރައްވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެ ސަބަބާއި ގުޅިގެން ޕީއެންސީގެ ސަރުކާރުން ޕްރޮޖެކްޓުތައް ކުރިއަށް ގެންދާއިރު މަސައްކަތްތައް ކުރަމުންދަނީ އެކަމަށް ވަރަށް ބޮޑަށް ސަމާލުވެގެންކަމަށާއި މަސައްކަތްތައް ކުރަމުންދަނީ ޕްރޮޖެކްޓުތައް ނިންމޭނެ ގޮތަކަށް ރާވައިގެންކަމަށެވެ. އަދި އެއް އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީއާއި އެއްވަރުގެ ހޭދައެއް ހިނގާ ވަރަށް ޕްރޮޖެކްޓުތައް ފެށިފައިވާކަމަށް ފެނިގެންދާކަމަށްވެސް ހާމަކުރެއްވިއެވެ.
ޒަމީރު ވިދާޅުވީ، އެކި ދާއިރާތަކުން ޕްރޮޖެކްޓުތައް ފެށިފައިވާކަމަށާއި އެމްޓީސީސީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީއިން ބަލަހައްޓާ މައުލޫމާތުތަކުންވެސް އެކަން ފެންނަކަމަށެވެ. އެހެންކަމުން ވަރަށް ބޮޑަށް ހަރުދަނާކަމެއް ނެތި މަޝްރޫޢުތައް ފަށާފައިވާކަމަށް މި ސަރުކާރުން ދެކޭކަމަށާއި މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތަކަކީ އެކަންކަމުގެ ނަތީޖާކަމަށެވެ.

