ރޭޓިންގެ އެޖެންސީތަކާއި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުން މިހާރު ރާއްޖެ ބަނގުރޫޓުވެދާނެކަމުގެ އިންޒާރުތައް ދިނުން ހުއްޓާލައިފިކަމަށާއި އިރުޝާދު ދެމުންދަނީ ހަރަދުކުޑަކުރުމަށްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒަމީރުވަނީ ރާއްޖޭގެ ދަރަނީގެ ހާލަތާއިމެދު ވާހަކަދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު 124 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައި އޮތްކަމަށެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އުފައްދާފައިވާ ދަރަނިކަމަށާއި އެކަމުގެ ސަބަބުން ޖުމުލަ އާމްދަނީގެ 24 އިންސައްތަ އެ ފައިސާ އަނބުރާ ދެއްކުމަށްޓަކައި ހަރަދުކުރަންޖެހޭކަމަށެވެ.
ޒަމީރު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް މެދުކެނޑިގެން ނުދާނެ ގޮތެއްގެމަތިން ބަޖެޓު އެކުލަވާލެވިފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މުއްދަތުގެ ހަމަވެގެން ހުރިހާ ދަރަންޏެއް ދައްކަން އުޅެ ރައްޔިތުންނަށް ހިދުމަތްތައްވެސް ދޭން އުޅުނު ނަމަ އައިއެމްއެފްއިން ބުނަމުންދިޔަގޮތަށް ރާއްޖެ ބަނގުރޫޓުވީސްކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުވަނީ އެ ހާލަތުން ރާއްޖެ ނެރެދީ އާމްދަނީ އިތުރުކުރުމާއި ހަރަދުތައެް ހަމަޖެއްސުމުގެ ގޮތުންވެސް ފިޔަވަޅުތައް އަޅާފައިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސްވަނީ އެކުވެރި ގައުމުތަކާއިއެކު މަސައްކަތްތައްކެއް ކުރައްވައިގެން ބައެއް ދަރަނިތަކުގެ މުއްދަތު އިތުރުކުރައްވާފައިކަމަށާއި އެކަންކަން މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި ދަރަނިތަކުން ރާއްޖެ ސަލާމަތްކުރެއްވުމުގެ ގޮތުން އެމަނިކުފާނު ހުންނެވީ ވަރަށް ގިނަ ޕްލޭންތަކެއް އެކުލަވާލައިގެންކަމަށެވެ.
މެނިފެސްޓޯ ގެންނެވިއިރުވެސް އެމަނިކުފާނުވަނީ މިކަންކަމަށް ރިއާޔަތްކޮށް ފިޔަވަޅުތައް ރާވާފައިކަމަށާއި މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިގެން މިހާރު ރާއްޖެ އޮތީ އޭރުގެ ހާލަތުން ސަލާމަތްވުމާއި ވަރަށް ގާތުގައިކަމަށް ހާމަކުރެއްވިއެވެ. އެގޮތުން ދާދި ފަހުންވެސް ބައިނަލްއަގުވާމީ ރޭޓިންގް އެޖެންސީތަކުން ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން މައުލޫމާތު އާންމުކުރިއިރު ހަރަދުކުޑަކުރުމަށް އިރުޝާދުތައް ދީފައިވާނަމަވެސް ބަނގުރޫޓުވެދާނެ ހާލަތާއިމެދު ވާހަކަތައް ދެއްކުން ހުއްޓިފައިވާކަމަށެވެ.

