ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައީމާގެ މަރާއި ގުޅޭ ހެކި ހާމަކުރުން: ނައީމާ ދިރިހުއްޓާ އެންމެ ފަހުން ދިމާވި މީހާ ހިމެނޭ

ނައީމާގެ މަރާ ގުޅިގެން ދައުވާ އުފުލާގައިވާ އަބްދުލްވާޙިދު ރިފާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަހުޒަމް އަބްދުލްޝަކޫރާއި ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ. އެ 3 މީހުންގެ ބައި ކުރިއަަށް ގެންދަނީ ވަކިވަކިންނެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުން ހެކި ހާމަ ކުރުމެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޝަފަހީ ހެކިން ހިމެނެއެވެ. އަންގާރަ ދުވަހު ކުރިއަށްދިޔައީ އަބްދުލްވާޙިދު ރިފާސްގެ ބައެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ނައީމާ މޫސާ ދިރިހުއްޓާ އެންމެ ފަހުން ދިމާވި މީހާއާއި، ނައީމާ ހޯދުމުގައި އުޅުނު މީހުންގެ އިތުރުން، ނައީމާގެ ފުރާނަ ނެތް ހަށިގަނޑު ފެނުނުއިރު އެ ސަރަޙައްދުގައި އުޅުނު މީހުންނާއި، ސިއްޙީ ދާއިރާ އަދި ޤާނޫނު ތަންފީޒު ކުރާ އިދާރާގެ މުވައްޒަފުން ހިމެނެއެވެ.

އޭގެ އިތުރުން، އަބްދުލްވާހިދު ރިފާސް އަދި އަހުޒަމް އަބްދުލް ޝަކޫރު ތަހުގީީގު މަރުޙަލާގައި އެކި ފަހަރުމަތިން ދީފައިވާ އިއުތިރާފު ބަޔާންތައްވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ދެމީހުންގެ ބަޔާން ދިމާވާ ކަމަށާއި، އަދި ބަޔާނުގައި ހުރި ކަންކަން މި މައްސަލައިގެ ވަށައިގެން ފެންނަން ހުރި ހެކިތަކާވެސް ދިމާވާ ކަމަށެވެ.

ދައުލަތުން ވަނީ އެމީހުންގެ ސެލް ލޮކޭޝަން އަދި ކޯލް ޑީޓެއިލްތައްވެސް ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

އަބްދުލްވާޙިދު ރިފާސްގެ ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައާ ގުޅިގެން 7 ޝަފަހީ ހެއްކެއް ހުށަހަޅާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ޙާދިސާ ހިނގިކަމަށް ބުނާ ރޭގައި ރިފާސް އުޅުނު ތަންތަން ބަޔާން ކުރުމަށް ހުށަހެޅި ހެކިތަކާއި އޭނާގެ އިއުތިރާފު ބަޔާނަކީ މީގެ ކުރިން ޙަވާލުވި ވަކީލުގެ ފަރާތުން ލިބުނު ލަފާގެ މައްޗަށް ދިން ބަޔާނެއްކަން ސާބިތު ކުރުމަށް ހުށަހެޅި ހެކި ހިމެނެއެވެ.

އެއަށްފަހު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ކަނޑައަޅުއްވައި، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަަކަށް ފުރުސަތު ދެއްވާފައެވެ.

މި މައްސަލައިގައި ތުހުމަތުވާ މީހުންގެ މައްޗަށް ދައުލަތުން 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

މައްސަލައިގެ ފަސްފަހަތް:

ދައުލަތުން ބުނެފައިވާ ގޮތުގައި ނަޢީމާ މޫސާއަކީ ސިހުރު ހަދާ މީހެއްކަމަށް ބުނެ އޭނާ މަރާލުމަށް ގަސްތުކޮށް އެކަން ކުރާނެ ގޮތް ރާވައި، ނަޢީމާ މޫސާ މަރާލުމަށްޓަކައި ރާވައި، ސިހުރު ހަދާ މީހުން ގަތުލުކުރުމަކީ އެމީހުން ފާފަވެރިވާނެކަމެއް ނޫންކަމަށް މި މައްސަލައިގައި ހިމެނޭ ހަސަން ފަވާޒު ވަނީ ވިސްނައިދީފައެވެ.

އަދި ޙަސަން ފަވާޛް ނަޢީމާ މޫސާ މަރާލުމަށް ދުވަހެއް ކަނޑައަޅައި، އެ ޢަމަލު ހިންގުމަށް ބޭނުންވާ ތަކެތި ހޯދައިދީ، 6 އެޕްރީލް 2023 ދުވަހުގެ ދަންވަރު 01:00 އާއި 03:30 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދުއްވާ ކާރުގައި އަހުޒަމްއާއި ރިފާސް ގޮވައިގެން ނ.މަނަދޫ، އަންނާރުމާގެއަށް ގެންދިޔަކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

އޭގެ އިތުރުން، އެމީހުން ނަޢީމާ މޫސާއަށް ހަމަލާދޭން އެގެއަށް ވަނީއްސުރެ ނަޢީމާ މޫސާ މަރާލަންދެން އެމީހުންނަށް ފޯނުން ގުޅައިގެން ޙަސަން ފަވާޒު އިރުޝާދުދީ، އެމީހުން އެއްބަސްވެފައިވާ ގޮތަށް އަޚުޒަމް ޢަބްދުއްޝަކޫރު އާއި ޢަބްދުލްވާޙިދު ރިފާސް ނަޢީމާ މޫސާގެ ކަރަށާއި ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދިންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ނަޢީމާ މޫސާ މަރާލުމުން، އެމީހުން ބަލައި އަންނާރުމާގެއަށް ޙަސަން ފަވާޒު ގޮސް އެމީހުން ގޮވައިގެން ހެކި ނައްތާލުމަށްޓަކައި ނ.މަނަދޫ ނާމަގު ސަރަޙައްދަށް ގެންގޮސްދީ، އެމީހުން ހެކި ނައްތާ ނިމުމުން، ނާމަގު ސަރަޙައްދަށް ބަލައިގޮސް އެމީހުންގެ ގެއަށް ގެންގޮސްދީ، ނަޢީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން އެމީހުންނަށް މަސްތުވާތަކެތި ފޯރުކޮށްދީފައިވާކަމަށްވެސް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވެއެވެ. އެގޮތުން ވަޅެއް ކޮނުމަށްފަހު އެމީހުންގެ ޖިންސާއި އަންނައުނުތައް އަންދާލާފައިވާކަމަށް ދައުލަތުން ބުނެއެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 26%ވަރަށް ދެރަ 35%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: