މަސްތުވާތަކެތި ފަދަ ބޮޑެތި މައްސަލަތައް ރާއްޖޭގައި ހައްލު ކުރެވޭނީ އިސްލާމީ ޝަރީއަތް ތަންފީޒުކޮށްގެންކަމަށް ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސެވެ.
ބިލަށް ބަހުސަށް ހުޅުވާލުމުން ސައްތާރު ވިދާޅުވީ ރާއްޖޭގައި އޮތް އިޖްތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހޭ އެކި އުމުރުގެ މީހުންގެ އަދަދު މައްޗަށް ދިއުމެވެ. އަދި ކުށުގެ ވެށީގައި ހިނގާ އެންމެ ބޮޑެތި ޖިނާއީ މައްސަލަތަކުން ފެށިގެން ގޮސް ކުދިކުދި ކުށްތަކާއި ވެސް ގުޅިފައި ވަނީ މަސްތުވާތަކެއްޗާއިކަމަށް ވިދާޅުވި އެވެ.
ސައްތާރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް ފަރުވާގެ ނިޒާމު ރަނގަޅު ކުރުމަށް ދައުލަތުން ވެސް ކުރާ ހަރަދުތައް ބޮޑުކަމަށެވެ. އެހެން ނަމަވެސް ހަރުދަނާ ފިޔަވަޅުތައް ބޭނުންވާކަން ފާހަގަކޮށް ސައްތާރު ވިދާޅުވީ ފުލުހުންގެ މުވައްސަސާއަށް ވެސް ގާނޫނީ ބާރުވެރިކަން މިހާރަށް ވުރެ ފުޅާކޮށް ބޭނުންވާކަމަށް ގަބޫލު ކުރެވޭކަމަށެވެ.
ފަރުވާގެ ނިޒާމުގެ ތެރެއަށް ވަދެ، ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ބޭނުންވާ އެތައް ޒުވާނުން ތިބި ނަމަވެސް ބައެއް މައްސަލަތަކާއި ހުރެ އަދިވެސް ޑިޓޮކްސިފިކޭޝަންގެ ޕްރޮގްރާމްތައް ގިނަ މީހުންނަށް ފުރިހަމަ ކުރުމުގެ ޖާގަ ނުލިބޭކަމަށް ސައްތާރު ވިދާޅުވި އެވެ.
ސައްތާރު ވިދާޅުވި ގޮތުގައި މައްސަލަ މިހާރު ގޯސްވެފައިވާ ހިސާބަށް ބަލާއިރު، ތަހުގީގު ކުރުމަށާއި ފަރުވާ ދިނުމަށް ވެސް ދަތިތަކެއް އެބަހުއްޓެވެ. އަދި ކުށްވެރިން އަތުލައިގަނެ އަދަބުތައް ދެވޭ މިންވަރަށް ވުރެ މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ނެޓްވޯކްތައް ވަރުގަދަކޮށް އެ މީހުންގެ ވިޔަފާރިތައް ފުޅާކޮށްފައިވާކަމަށް ވިދާޅުވި އެވެ.
ނަމެއްގައި ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމަށް ބުނެ އިސްލާމީ ޝަރީއަތް ތަންފީޒު ނުކޮށް މައްސަލައަށް ލިބޭނެ ހައްލެއް ނެތްކަމަށް ސައްތާރު ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ މި ގައުމަށް ވެސް ދިމާވެފައި މި ހުރި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި.. ބާރުތައް ތަންފީޒީ އިދާރާތަކަށް އެކަށިގެންވާ ބާރު މިނުގައި ނުދެވޭތީ، އަޅުގަނޑުމެންނަށް އަޑުއިވެނީ ކޮންމެ މީހަކު ވެސް އެއް ދޮރުން ވައްދާފައި އަނެއް ދޮރުން ނެރޭ ވާހަކަ.. މިހެން މިކަން ވާންޖެހެނީ އަޅުގަނޑު ގަބޫލު ކުރަނީ މިފަދަ ބޮޑު މައްސަލަތަކަށް އެކަށީގެންވާ ބާރު ނުދޭތީ.. ފުލުހުންނަށް ވެސް ބާރު ދޭންވީ.. ދިގެން ވާނީ..
ސައްތާރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ގެންނަންވީ، މުޅި މުޖްތަމައުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި މަސްތުވާތަކެތި ވިއްކާ މީހުންގެ މައްސަލަ ވެސް ބަލަން ސައްތާރު ގޮވާލި އެވެ.
ސައްތާރު ވިދާޅުވީ މިފަދަ މައްސަލަ ހައްލު ކުރެވޭނީ ވީހާވެސް ބޮޑަށް އިސްލާމީ ޝަރީއަތް ތަންފީޒުކޮށްގެން ކަމަށެވެ. އަދި އަދަބަކީ ދެން ހުރި މީހައަށް ލިބޭ އިބުރަތަކަށް ވާން ޖެހޭކަމަށް ވެސް ވިދާޅުވި އެވެ.

