އިޖްތިމާއީ ބޮޑެތި މައްސަލަތަކުގެ ފެށުމަކީ މަސްތުވާތަކެތިކަމަށް ބެލެވި، އެކަމަށް ހައްލު ގެނައުމަށް ކުރަން ޖެހޭ އެތައް މަސައްކަތެއް ހުރި ނަމަވެސް ގާނޫނަށް ގެނެވުނު ހަރުދަނާ އެއްވެސް އިސްލާހެއް ނެތްކަމަށް ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިޔަށް ގެންގޮސްފައި ވަނީ ސަރުކާރުގެ ފާތުން ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސެވެ.
ބިލަށް ބަހުސް ކުރައްވަމުން މަމްދޫހު ވިދާޅުވީ މަސްތުވާތަކެތީގެ ގާނުނު ވުޖޫދުވުމަށް ފަހު، ޖުމްލަ ގޮތެއްގައި މައްސަލަ ހައްލު ކުރުމަށްޓަކައި މިވޭތުވެ ދިޔަ އަހަރުތަކުގައި ގެނެވުނު ހަރުދަނާ ރަނގަޅު އިސްލާހެއް ނެތްކަމަށެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް، ކުށްވެރިންނަށް އަދަބު ދިނުމުގެ ވާހަކަ އޮތީ ހުސް އެކަނި ޕޯޑިއަމަށް ދޫކޮށްލާ ވާހަކައެއްގެ ގޮތުގައިކަމަށާއި، ކަރުދާހަކަށް ސިޔާސަތުތައް ތިރިކޮށް ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށް މަމްދޫހު ވިދާޅުވި އެވެ.
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހު މަމްދޫހު ފާހަގަކުރެއްވީ، ސަރުކާރުން އިހުލާސްތެރިކަމާއި އެކު ކުރިޔަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
މަމްދޫހު ވިދާޅުވީ ރާއްޖޭގައި ދިމާވާ އިޖްތިމާއީ ކޮންމެ މައްސަލައެއް ވެސް މަސްތުވާތަކެއްޗާއި ގުޅިފައިވާކަމަށާއި، އެއާއި އެކު ދެން އަންނަ ކުދިކުދި ކުށްތަކުގެ އަސްލު ފެށުމަކީ ވެސް އެއީކަމަށެވެ. މިއަދު މަސްތުވާތަކެތީގެ މައްސަލަ އެއްކޮށް ހައްލު ނުވާނެކަމަށް ހީވާ މިންވަރަށް ހާލަތު ގޯސްވެފައި އޮތް ނަމަވެސް ސަރުކާރުގެ އަމާޒަކީ ގާނޫނަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުންކަން މަމްދޫހު ވިދާޅުވި އެވެ.
މަމްދޫހު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ގާނޫނު ތަންފީޒު ކުރާ މުވައްސަސާތަކަށް އިތުރު ބާރުތައް ލިބިގެންދާކަމަށެވެ. އަދި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ނެޓްވޯކުތައް ހިންގާ މީހުން އަތުލައިގަތުމަށް ފަސޭހަވާނެކަމަށް މަމްދޫހު ވިދާޅުވި އެވެ.
މީގެ ކުރީގައި އޮތް ގޮތުން ގަނޫނުގައި ބާގަނޑުތައް ހުރުމާއި، ތަހުގީގު މަރުހަލާގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ބޮޑެތި އެތައް ކުށްވެރިންނެއް ދޫވެގެން ގޮސްފައިވާކަމަށް މަމްދޫހު ވިދާޅުވި އެވެ.
ސަރުކާރުތަކަށް މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރެވިފައިވާތަން އަޅުގަނޑުމެންނަކަށް ފެންނާކަށް ނެތް..
މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައިވާ މި ބިލަކީ މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު ރިވިއުކުރުމަށްފަހު، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މަސްތުވާތަކެތީގެ ވަބާއިން ދިވެހި ގައުމު ސަލާމަތްކުރުމަށް ދައުލަތުގެ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ހުރި ބައެއް އުނިކަންކަން ކަމަށް ރައީސް ޑރ. މުހަޙައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

