އާންމު ރައްޔިތަކަށް ފޯރުކޮށްދީފައިވާ އެހީތަކާއި ގުޅޭ ތަފްސީލުތައް އާންމުކުރެވިފައި ވަނީ، އެންމެ ރަނގަޅަށްކަމަށް ގަބޫލު ނުކުރެވޭތީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާއިލާގެ ކިބައިން މައާފަށް އެދިއްޖެ އެވެ.
ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ރައްޔިތަކަށް މި ފަހުން އެންސްޕާ ދީފައި ވަނީ ކުޑަ އެހީއެއްކަމަށާއި، ކުރީ ސަރުކާރުގައި 1000 ޑޮލަރު ލިބުނުކަމަށް އާންމުންގެ މީހަކު ކުރި ޕޯސްޓެއް ވަރަށް ބޮޑަށް މި ހަފްތާގައި ވައިރަލްވި އެވެ. މީޑިއާތަކުގެ ސަމާލުކަމަށް ވެސް އައި އެ ޕޯސްޓާއި ގުޅިގެން އެންސްޕާ ވަނީ އެ މީހާއާއި ބައްދަލުކޮށް، އާއިލާގެ މެމްބަރަށް ލިބުނުކަމަށް ބުނާ އެހީގެ މައުލޫމާތު ހޯދުމަށް މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް 1000 ޑޮލަރުގެ އެހީއެއް ލިބުނުކަމަށް އެއްވެސް ލިޔެކިއުމަކުން ފެންނަން ނެތްކަމަށް އެންސްޕާ ބުނެ އެވެ.
މައްސަލައިގައި ބަޔާނެއް އާންމުކޮށް އެންސްޕާ ވަނީ އެ މީހާއަށް ދިން އެހީތަކުގެ ތަފްސީލު އާންމުކޮށްފަ އެވެ. އަދި ކުރީ ސަރުކާރުގައި 1000 ޑޮލަރު ލިބުނުކަމަށް ތަކުރާރުކޮށް އާއިލާގެ މެމްބަރު ބުނި ނަމަވެސް އެ މައުލޫމާތު ފެންނަން ނެތްކަމަށާއި، އެކަން ހިނގާފައި ވާނަމަ އެއީ އުސޫލުން ބޭރުން ދިން އެހީއެއްކަމަށް ވެސް ބަޔާނުގައި ވެއެވެ. ބަޔާނުގައި ބަލި މީހާގެ ނަމާއި އެއްވެސް މައުލޫމާތެއް ނެތް ނަމަވެސް، އޭނާއަށް ދިން އެހީތައް އާންމުވުމުން އެކަމަށް ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރި އެވެ.
މިއީ ދިވެހި ރައްޔިތެއްގެ ޒާތީ މައުލޫމާތުތައް އާންމު ކުރުންކަމަށް ފާހަގަކޮށް، ގިނަ ބަޔަކު އަމާޒު ކުރި ފާޑުކިއުންތަކާއި އެކު މައާފަށް އެދި އާންމު ކުރި ބަޔާނުގައި އެންސްޕާއިން ބުނެފައި ވަނީ މައްސަލައިގައި އެ އޭޖެންސީއަށް އަމަލު ކުރެވިފައި ވަނީ އެންމެ ރަނގަޅަށް ނޫންކަން ގަބޫލު ކުރާކަމަށެވެ. އަދި އެންސްޕާ ހިންގުމުގެ ބޭނުމަކީ ދިވެހި ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމާއި ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ބުންޏެވެ.
އެންސްޕާއިން ބުނީ ކަން ހިނގިކޮށް ތަފްސީލުކޮށް ދިނުމަށް ނެރުނު ބަޔާނުގެ ބޭނުމަކީ އާންމު ރައްޔިތެއްގެ ހައްގު ގެއްލޭ ގޮތަށް ޒާތީ މައުލޫމާތެއް އާންމު ކުރުން ނޫންކަމަށެވެ. އަދި އެކަމަށް އާއިލާއާއި އޭނާގެ ކިބައިން މައާފަށް އެދޭކަމަށް ވަނީ ބުނެފައެވެ.
ބަޔާނުގައި ބަލި މީހާގެ އެއްވެސް އައިޑެންޓިޓީއެއް ބަޔާންކޮށްފައި ނެތް ނަމަވެސް، އެ ބަޔާނުގައި ބަލި މީހާއަށް މި އެޖެންސީން ދީފައިވާ އެހީގެ މައުލޫމާތު ހިމެނިފައި ވާތީ އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވުމާއިއެކު އެފަދަ މައުލޫމާތެއް ހިމެނިފައިވާތީ އެކަމަށް މި އެޖެންސީން މައާފަށް އެދެމެވެ.
ބަޔާން ނެރެން ޖެހުނީ އެންސްޕާ ބުނި ގޮތުގައި އެ އޭޖެންސީން ބަލި މީހަކަށް އެހީ ނުދިންކަމަށް ބުނެ، ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފަތުރައި ތަން ބަދުނާމުވާ ގޮތަށް ފެތުރެމުން ދިޔަ ވާހަކަތަކާއި ގުޅިގެންނެވެ.
މައްސަލައިގައި ނެރުނު ބަޔާނަށް ފަހު، އެންސްޕާ ވަނީ ކުރީގެ ބަޔާން ސޯޝަލް މީޑިއާގެ އެކައުންޓުތަކުން ނަގާފަ އެވެ. އަދި މިކަމުގައި އާއިލާއަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދެމުންދާކަން ފާހަގަކުރި އެވެ.

