ރާއްޖޭގެ ތާރީހުގައި ކަން ހިނގާފައިވާ ގޮތަކީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ނޫން ގޮތަކަށް މިހާތަނަށް ވެރިކަމަށް އާދެވިފައި ނެތުމެވެ. ދިވެހިރާއްޖޭގެ އެއްވެސް ގާނޫނެއް ނުވެސް ދަންނަ ކޯލިޝަނެއް ހަދައިގެން ވެރިކަމަށް އައިސް މަގާމުތަށް ބަހާލަނީ ސިޔާސީ ޕާޓީތަކުން ދޭ ލިސްޓެއްގައިވާ ބަޔަކަށެވެ. އެހެންވެ އެއީ ސަރުކާރު ހިއްސާވާ ކުންފުންޏަކަސް، ނުވަތަ ދައުލަތަކުގެ އިދާރާއެއް ނުވަތަ މުވައްސަސާއަކަސް މަގާމަށް އަންނަނީ ސިޔާސީ ޕާޓީއެއްގެ ތެރެއިން ”ނަން ފާސްވެގެން“ އެވެ.
ކޭކު ބަހާ އުސޫލުން ދޭ މަގާމުތަކަށް އައިސް، އެ ޕާޓީއަކުން މަސައްކަތް ކުރަނީ އެބަޔަކަށް ކޮންމެވެސް ކުރިއެރުމެއް ލިބޭތޯއެވެ. ވެރިކަމަށް އަންނަ ބަޔަކަށް ހީވެފައި އޮންނަނީ ޕާޓީ ކުރިއަރުވަން އޮތް ހަމައެކަނި ގޮތަކީ ވީހާވެސް ގިނަ ހަރަކާތްތައް ބޭއްވުމާއި، ޕާޓީގެ މެމްބަރުން ސަރުކާރުގެ މަގާމުތަކުގައި ތިބުން ކަމަށެވެ.
ސިޔާސީ ޕާޓީއަކަށް ލިބޭނެ ކުރިއެރުމަކީ އެބަޔަކު ވިއްކަމުން އައި ފިކުރު އަދި ސިޔާސަތުތައް ރައްޔިތުން ގަބޫލުކޮށް، އެބަޔަކު ނެރޭ ލީޑަރަކާއި އެކު މަސައްކަތްކުރަން ރައްޔިތުން ބޭނުން ވުމެވެ. އެއްވެސް ސިޔާސީ ޕާޓީއަކީ ވަކި މީހަކަށް ނުހަދާ އެޕާޓީން ވެރިކަމަށް ކުރިމަތިލާ ކޮންމެ މީހަކީވެސް ޕާޓީގެ އުސޫލުތަކުގައި ހިފައިގެން ކުރިއަށް ދާނެ މީހަކަށް ވާންޖެހެއެވެ.
ރައްޔިތުން ސިޔާސީ ޕާޓީގެ ފިކުރު ގަބޫލުކޮށް، ސިޔާސަތުތައް ގަބޫލުކުރުން ފިޔަވާ ސިޔާސީ ޕާޓީއަކަށް ދެން މުހިންމު ވާންޖެހޭ އެއްޗެއްވެސް ނެތެވެ. އެހެން ނަމަވެސް މިއަދު ގައުމުގައި ކަން ހިނގަމުން އަންނަނީ އެހެންނެއް ނޫނެވެ. ސިޔާސީ ޕާޓީ އާއި ފިކުރާއި، ކުލަޔާއި މިހުރިހާ އެއްޗެއް ވެސް ވުޖޫދުކުރެވިގެން އައިރު ވަކި މީހަކީ މުޅި ޕާޓީއަށް ހެދުން ނިމުމަކަށް ގެންނަން ޖެހެއެވެ. ކުރިން ކަން ހިނގަމުން އައީ ވަކި މީހަކު ވަކި ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރާ އުސޫލެވެ. ސިޔާސަތުތަކަކީ ވަކި މީހެއްގެ އެއްޗަކަށް ނުހަދާ ޕާޓީގެ އެއްޗެއްކަަށް ހަދަން ޖެހެއެވެ.
މާދަމާ ވެސް ކޮންމެ ޕާޓީއަކުން ކޮންމެ މީހަކު ނިކުތް ކަމުގައި ވީނަމަވެސް، އެމީހާ އެ ނިކުންނަކީ އޭނާ ބޭނުންވާ ސިޔާސީ ޕާޓީގެ ފިކުރާއެކު، ޕާޓީގެ ސިޔާސަތާއި އެ އަޒުމާއެކު ކަމަށް ގަބޫލުކުރާނަމަ ބައިބައިވުމާއި، ގައުމުގެ ތަރައްގީއަށް އެޅިގެންދާ ހުރަސްތައް ނައްތާލެވޭނެ އެވެ. މިއަދު ފެންނަމުންދާ ހަގީގަތަކީ މަގާމެއްގެ ދަހިވެތިކަމުގައި ނުވަތަ ކޮންމެވެސް ފައިސާގަނޑެއްގެ ދަހިވެތިކަމުގައި ޕާޓީތައް ބައިބައިވެ ތަރައްގީއަށް ހުރަސްތައް އެޅިގެން ދިއުމެވެ.
ވެރިކަމަށް ޕާޓީއެއްގެ ޓިކެޓުގައި އައިނަމަވެސް އެބަޔަކު ވެރިކަމާ ހަވާލުވީ ކޮން މަގުސަދެއްގައި ކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މީގެކުރީގެ ހުރިހާ ވެރިކަމަކަށް ބެލި ނަމަވެސް ކޮރަޕްޝަން އިންތިހާއަށް އެބަހުއްޓެވެ. ކުންފުނިތަކުގެ މަސައްކަތްތައް ހިނގާފައި ހުރީ ބަރަވެލި ސްޕީޑުގައެވެ. ޕާޓީތަކަށް އިސްކަން ދޭން އުޅުމުގެ ތެރެއިން ގައުމު ހާލާކުވެގެން ދިއުމަކީ އެ ޕާޓީއަކާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނޭ ކަމެކެވެ. ނިމިޔަ ދައުރަށް ބަލާއިރުވެސް އެކި ކޮރަޕްޝަންގެ މައްސަލަ ތަކުގެ ވާހަކައެވެ. ފެނަކާއި، އާރުޑީސީ ފަދަ ކުންފުނިތަކުގައި ކޮރަޕްޝަން ހިނގާފައިވާ ކަމުގެ އެތައް ތުހުމަތުތަކެކެވެ.
ޕާޓީތަކުގެ މީހުންނަށް އިސްކަން ދިނުމާއި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކަންކަން ނުކުރުމަކީ އެންމެ ގިނައިން ހިނގާ އެއްކަމެވެ. ބޭނުންޥާވާ މީހަކަށް ސިޔާސީ ވަޒީފާތައް ބެހުމާއި، ބޭނުންވާ މީހާއަށް ނުވަތަ ގާތް މީހާއަށް ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ދޭންޖެހޭ ހިދުމަތްތައް އަވަސްކޮށްދިނުން ފަދަ ކަންކަމަކީ މިގައުމުގައި އާންމު ކަމެކެވެ. އަދި ކިތަންމެ ގޯސް އަމަލުތަކެއް ހިންގާފައި ހުރިނަމަވެސް އެ ޕާޓީއަކަށް ނިސްބަތްވާ މެމްބަރެއް ނަމަ އޭނާއަށް އެކަންކަމުން ސަލާމަތް ވުމަށް ފަސޭހަވެގެންދެއެވެ.
ގެނެސްދޭނެ ކަމަށް ބުނި ތަރައްގީ ވަކި ހިސާބަކުން ހުއްޓީ، ޕާޓީ މުހިންމުވެ ރައްޔިތުންނަށް ވީ ވައުދު ހަނދާންނެތުމަކީ މި ގައުމުގައި ކަންކަން ހިނގަމުން އައިގޮތެވެ. ކޮންމެ ސަރުކާރަކުން އައިސް އެފަދަ ގޮތްގޮތަށް ކަންކަން ކުރުމުން ދެން އޮންނަ ސަރުކާރަކަށް އެކަމުގެ ތަކުލީފު އުފުލަންޖެހުމަކީ އެއީ އަމިއްލަ ވެރިކަމުން ނުވަތަ ތިމާ އަދާކުރި މަގާމުން ފެއިލް ވުން ނޫންތޯއެވެ.
ނިންމާލަމުން ބުނެލެންއޮތީ، ސިޔާސީ ޕާޓީތައް ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވިއްޖެ ނަމަ އެ ޕާޓީއެއްވެސް ދާނީ ކުރިއަރިގެންނެވެ.

