މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި އަވަސް ފިޔަވަޅުތައް އަޅުއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން ރައީސް ޑރ މުއިއްޒުވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހައްލުކުރަން ބޭނުންވާ ކަންކަމުގެ މައުލޫމާތު ކެއުޅުންގެ ފަރާތުން އައްސަވާފައެވެ. އަދި ސިނާއަތުގައި މިވަގުތު ހުރި ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލެވިފައިވާއިރު މީގެ ތެރޭގައި މަހުގެ އަގު ދަށްވުމުގެ މައްސަލައާއި ފައިސާ އާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ސިނާއަތައަށް ކުރިމަތިވެފައިވާ ގޮންޖެހުންތައްވެސް ހިމެނޭކަމަށެވެ.
ކެއުޅުންވަނީ ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް ސިނާއަތުގެ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކުރައްވަމުންދާ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް އެމަނިކުފާނުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ސިނާއަތުގެ ކުރިއެރުވުމުގެ ގޮތުން ކުރެވިދާނެ ކަންކަންވެސް ކެއުޅުން ހިއްސާކުރެއްވިއެވެ. މަސްވެރިކަމުގެ މާކެޓް އިތިރުކޮށް މަހުގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.
ރައީސް މުއިއްޒުވަނީ ސަރުކާރުން މަސްވެރިންނާއި ކެއުޅުންނާއި ގާތުން އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެގޮތުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބައްދަލުވުމުގައި މަސްވެރިން ހިއްސާކުރި ކަންބޮޑުވުންތައް ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި އެކަންކަމަށް ހައްލުތަކެއް ހޯދުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެެވެ. ރައީސްވަނީ މިފަދަ އިތުރު ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވުމަށްޓަކައިވެސް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

