ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން އެމްޑީޕީއިން ފަތުރަމުންދަނީ އެއްވެސް ހާލަތެއްގައި އަސާސެއް ހުރި ވާހަކަތަކެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ޒަރީރު ވިދާޅުވީ، އެކަމުގެ ސަބަބުން މެމްބަރުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް އަންނަކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. މެމްބަރު ވިދާޅުވީ، އެ ވާހަކަތައް ދައްކާ ފަރާތްތަކުން ގާނޫނު ރަނގަޅަށް ވިދާޅުވެފައިނުވަނީ ނުވަތަ އެނގިހުރެ ވަކި މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަނީކަމަށެވެ.
ޒަރީރު ވިދާޅުވީ، ގާނޫނުއަސާސީއަށް ގެނެވޭ ބަދަލާއިއެކު ގާނޫނުތަކެއް ފަރުމާކުރަންޖެހޭ ވާހަކަ ވަރަށް ސާފު އިބާރާތުން ބަޔާންކޮށްފައިވާނެކަމަށާއި އެކަން ކުރަނީ ޕާޓީއިން މީހަކު ވަކިވާން ބޭނުންވެއްޖެ ހާލަތެއްގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ކަނޑައެޅުމުގެ ގޮތުންކަމަށެވެ. އަދި ގާނޫނުއަސާސީގައިވެސް މެމްބަރުންގެ ހައްގުތައް ރައްކައުތެރިކުރުމުގެ ގޮތުން އެކި މާއްދާތައް ހިމެނޭކަމަށްވެސް އަލިއެޅުއްވިއެވެ. އެހެންކަމުން ގާނޫނުތައް ހެދިގެންދާނީ އެ މާއްދާތަކަށް ރިއާޔަތްކުރެވިގެންކަމަށް މައުލޫމާތު ދެއްވިއެވެ.
މެމްބަރު ވިދާޅުވީ، ވަރަށް ގިނަ މަރުހަލާތަކެއް ކަޑައްތުކުރުމަށްފަހު ގާނޫނުއަސާސީގެ ރޫހާއި އެއްގޮތަށް ގާނޫނުތައް ހެދިގެންދާތީ މެމްބަރަކު ވަކިކުރެވޭނީ އެ އުސޫލުތަކުގެ މަތިންކަމަށެވެ. އޭނާ ވިދާޅުވީ ތަފާތު އެކި މަރުހަލާތައް ފުރިހަމަކުރަންޖެހޭނެކަމަށާއި ޕާޓީއިން ބޭނުންވާއިރަށް މެމްބަރަކު ވަކިނުކުރެވޭނެކަމަށެވެ. އެހެންކަމުން އެމްޑީޕީއިން ދައްކަމުންދަނީ އެއްވެސް ހާލަތެއްގައި އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދައްކާ ވާހަކަތަކެއް ނޫންކަމަށެވެ.
އެމްޑީޕީއަށް މަޖިލީހުގައި އެކަށީގެންވާ ގޮތަށް އަޑުއުފުލުމުގެ ޖާގަ ލިބިގެންނުދާކަމަށް ސިފަކުރާކަމުގެ މައްޗަށްވެސް މެމްބަރު އަލިއެޅުއްވިއެވެ. ޒަރީރު ވިދާޅުވީ، އެ ޕާޓީގެ މެމްބަރުންނަށް ކަންބޮޑުވުންތަކުގެ އަޑުއުފުލުމަށް އެކަށީގެންވާ ޖާގަ ލިބިގެންދާކަމަކީ ޔަގީން ކަށަވަރު ކަމެއް ކަމަށެވެ. އެގޮތުން ގާނޫނުއަސާސީއަށް އިސްލާހުތައް ގެނައުމަށް މަސައްކަތްކުރުމާއިއެކު އެ ޕާޓީއިން މުޒާހަރާކޮށް އަޑުގަދަވެސްކުރިކަމަށާއި އެހެންނަަމަވެސް މަޖިލީހުގެ ތަޅުމުން އެއްވެސް މެމްބަރަކު ނެރުނުތޯ ސުވާލު ކުރެއްވިއެވެ.
ޒަރީރު ވިދާޅުވީ، 19 ވަނަ މަޖިލީހުގައި ކަންވީ އެގޮތަށް ނޫންކަމަށާއި، އޭރު އިދިކޮޅުގައިި ތިއްބެވި މެމްބަރު އަޑުއުލަން ފެށުމުން އެތައް މެމްބަރަކު މަޖިލީހުގެ ތަޅުމުން ނެރެލި މަންޒަރު ފެނިގެންދިޔަކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް ފުރުސަތު ލިބިގެންދާކަމަށާއި ބިލުތައް ހުށައެޅުމަށް ޖާގަަވެސް ލިބިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއަށް ކުއްލި މައްސަލަތައްވެސް ހުށައެޅޭކަމަށާއި ބަހުސްކުރުމަށްވެސް ފުރުސަތުތައް ލިބިގެންދާކަމަށެވެ. އެހެންނަމަވެސް ކަނޑައެޅިގެން ޖެއްސުން ކުރުމުގެ ނިޔަތުގައި ވަގުތު ދުއްވާލައި ގާނޫނުއަސާސީގެ ރޫހާއި ހިލާފަށް ހުށައަޅާ މައްސަލަތައް ބަލައިނުގަންނަކަމަށެވެ.

