ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ އަދުލުގެ ގާނޫނު؛ ރާއްޖޭގެ ނިޒާމުގެ ތެރެއަށް ފެތޭ ގޮތަށް އިސްލާހު ބޭނުންވޭ!

ފުލުހުން ހިފެހެއްޓި ޑްރަގުތަކެއް ބެލުމުގެ ދަށަށް ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ކުށުގެ ވެށީގައި ފަހަކަށް އައިސް އެންމެ ގަދަވެފައިވާ އަޑަކީ، ކުޑަކުދިން ޝާމިލުވާ މިންވަރު ގިނަވުމެވެ. މާރާމާރީގެ އެކި މައްސަލަތަކާއި، މަސްތުވާތަކެތި ވިއްކުމާއި އެ ބޭނުން ކުރުމުން ފެށިގެން އައިސް މަރުގެ މައްސަލަތަކުގައި ވެސް 18 އަހަރުން ދަށުގެ ކުދިން ހައްޔަރުކޮށްފައި އެބަތިއްބެވެ. މި މައްސަލަ މިހެން އޮއްވައި، ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުމުރުން 18 އަހަރު ނުވީސް ކުރާ ކުރަށަކަށް، ބޮޑު އަދަބެއް ނުދެވޭނެކަމަށް ގާނޫނުގައި ލިޔުނެވެ. އަދި ހައްޔަރު ކުރިއިރު އުމުރަކީ 18 ނަމަވެސް، ކުށް ކުރީ އުމުރުން 18 އަހަރު ނުވަނީސްކަމަށް ވާނަމަ މައްސަލައިގައި އަމަލު ކުރަން ޖެހެނީ އެ ގާނޫނުގެ ދަށުންނެވެ. 

އައު ސަރުކާރު ވެރިކަމަށް އައުމަށް ފަހު، ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ ގާނޫނު މިހާރު އޮތް ގޮތުން ދިމާވާ މައްސަލަތައް ފާހަގަކޮށްފަ އެވެ. އިހުސާން ވިދާޅުވި ގޮތުގައި ބޮޑެތި ކުށްވެރިން ވެސް، އެ މީހުންގެ އަމަލުތަކުގައި 18 އަހަރު ނުވާ ކުދިން ބައިވެރި ކުރުވާ އެއް ސަބަބަކީ ވެސް އެއީ އެވެ. އެންމެ ބޮޑު މައްސަލައަކީ ގާނޫނުގައި ބުނާ ގޮތުގެ މަތީން މިހާތަނަށް އެއްވެސް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގިފައި ނެތުމެވެ.

އިހުސާން ވިދާޅުވި ގޮތުގައި ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް ހައްގު އަދަބު އެ މީހަކަށް ދެވޭނެ ގޮތެއް ނެތެވެ. އަދި ޝަރީއަތް ދިގުލައި އުމުރުން ކިތަންމެ ގިނަ ދުވަހެއްވި ނަމަވެސް ވަނަވަރު ސިއްރުކޮށް، ޝަރީއަތް ޖުވަނައިލް ކޯޓުގައި ގެންދަން ޖެހުން ހިމެނެ އެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ގެނައުމާއި އެކު، ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ދަށް ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހައްލު ގެނެވިފައި ނުވާ މި މައްސަލައިގައި، ހިޔާލު ތަފާތެވެ. އެއް ބަޔަކު އެ ނިންމުމަށް ތާއީދު ކުރިއިރު، އެއީ ރަނގަޅު ނިންމުމެއް ނޫންކަމަށް ދެކޭ މީހުން ވެސް އެބަތިއްބެވެ.

މައްސަލައަކީ އުމުރު، ނުވަތަ ގާނޫނެއް ނޫންކަމަށް ކަމުގެ މާހިރުން ދެކެ އެވެ. ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތަކާ ތަފާތެވެ. އަދި ކުޑަކުދިން ކުށް ކުރަނީ ކުށެއް ކުރަންވެގެނެއް ނޫނެވެ.

އެ ނިންމުމާ ދެކޮޅު މީހުން ބުނަމުން ދަނީ ކުށް ކުރާ ކުދިންނަށް ދޭން ވީ ނަސޭހަތް ކަމަށެވެ. އަދި އަދަބު ދިނުމަކީ، ދިރިއުޅުން އެއްކޮށް ހަލާކުވެ ޒުވާން އުމުރުގައި އިތުރު ބޮޑެތި ކުށްތަކަށް އަރައިގަންނާނެ ސަބަބެއްކަމަށް ވަނީ ބުނެފައެވެ.

ދެން އޮތް ސުވާލަކީ، ވަލްނަރަބަލް މާހައުލުތަކުން ގެންދާ ކުދިންނާއި މެދު ޖެންޑާރ މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭއޭ) ގެ ދައުރަކީ ކޮބައިތޯ އެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިންނަކީ އެކި ސަބަބުތަކާއި ހުރެ ދިރިއުޅުނު ގޭތެރެއިން އަނިޔާ ލިބެމުން ދިޔަ ކުދިން ނުވަތަ ރައްކާތެރި މާހައުލެއް ނެތް ކުދިން ނުވަތަ މައިންބަފައިން ނެތް ކުދިން ނުވަތަ މައިންބަފައިންނާއި އެއްކޮށް އުޅުނު ނަމަވެސް އެއްވެސް އަޅާލުމެއް ނުލިބި ނަތީޖާއެއްގެ ގޮތުން މަގުމަތިވާ ކުދިންނެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކޮންމެ ކުއްޖެއް އެއީ އަދި ކުށް ކުރާ، ނުވަތަ ކުށަކަށް އަރައިގަނެފާނެ ކުއްޖަކަށް ނުވެ ހިނގައިދާނެ އެވެ. އެކަމަށް އޮތް ތަނަކީ، ޖުވެނައިލް ޖަސްޓިސް އެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެ ޑިޕާޓްމަންޓުގެ މަސައްކަތަކީ، ކުށަށް ހުށަހެޅުމުގެ ބޯޑަރ ލައިން ނުވަތަ ނުރައްކަލުގައިވާ ކުދިން އެ މާހައުލުން ދުރުހެލިކޮށް އަނބުރާ މުޖުތަމައަށް ގެނައުމެވެ.

ވަލްނަރަބަލް ކުއްޖާއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ޕްރޮގްރާމް ހިންގުމަކީ ޑީޖޭޖޭގެ ޒިންމާއެކެވެ. ދައުލަތެއްގެ ގޮތުގައި، އެޅެން އޮތް ފިޔަވަޅަކީ އެ ކުދިން ވަގުތީ ގޮތުން ނުވަތަ ދާއިމީކޮށް ބެލުމުގެ ދަށަށް ނަގައި އަމާން ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމެވެ. އެ ޒިންމާ އޮތީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕަމަންޓް މިނިސްޓްރީއަށެވެ. އެކަމަކު ސޯޝަލް މިނިސްޓްރީއަކީ މެންޑޭޓާއި މަސައްކަތް ފުޅާ، ގިނަ ދާއިރާތަކެއް ބަލަހައްޓަން ޖެހޭ ވުޒާރާއެކެވެ. ނުކަތާވަރަށް މަސައްކަތް ހުރުމުން، އެތައް ހާސްކަމެއް ދޫވެ ބޮއްސުންލައިފައި އޮތް މިނިސްޓްރީއެކެވެ. ތަނަށް ހޭވެރިކަމެއް އަންނަނީ، މިނިސްޓްރީއަށް ފްލެގުވެފައި ހުރި ކުއްޖެއް ކުށެއްކޮށްގެން ނުވަތަ ވިކްޓިމައިޒްވުމުން ރައްޔިތުން ކެކި އަރައިގަތުމުންނެވެ. އެކަމުގެ އެތައް މިސާލެއް ދެއްކިދާނެ އެވެ.

ދެން އޮތް ސުވާލަކީ، ގާނޫނުގައި ހުރި މައްސަލަތަކަކީ ކޮބައިތޯ އެވެ. މަގުމަތީ އުޅޭ ކުއްޖަކު ފާހަގަވެ ފުލުހުންނަށް ވަގުތުން ގޮސް ސުވާލު ކުރެވިދާނެތޯ، ނުވަތަ ތުހުމަތެއް ކުރެވޭ ހާލަތުގައި ބަލައި ފާސްކުރެވިދާނެތޯ އެވެ. އެކަމަކު ގާނޫނުން އެ ފުރުސަތު އޮތީ ވަރަށް ހަނިކޮށެވެ. އުމުރުން 15 އަހަރު ނުފުރޭ ކުއްޖަކު، ޖިނާއީ މަސްއޫލިއްޔަތު އުފުލާކަށް ނުޖެހޭނެ އެވެ.

އުމުރުން 15 އަހަރު ނުވާ ކުދިންނަށް އެޅޭނެ އެއްވެސް ގާނޫނީ ފިޔަވަޅެއް ނެތްކަމަށް އޮތީީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 111 ވަނަ މާއްދާއަށެވެ. އެ މާއްދާގައި ލިޔެފައި ވަނީ ”މި ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް ޕްރޮގްރާމްތައް ހިންގުމުގައި، އެއްވެސް ހާލެއްގައި، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަށްވުރެ ހަގު ޢުމުރުގެ ކުދިންނާމެދު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅައިގެން ނުވާނެ“ ކަމަށެވެ.

ދެން އޮތ އެ ގާނޫނުގެ 20 ވަނަ ބާބުގައި ބަޔާން ކުރާ ކުޑަކުދިން ކުށް ކުރުމާ ދުރު ކުރުމުގެ ބާބެވެ. 4 މާއްދާ ހިމެނޭ އެ ބާބުގައި ބަޔާން ކުރަނީ، ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށް އޮތް ދައުލަތުގެ ޒިންމާ އެވެ. އެ މާއްދާގެ (ނ) ގައި، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރަށްވުރެ ހަގު ކުދިންގެ ތެރެއިން ކުށަށް އަރިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުގެ ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރިހެބިލިޓޭޝަން އަދި އެ ނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް، ދައުލަތުން ހަމަޖައްސަންވާނެކަމަށް ބުނެއެވެ.

ޖެހިގެން އޮތް މާއްދާގައި އޮތީ ޕްރޮގްރާމްތައް ހިންގަން ވާނީ ޑީޖޭޖޭއިންކަމަށާއި، އެކަން ކުރާނީ ކުދިންގެ މައިންބަފައިންނާއި އާއިލާއާއި ކިޔަވައިދޭ ތަންތަނާއި އެ ނޫން ވެސް މީހުންނާއި އެކު ކަމަށެވެ. މިކަން ކުރާނެ ގޮތުގެ ގަވާއިދުތައް ހަދަންވާނެކަމަށް ވެސް އެ މާއްދާގައި އޮވެއެވެ.

ކޮންމެއަކަސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮތީ ގިނަ އިސްލާހުތަކެއް ބޭނުންވާ ގޮތަކަށެވެ. ރާއްޖޭގެ ނިޒާމުގެ ތެރެއަށް ފަައްތަން ޖެހިފައެވެ.

މި ގާނޫނު އޮތް ގޮތުން މީގެ ކުރިން ވެސް ގިނަ ބައެއްގެ ފާޑުކިއުމާއި ކަންބޮޑުވުންތައް އައެވެ. އެއީ ކުށް ކުރާ ކުދިންގެ އަދަދު އިތުރުވުމާއި ހާއްސަކޮށް މަރުގެ އެކި މައްސަލަތަކުގައި އުމުރުން 18 އަހަރުވުމާއި ގާތްވެފައި ތިބޭ ކުދިން ހައްޔަރުކުރަން ޖެހުމެވެ.

ބައެއް ހުކުމްތަތަކުގައި ފަނޑިޔާރުން ވެސް އެކަން ފާހަގަކުރާއިރު އައިޖީއެމްއެޗް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ، ނޫރު އާދަމް މަރާލި މައްސަލައިގެ ހުކުމް މީގެ ތެރޭގައި ހިމެނެ އެވެ. އޭރު 18 އަހަރު ނުވާ، އަދި މިހާރު އުމުރުން 26 އަހަރުވެފައިވާ އެ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި ހައިކޯޓުގެ ހުކުމުގައި ވަނީ ވާރިސުން ބޭނުން ވަނީ މަރުގެ އަދަބު ދޭން ނަމަވެސް އެ އަދަބު ކުޑަކުދިންގެ އަދުލުގެ ގާނޫނުން ދެވެން ނެތް ކަމަށެވެ.

މި މައްސަލައިގައި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވެފައި ވަނީ މީހަކު މެރިކަން ސާބިތުވުމުން ދިރިހުރުމުގެ ހައްގެއް ގާނޫނީ ގޮތުން އޮވެގެން ނުވާނެ ކަމަށެވެ. ދިރިހުރުމުގެ ހައްގަކީ އެއީ ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ނަމަވެސް އެއްވެސް ހައްގަކާ ނުލައި މީހަކު މަރާލުމުން މަރުގެ އަދަބު ދިނުމަށް ހުރަސް އެޅޭނެ ސަބަބެއް ނޫންކަމަށް ވެސް ރައުޔުގައި ފަނޑިޔާރު ލިޔުއްވާފައި ވެއެވެ. އަދި ވިދާޅުވީ މިއީ ގާނޫނު ހިނގާތަނެއްގައި ކަން ވެގެންވާނެ ގޮތެއް ނޫންކަމަށެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 1-74 ވަނަ މާއްދާގެ (ށ) ގައި ވަނީ އުމުރުން 18 އަހަރުވުމަށް ފަހު ވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކުކޮށްފައިވާކަމަށް ޝަރީއަތަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ ކަމަށެވެ. ވާރިސުން ބޭނުން ވަނީ، މަރަށް މަރު ހިފަން ނަމަވެސް ކުށް ކުރިއިރު 18 ނުފުރޭނަމަ، އޭނާއަށް ދޮށީ އުމުރެއްގައި ވެސް އެ ކުށަށް މަރުގެ އަދަބު ނުދެވޭނެ އެވެ. އަދި އޭނާއާއި މެދު އަމަލު ކުރަން ޖެހޭނީ ކުޑަކުއްޖެއްގެ ގޮތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: