އާސަންދަ ސްކީމްގެ ދަށުން ބޭސް ކަވަރުކުރުން މެދުކަނޑާނުލާނެކަމަށް އެކުންފުނިން ބުނެފި އެވެ.
އާސަންދައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިން ދެމުން އައި ގޮތަށް އާސަންދަ ސްކީމްގެ ދަށުން ބޭހުގެ ޚިދުމަތް މިހާރުވެސް ދެމުންދާ ކަމަށެވެ. އަދި އާސަންދަ ސްކީމްގެ ދަށުން ކަވަރކުރާ ބޭސްތަކުގެ ތަފްސީލު އާސަންދަ ވެބްސައިޓުން ފެންނާނެ ކަމަށް ވަނީ ބުނެފައެވެ.
އާސަންދަ ސްކީމުން ކަވަރު ނުކުރާ ޚިދުމަތަކާ ގުޅިގެން ދޭ ބޭހެއްނަމަ، ބޭސް ސިޓީގައި ”ނޮޓް ކަވަރޑް“ ލިޔެފައި އޮންނާނެކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އާސަންދައިގެ ދަށުން ލިބޭ ބޭހެއް، ސްކީމުގެ ދަށުން ޚިދުމަތްދޭ ބޭސް ފިހާރައަކުން ގަންނަން ޖެހިއްޖެނަމަ އެކަން ”ޝިކާވަތި“ ޗެޓްލައިން މެދުވެރިކޮށް ރިޕޯޓުކުރުމަށް އާސަންދައިންވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، އާސަންދަ ނިޒާމަކީ ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ނިޒާމަކަށް ހެދުމުގެ މަޤްޞަދުގައި، އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގަށް ބަދަލު ގެނައުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ވަނީ ނިންމާފައެވެ.

