ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމުން ދުރުވުމަށް ބާރު އެޅުމުގެ ގޮތުން، ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ސިއްހަތާއިބެހޭ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ދުންފަތާ ދުރުވާން ބާރު އެޅުމަށް ދުންފަތާ ދުރުވުމުގެ ފަރުވާއަށް ބޭނުންވާ ނިކޮޓިން ޕެޗު، ގަމް ފަދަ ތަކެތި އާސަންދައިން ކަށަވަރުކުރާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތައް މަދު ކުރުމަށްޓަކައި މާސްޓާ ޕްލޭނެއް އެކުލަވައިލައިފައިވާ ކަމަށެވެ.
އެގޮތުން، ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ބޮޑު ކުރުމާއި ރާއްޖެއަށް ވޭޕް އެތެރެކޮށް ވިއްކުން މަނާކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށާއި އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން އާދަވެފައިވާ މީހުން އެކަމުން ދުރުވާން އެހީވެދޭ ސިޒޭޝަން ކްލިނިކްތައް ހުރިހާ ރަށެއްގައި ގާއިމްކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. ސިޒޭޝަންގެ ހިދުމަތް ފަސޭހައިން ލިބޭ ގޮތް ހެދުމަށް ކުއިޓް ލައިން އެއް ގާއިމު ކުރެވިފައިވާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސްޓީއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ހޮސްޕިޓަލްތައް ގާއިމުކޮށްފައިވާ ރަށްތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

