ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙުތުބާ: މަސައްކަތުގައި އުޅުމަކީ ނަމާދަށް ފަރުވާކުޑަކުރަންޖެހޭ ސަބަބެއް ނޫން

ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރަންޖެހޭ ސަބަބެއް ނޫން ކަމަށް މިއަދުގެ ޙުތުބާގައި ބުނެފިއެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދަކީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެއް ކަމަށެވެ. ރަށުގައި ގާއިމުވެހުރި މީހާއާއި ދަތުރެއްގެމަތީގައިވާ މީހާއާއި ބަލި ތަންމަތީގައި އޮންނަ މީހާ ވެސް ކުރާން އަންގަވައިފައިވާ އަޅުކަމެއް ކަމަށެވެ. އަދި އެ އަޅުކަން ނުކުރެވޭނެ ހަމައެކަނި ހާލަތަކީ ތިމާގެ ބުއްދި ފިލައިދިއުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެ މަތިވެރި އަޅުކަމަށް ވަގުތު ހުސްކުރަން ޖެހެނީ، ދުނިޔެވީ ގޮތުން ކުރަން ހުރި، ހުރިހައި ކަމެއް ނިމުމުން، ކުރާ ކަމެއްކަމުގައި އެއްވެސް ހާލެއްގައި ދެކިގެންނުވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އަޅާގެ އަމަލުތަކުގެ ތެރެއިން ގިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެއްވޭނީ ނަމާދާ މެދުގައި ކަމަށް މިއަދުގެ ޙުތުބާގައި ވަނީ ހަނދާކޮށްދީފައެވެ.

މީގެ އިތުރުން، ދިވެހީންނަކީ ޒަމާނުއްސުރެ ބުރަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާ ބަޔެއްކަމަށާއި ހާއްސަކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން ފާހަގަކުރެވެއެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ، ދުވާލުގެ ގިނަ ވަގުތު ތަކުގައި އަވަދިނެތި ވަޒީފާތަކުގައި އުޅޭ ބަޔެއްކަމަށާއި އޮފީސްތަކާއި ކުންފުނިތަކާއި ފިހާރަތަކުގައި ވަޒީފާގައި އުޅޭ ދިވެހިން ވެސް ވަރަށް ގިނަކަން ވަނީ ފާހަގަކޮށްފައެވެ. މި ގޮތަށް ދުވާލުގެ ވަގުތުތައް ހޭދަކުރާ އިރު، ނަމާދުތަކަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ ސުވާލުކުރާން ޖެހޭ ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.

މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރަން ޖެހޭ ސަބަބެއް ނޫން ކަމަށާއި ދިރިއުޅުމުގެ ބޭނުން ފުއްދުމަށް ޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިއަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރަން އަވަސްވެގަންނަން ޖެހޭ ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ. ނަމަވެސް ބައެއް ބާވަތުގެ މަސައްކަތުގައި އުޅެންޖެހޭ ގޮތުން މިސްކިތުގެ ޖަމާޢަތަށް ހާޒިރުވުމަށް ދަތިތަކެއް ހުރެދާނެކަމަށާއި އެފަދަ މީހުންނަށް އޮތީ އެތިބި ތަނެއްގައި ތިބެ ނަމާދުކުރުން ކަމަށް ވަނީ ބުނެފައެވެ. މިސްކިތު ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން ކަމަށް ޙުތުބާގައި ވަނީ ފާޙަގަކުރައްވައިފައެވެ.

ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ ޢަމަލުތައް ސީދާވެ ކުރާ މަސައްކަތުގައި ބަރަކާތް ލައްވާނެ ކަމެކެވެ. ދީނުގައި އަންގަވައިފައިވާ ގޮތުގެ މަތިން، ނަމާދުތައް އޭގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތަކާއި މުސްތަޙައްބު ކަންތައް ފުރިހަމަކޮށްފި މީހާއަށް ލިބޭ ފައިދާތަކުގެ ތެރޭގައި ފާޙިޝްކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިކޮށްދިނުމާއި، ވަގުތަށް ކަމޭހިތުމާއި، އަމުރަށް ކިޔަމަންވުމާއި، ﷲ އަށް ބިރުވެތިވެ ޚުޝޫޢަތްތެރިވުން ފަދަ ކަންކަން ހިމެނެއެވެ.

ނަމާދަކީ އަހަރެމެން އެންމެންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ އަޅުކަމަކަށްވީ ހިނދު، ހުކުރުގެ ޖަމާޢަތަށް ސަމާލުކަން ދޭ ފަދައިން ފަރުޟު ފަސް ނަމާދަށް ވެސް ސަމާލުކަން ދިނުމަށް ޙުތުބާގައި ވަނީ ބުނެފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޢުމުރުން ދުވަސްވެފައިވާ މީހުން ނަމާދަށް ފަރުވާތެރިވާ މަންޒަރަކީ ނުހަނު އުފާވެރިކަން ހިތަށް ގެނުވާ މަންޒަރެއް ކަމަށާއި ހިތާމައަކީ ޒުވާނުންނާއި ފުރާވަރުގެ ކުދީން މިސްކިތްތަކުން ފެންނަ ޢަދަދު މަދުވުން ކަމުގައި ޙުތުބާގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: