ފެނަކަ ކޯޕަރޭޝަންގެ ދަރަނިތައް ބޮޑު ނަމަވެސް، ކުންފުނިން ބޭނުންވާ ބައެއް ފިޔަވަޅުތަކާއި އެކު 2027 ގައި އެ ހާލަތުން އަރައިގަނެވެން އެބައޮތްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، އޮތް އެންމެ ބޮޑު ކަންބޮޑުވުކަމަކީ ދަރަނީގެ ހާލަތެވެ. ރާއްޖޭގެ 120 ބިލިއަން ރުފިޔާގެ ދަރަންޏާއި އެކު އެތެރޭގެ ދަރަނި 08 ބިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ ތެރެއިން އެންމެ ހާލަތު ގޯސްކޮށް އޮތީ ފެނަކައިގެ އެވެ. އެގޮތުން ކުންފުނީގެ އެތެރޭގެ ދަރަންޏާއި އެކު، ކުރީގެ ވެރިންގެ މައްޗަށް ހިޔާނާތާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ބޮޑެތި ތުހުމަތުތައް ކުރެވެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، އޭނާ ކުންފުންޏާއި ހަވާލުވިއިރު ޖުމްލަ ދަރަނި ހުރީ 4.3 ބިލިއަން ރުފިޔާގައިކަމަށެވެ. ކުންފުނީގެ ހަރަދުތައް އިންތިހާއަށް ބޮޑުވެ، މާލީ ހާލަތު ދަށްވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެކަމުން އަރައިގަތުމަށްކަމަށް މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ އެންމެ ބޮޑަށް ފާހަގަކުރެވުނީ، ކުންފުންޏަށް ކުރާނެ އެއްވެސް މަސައްކަތެއް ނެތިވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވުން ކަމަށެވެ. އަދި ކުންފުނިން ބޮޑެތި އިންވެސްޓްމަންޓުތައްކޮށް، ލޯނުތައް ވެސް ނަގާފައި ހުރިކަން ފާހަގަކުރި އެވެ.
މުއާޒް ވިދާޅުވި ގޮތުގައި ކުންފުނީގެ އާމްދަނީގެ އިތުރަށް، ކުރަން ޖެހޭ ހޭދަ މަހެއްގެ މައްޗަށް 85 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީން އެކަނި ހާލަތުން އަރައިގަނެވެން ނެތްކަމަށް މުއާޒް ވިދާޅުވި އެވެ.
ކުންފުނީގެ ހަރަދުތަކާއި ގުޅޭގޮތުން މުއާޒް ވިދާޅުވީ ނަރުދަމާގެ ސަބްސިޑީގެ ގޮތުގައި ކުންފުންޏަށް ލިބެނީ 11 މިލިއަން ރުފިޔާކަމަށާއި، އޭގެ ބަދަލުގައި ހަރަދުވާ މިންވަރަށް ސަބްސިޑީ ލިބެން ޖެހޭކަމަށެވެ. ނަރުދަމާގެ މަސައްކަތްތަކަށް 35 މިލިއަން ރުފިޔާ ހަރަދުވާއިރު މުއާޒް ވިދާޅުވި ގޮތުގައި ކުންފުނީގެ ލޯނުތައް ދައްކަމުން ފިނޭންސް މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާ ދައްކަން ދަތިތައް ދިމާވެ އެވެ. އެހެންވެ މުއާޒް ހަރަދުތައް ފޫބޭއްދުމަށްޓަކައި މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާ ތިން އަހަރަށް މަޑުޖައްސާލުމަކީ ރަނގަޅު ފިޔަވަޅެއްކަމަށް ދެކޭކަމަށެވެ.
މީގެއިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ނަގާފައިވާ 400 މިލިއަން ރުފިޔާގެ ދެ ލޯނު ރީސްޓްރަކްޗާރ ކުރުމާއި އެކު ސަރުކާރުން ފެނަކައަށް ލިބެން ޖެހޭ ފައިސާ މަހުން މަހަށް ލިބޭނަމަ ވެސް ކުންފުންޏަށް ލުއިވާނެކަމަށް މުއާޒް ވިދާޅުވި އެވެ.
2027 އަންނަންވާއިރަށް ކުންފުނީގެ ދަރަނިން އެއްކޮށް ސަލާމަތްވުމަށް ކުރާ މަސައްކަތް މި ފިޔަވަޅުތަކާއި އެކު ކާމިޔާބު ކުރެވޭނެކަމަށް މުއާޒް ގަބޫލު ކުރައްވަ އެވެ.
ފެނަކައިގެ ދަރަނީގެ ހާލަތު އިންތިހާއަށް ގޯސްއިރު މިއީ ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަނުގެ އެންމެ ގިނަ މައްސަލަތައް ފެންމަތިވާ ކުންފުންޏެވެ. އެގޮތުން ކުރީ ސަރުކާރުގެ ވެސް ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

