އެމެރިކަން އެކްސްޕްރެސް (އެމެކްސް) އާއި ބޭންކް އޮފް މޯލްޑިވްސްގެ އެކްސްކުލޫސިވް ޕާރޓްނަރޝިޕަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
މި ހަލްފާގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ 2004 އިން ފެށިގެން، އެމެރިކަން އެކްސްޕްރެސް އާއި ބޭންކް އޮފް މޯލްޑިވްސްގެ އޮތް ގުޅުމަކީ ހަމައެކަނި ކާޑު ޕާޓްނަރެއްގެ ގުޅުމެއް ނޫންކަމަށެވެ. އެ ގުޅުމަކީ ބޭންކެއްގެ ގޮތުގައި ބީއެމްއެލްއަށް ލިބުނު ކުރިއެރުމާއި ކާމިޔާބީގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދިން ގުޅުމެއް ކަމަށާއި އެމެކްސް އަކީ ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރަމުންދާ އެތައް ބައެއް ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދިން ފަރާތެއް ކަމަށެވެ. އަދި އެމެކްސް އާއެކު ގާއިމުކުރެވުނީ މުޅި ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ނިޒާމެއް ގާއިމްކުރުމުގެ ބިންގާ ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.
“ އަޅުގަނޑުގެ ހަނދާނަށް އަންނަނީ އަޅުގަނޑުމެން ފުރަތަމަ ދިވެހިރާއްޖެއަށް ކްރެޑިޓް ކާޑު ތަޢާރަފުކުރި ދުވަސް. އަޅުގަނޑު މިކަން ހަނދާންކުރަނީ ވަރަށް ބޮޑު ފަޚުރުވެރިކަމާއެކުގަ. އެއީ އެ ވަގުތު، އަޅުގަނޑަށް ލިބުނު ޝަރަފަކީ މި މަޝްރޫޢު އިސްވެ ހިންގުމާއި ބޭންކުގެ އަލަށް އުފެދުނު ކާޑު ޓީމު އިސްވެ ހިންގުމުގެ ޝަރަފް. އަޅުގަނޑުމެންނަށް އެދުވަސްވަރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވި. ރާއްޖެއަށް މުޅިން އައު ހިދުމަތަކަށްވުމާއެކު އެކަމާ ގުޅޭ މަޢުލޫމާތާއި ތަޖުރިބާ އަޅުގަނޑުމެންގެ ކިބާގައި މަދުވި ނަމަވެސް، އަޅުގަނޑުމެން އެ މަސައްކަތް ފުރިހަމަކުރީ ޖޯޝާއި ފޯރީގަ. އާދެ މާ ބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކަށްވީ އެއްވެސް ލަސްކަމެއް ނުގެނެސް އަދި ހަމައެހެންމެ ހުއްޓުމެއް ނެތި ކަސްޓަމަރުންނަށްމި ހިދުމަތް ފޯރުކޮށްދިނުމަށް.“
ޝަރީފް ވިދާޅުވީ ރާއްޖެއަށް އެންމެ ފުރަތަމަ ކްރެޑިޓް ކާޑު ތަޢާރަފުކުރި ދުވަސް އަބަދުވެސް ހަނދާނަށް އަންނަ ކަމަށާއި އޭރު ދަސްވިކަމަކީ މި ހިތްވަރުގަދަ މަސައްކަތުން ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ޒަމާނީކޮށްދޭނެކަމާއި، ވިޔަފާރިތަކާއި ދަތުރުވެރިންނަށްވެސް ފަސޭހަކަމާއި، ރައްކާތެރިކަމާއި އަދި ލުއިފަސޭހަކަން ލިއްބައިދޭނެކަން ކަމަށެވެ. އެމެރިކަން އެކްސްޕްރެސްއާއެކު ބީއެމްއެލް އަށް ވަނީ މުހިންމު ކާމިޔާބީތަކާއި ލަނޑުދަތިތައް ހާސިލްވެފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ދިވެހިރާއްޖޭގައި ފުރަތަމަ ކްރެޑިޓް ކާޑުތައް ތަޢާރަފުކޮށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކަށް ދުނިޔޭގެ ފެންވަރުގެ މާލީ ހައްލުތަކަށް ވާސިލުވުމުގެ ބާރު ދީފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ބީއެމްއެލް އިން އެމެކްސްގެ ހިދުމަތް ބަލައިގަތުން ރާއްޖެއަށް ތަޢާރަފުކޮށް ކުދި ފިހާރަތަކުން ފެށިގެން ދިވެހިރާއްޖެ ދުނިޔޭގެ މަންޒިލަކަށް ހަދާފައިވާ ރިސޯޓުތަކާ ހަމައަށް އަވަސް ސްޕީޑެއްގައި ވަނީ ފުޅާކޮށްފައެވެ.
ބީއެމްއެލް އިން އެމްކްސްއާއެކު ”އެކްސްޕީރިއަންސް މޯލްޑިވްސް“ ޑެސްޓިނޭޝަން މާކެޓިންގ ކެމްޕޭން އެއްވެސް ވަނީ ފަށާފައެވެ. އެއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުވެރިން ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ފަހި ދިރިއުޅުން ދެނެގަތުމަށް ހިތްވަރުދިނުމަށްޓައެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ކެމްޕޭނުން ދައްކުވައިދިނީ ބީއެމްއެލްގެ ޕާޓްނަރޝިޕް ބޭންކިންގއަށްވުރެ އިތުރަށް ފުޅާވެގެންދިޔަ ގޮތާއި، ޤައުމުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް އެމެކްސްގެ ފުޅާ ނެޓްވޯކްގައި ރާއްޖެ މަޝްހޫރުވެގެންދިޔަ ގޮތް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްލްގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީއަކީ، މިއަހަރު ކުރީ ކޮޅު ތަޢާރަފުކުރެވުނު ރާއްޖޭގެ ފުރަތަމަ ޝަރީޢާ ހުއްދަކުރާ ކްރެޑިޓް ކާޑު އެމެރިކަން އެކްސްޕްރެސްއާއެކު ތަޢާރަފުކުރުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ބީއެމްއެލްއަށް 20 އަހަރު ފުރުން ފާހަގަކުރާއިރު، ބޭނުންވަނީ ބޭންކް އޮފް މޯލްޑިވްސްއާއި އެމެރިކަން އެކްސްޕްރެސްގެ ޓީމުތަކުގެ ބުރަ މަސައްކަތްތައް ފާހަގަކުރަން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއް ޓީމަކުން އަނެއް ޓީމަކަށް އެއްބާރުލުން ދެމުން، އެންމެ ރަނގަޅަށް ކަންކަން ކުރުމަށް މަސައްކަތްކުރި ޓީމުތައް ކމަށާއި މި ހުރިހާ ޓީމުތަކަށް ވަރަށް ހާއްސަ ޝުކުރެއް ދައްނަވާ ކަމަށް ޝަރީފް ވިދާޅޫވިއެވެ.
ޝަރީފް ވިދާޅޫވީ ފައިސާ ދެއްކުމާއި ބޭންކިންގެ ދުނިޔެ ބަދަލުވަމުން އަންނަ ހިނދު އެމެކްސްއާއެކު، ބީއެމްއެލް ވަނީ އައު އީޖާދުތަކުގެ ކުރީ ސަފުގައި ތިބުމަށް އަޒުމްކަނޑައަޅާފަ ކަމަށާއި އަދި ޑިޖިޓަލް ބަދަލުތައް ގެނައުމަށް މަސައްކަތްކުރުމާއެކު، ދިވެހިރާއްޖޭގެ އާ ޖީލުތަކުން ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 8،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ހިދުމަތް ދިނުމާއި ހިދުމަތް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.

