މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އިސްތިޝާރީ ލަފަޔަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ ބަޔާނެއް ދީފިއެވެ.
އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން އުފެދޭ ގާނޫނީ ބައެއް ސުވާލުތަކާ ގުޅޭ ގޮތުން، އައިސީޖޭ ގެ ސްޓެޓިއުޓްގެ 65 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން އެ ކޯޓުގެ އިސްތިރާޝީ ލަފަޔެއް ހޯދުމަށް އެދި އދ. ގެ 77 ވަނަ އާންމު މަޖިލީހުގެ 267/77 ވަނަ ގަރާރުގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. މި މައްސަލައިގައި ކުރިއަށްދާ އާންމުކޮށް ހުޅުވާލެވިގެން ބޭއްވި އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާނެއް ހުށައެޅުމުގެ ފުރުސަތު ގައުމުތަކަށާއ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކަށް ވަނީ ހުޅުވާލައިފައެވެ.
އެގޮތުން އައިސީޖޭގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވަމުން ބަންޑާރަނައިބު އަހްމަދު އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވާ ދިވެހިރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުއިން އެހީ ފޯރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި މޫސުމަށް އަންން ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ދިވެހިރާއްޖެ ނާޒުކުކަށް ފާހަގަކުރައްވައި އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަންޖެހުމަކީ ދިވެހި ސަރުކާރު ދެކޮޅު ކަމެއްކަން ފާހަގަކުރައްވާފައެވެ.
މިއަދުގެ އަޑު އެހުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ބައިނަލްއަގުވާމީ ވަކީލުން ހުށައެޅުއްވި ބަޔާޏްތަކުގައި ތިމާވެއްޓާއި ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ދިވެހިރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮސްދިނުމަށް އޮންނަ ޒިންމާއަށް އަލިއަޅުވައިލައްވާ، ކަސްޓަމަރީ އިންޓަރނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމަ ތަފްސީލުކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖުތަމައުއާ ގުޅިގެން މަސައްކަތްކުރުމުގައާއި ދިވެހި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށް އޭޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

