”ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް“ އަދި ”ސައިބަރސެކިއުރިޓީ ބިލް“އަށް ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ފަށައިފިއެވެ.
މިއީ ފަރުދުންގެ ޒާތީ މައުލޫމާތު ހިމާޔަތްކުރުމަށް ޑްރާފްޓްކޮށްފައިވާ ”ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް“ އަދި ސައިބަރސެކިއުރިޓީ ހަރުދަނާ ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ”ސައިބަރސެކިއުރިޓީ ބިލް“އަށް ޚިޔާލު ހޯދުމުގެ ގޮތުން މި ދާއިރާތަކުގައި ހިމެނޭ ސްޓޭކްހޯލްޑަރުންނާއި އެކު ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުން ކުރިއަށްގެންދަނީ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށުން ހިންގާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑެޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާރސިފިކޭޝަން (ޑީ.މެޑް) ޕްރޮޖެކްޓް ގުޅިގެންނެވެ.
މި ބައްދަލުވުމުގައި ސަރުކާރާއި ދައުލަތުގެ އިދާރާތަކާއި، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ބައިވެރިންގެ އިތުރުން ވޯލްޑް ބޭންކުގެ ހާއްސަ ޓީމަކާއި އެން.ސީ.އައި.ޓީ އާއި ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ (އެން.ސީ.އެސް.އޭ)ގެ ބޭފުޅުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުސެއިން ވަނީ ”ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް“ ހުށައަޅާދެއްވާފައެވެ.
ބިލާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށްޓަކައި ބައިވެރިންގެ މެދުގައި ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ވޯލްޑް ބޭންކުގެ ބޭފުޅުންވެސްވަނީ ސެޝަންތަކެއް ނަންގަވާދެއްވާފައެވެ. އަދި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ސެޝަންތަކުގެ ތެރޭގައި އެން.ސީ.އެސް.އޭގެ ސީ.އީ.އޯ ޑރ. އަހުމަދު ނައުފަލް އަބްދުލް ހާދީ ”ސައިބަރސެކިއުރިޓީ ބިލް“ ހުށައަޅައިދެއްވުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.

