މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ޤައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދި އދ ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި، އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ ބަޔާނެއް ދީފިއެވެ.
މިއީ، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ޤައުމުތަކުގެ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން އުފެދޭ ޤާނޫނީ ބައެއް ސުވާލުތަކާ ގުޅޭގޮތުން، އައިސީޖޭގެ ސްޓެޓިއުޓްގެ 65 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އެ ކޯޓުގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށް އެދި އދ ގެ 77 ވަނަ އާންމު މަޖިލީހުގެ 77/276 ވަނަ ގަރާރުގެ ދަށުން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ކުރިއަށްދާ ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާނެއް ހުށަހެޅުމުގެ ފުރުޞަތު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ.
އެގޮތުން އައިސީޖޭގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވަމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ކެނޑިނޭޅި ވަކާލާތުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުން ފާހަގަކުރައްވައި، ދިވެހިރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ބައިނަލްއަޤްވާމީ މުޖުތަމައުއިން އެހީ ފޯރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާ އަސަރުތަކަށް ދިވެހިރާއްޖެ ނާޒުކުކަން ފާހަގަކުރައްވައި، އެ އަސަރުތަކުގެ ސަބަބުން ދިވެހި ރައްޔިތުން ދިރިއުޅެމުންދާ ރަށް ބަދަލުކުރަންޖެހުމަކީ ދިވެހި ސަރުކާރު ދެކޮޅު ކަމެއްކަން އުޝާމް ފާހަގަކުރައްވާފައިވެއެވެ.
މި އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަޤްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ތިމާވެއްޓާބެހޭ ބައިނަލްއަޤްވާމީ ގާޤާނޫނުތަކުގެ ދަށުން ދިވެހިރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޮންނަ ޒިންމާއަށް އަލިއަޅުއްވާލައްވައި، ކަސްޓަމަރީ އިންޓަނޭޝަނަލް ލޯގެ ދަށުން ގައުމުތަކަށް އެއްބާރުލުން ދިނުމަށް އޮންނަ ޒިންމާ ތަފްސީލު ކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީ ފޯރުކޮށްދިނުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ މަސްއޫލިއްޔަތެއްކަން ވަނީ ފާހަގަކުރައްވާފަ އެވެ.

